މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ މީހަކު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ ދޫކޮށްލައިފިއެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތު ކުރެވިފައިވަނިކޮށް ދޫކޮށްލާފައިވަނީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދެވެ.
ރެކޯޑްތަކުން ދައްކާ ގޮތުން، އަލީ އަންވަރު މުހައްމަދަކީ، 2019 ވަނަ އަހަރު، އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށް ދައުލަތުން ދައުވާ ކުރި މީހެކެވެ.
އެކަމަކު ރިކޯޑްތަކުން ދައްކާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ކައިރިން އަތުލައިގަތް އީރާނުގެ މި ''އަލްޝަބާން'' ކިޔާ މި ބޯޓުން ޑްރަގު ފެނުނު މައްސަލައިގައި ކުރި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވަނީ ފަހުން އަނބުރާ ގެންގޮސްފައެވެ.
އަލީ އަންވަރު މުހައްމަދު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ ހަފްތާގައެވެ. އެކަމަކު އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވެގެން، މިއަދު އަލުން ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދުވަނީ އޭނާ ދޫކޮށްލާފައެވެ.
އަލީ އަންވަރު މުހައްމަދު ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ ފާހަގަ ކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ފުލުހުން އަމަލުކުރި ގޮތެވެ. އެއީ، އަލީ އަންވަރު މުހައްމަދު ހައްޔަރު ކުރުމުގެ އަމުރަކާއި އޭނާގެ ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.
ގާޒީ ވިދާޅުވެފައިވާ ގޮތުގައި ފުލުހުން އަލީ އަންވަރު މުހައްމަދުގެ ތަންތަން ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން ތަންތަން ބަލައި ފާސްކުރީ އޭނާ ހައްޔަރު ކުރުމަށް ފަހުއެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާ ބަލައި ފާސްކުރިއިރު ތުހުމަތު ކުރެވޭ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އޭނާ ބަންދުން ދޫކޮށްލި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓު އަމުރަކާއެކު އޭނާ ހައްޔަރު ކޮށްފައިވަނީ ދިރާގު ހެޑް އޮފީސް ކައިރިންނެވެ. އެއީ މިދިޔަ ހަފްތާގައެވެ.
ރިކޯޑްތަކުން ދައްކާ ގޮތުން، 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓެއްކަމަށްވާ ''އަލްޝަބާން'' އިން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފަސް ދިވެހިންނާއި އީރާންގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކުރި ކޭސްގެ ބޮޑެއްކަމުގައި ފުލުހުން ތުހުމަތު ކުރީ އަލީ އަންވަރު މުހައްމަދެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބެލެވޭ އަލީ އަންވަރު މުހައްމަދު ކޯޓުން ދޫކޮށްލިއިރު، މި ފަހުން މަސްތުވާތަކެތީގެ ބޮޑު ކޭސްއެއްގައި ހިމެނޭ މީހެއްގެ މައްސަލަ ދައުލަތުން އެދިގެން އަނބުރާ ގެންގޮސްފައިވެއެވެ.
އެއީ 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެކެވެ. އޭގެ ފަހުން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގެ އިސްތިއުނާފު ފީ ނުދައްކައިގެންވެސް މައްސަލަ ކޯޓުން ބޭރުކޮށްލާފައިވެއެވެ.
 
											
										 
					 
                 
                                                            