600އަށް ވުރެ ގިނަ މީހުން އެއްފަހަރާ ފީނައި ބ. އަތޮޅު ދުނިޔޭގެ ރެކޯޑު ފޮތަށް

ބ. އަތޮޅުގައި ބޭއްވި ފީނުމުގެ ހަރަކާތުގެ ތެރެއިން: 623 މީހުނާއެކު ރެކޯޑު ވަނީ މުގުރާލައިފަ --- ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން

ބ. އަތޮޅުގައި 600އަށް ވުރެ ގިނަ މީހުން އެއްފަހަރާ ފީނައިގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ ކޯޕަރޭޝަނާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން "ބާނި"ގެ ނަމުގައި ހިންގި މި ހަރަކާތުގައި އެ އަތޮޅުގެ 15 ރިސޯޓަކާއި 13 ރަށަކުން 623 މީހުން ބައިވެރިވި ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 4:30އިން ފެށިގެން ގަޑިއިރެއް ވަންދެން ބ. އަތޮޅުގެ ވިލިނގިލިފަރުގައި ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ފީނުމުގެ މި ހަރަކާތުގައި ބައިވެރިން ރެކޯޑު ހެދުމަށްޓަކައި ދޮޅު މިނެޓު ވަނީ ހޭދަކޮށްފައެވެ.

މި ހަރަކާތާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ހަރަކާތުން ފެނިގެން ދިޔައީ ދިވެހީންގެ އެއްބައިވަންތަކަން ކަމަށާއި، ދިވެހީންގެ ކަނޑު ހިމާޔަތްކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދޭން ދިވެހީން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

މި ހަރަކާތަށް ފަހު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ވަނީ ރެކޯޑު މުގުރާލިކަމުގެ ލިއުމާއި ފިލައާއި ނިޝާން ބ. އަތޮޅު ކައުންސިލަށް އަރުވައިފައެވެ.

comment ކޮމެންޓް