ނަސްރު ބޯޓު އަޑިއަށް ދިޔުން: ގެއްލުން ލިބުނު މީހުންނަށް ބަދަލު ދޭން، މައުލޫމާތު ހުށަހަޅަން އެދިއްޖެ

ޅ. އަތޮޅާ މާ ދުރުނޫން ހިސާބަކުން ދިޔަވެގެން އަޑިއަށް ދިޔަ ނަސްރު ބޯޓު: 'ނަސްރު' ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ގެއްލުންވި ވިޔަފާރިތަކުން މައުލޫމާތު ހުށަހެޅުމަށް ކުމުންދޫ ކައުންސިލުން ވަނީ އެދިފައި --- ފޮޓޯ: އެމްއެންޑީއެފް

މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ނަސްރު' މިދިޔަ ބުރާސްފަތި ދުވަހު އަޑިއަށް ދިޔުމާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމުގެ މަސައްކަތް ކުރާތީ، ގެއްލުން ލިބުނު މީހުން އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހދ. ކުމުންދޫ ކައުންސިލުން އެދިއްޖެއެވެ.

ހދ. ނޭކުރެންދޫގެ 'ނަސްރު' ބޯޓު އަޑިއަށް ދިޔައީ، ޅ. އަޅިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލުންނެވެ. އެ ބޯޓުގައި އޭރު ތިބީ ފަސް ފަޅުވެރިން ކަމަށްވާއިރު، ބޯޓު އަޑިއަށްދިޔުމުގެ ކުރިން އެމްއެންޑީއެފުން ވަނީ އެ މީހުން ސަލާމަތްކޮށްފައެވެ.

ކުމުންދޫ ކައުންސިލުން މިއަދު ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ ނޭކުރެންދޫ 'ނަޞްރު' ބޯޓު އަޑިއަށް ދިޔުމާ ގުޅިގެން ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް ކުމުންދޫ ކައުންސިލުން ބޭނުންވާ ކަމަށެވެ.

އެހެންވެ، އޮންލައިންކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އެ ފޯމުގައި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު ފަދަ މައުލޫމާތުގެ އިތުރަށް، ބޯޓުގައި ހުރީ އެ މީހެއްގެ ކޮން މުދަލެއް ކަމާއި އޭގެ އަގު ބުނެދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކުމުންދޫ ކައުންސިލުން ބުނީ އެ މައުލޫމާތު އެއްކުރަނީ ކައުންސިލުން ތައްޔާރު ކުރަމުންދާ ރިޕޯޓަކަށް ކަމަށެވެ. އަދި މި ރިޕޯޓް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ހިއްސާ ކުރާނެ ކަމަށާއި ގެއްލުމުގެ ބަދަލު ހަމަޖެއްސުން އެއީ އެ އޮތޯރިޓީގެ ފަރާތުން ކުރާކަމެއްކަމުގައި އެ ކައުންސިލުން ބުނެފައިވެއެވެ.

އެ ފޯމު ފުރުމަށް، ހޯމަ ދުވަހުގެ ނިޔަލަށް ވަނީ މުހުލަތެއް ދީފައެވެ.

https://sun.mv/212785

ނަސްރު ބޯޓު އަޑިއަށް ދިޔައީ މޫސުން ގޯސްވެ، ކަނޑުގަދަ ވެފައިވަނިކޮށެވެ. އެ ހާދިސާ ހިނގުމުގެ ކުރިން، ބުދަ ދުވަހުގެ ރޭ، މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފައިވެއެވެ.

އެ ހާދިސާގައި، ބޯޓުގައި ތިބި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ސަލާމަތްކުރިއެވެ. ބާކީ ތިން މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް، ދެ މީހަކު މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ. ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު، އެއީ ވެސް ބިދޭސީއެކެވެ.

comment ކޮމެންޓް