އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން ސީރީޒްގެ އައިފޯން 17 ޕްރޯގެ، ޚާއްސަ ކުލައެއް ކަމަށްވާ ކޮސްމިކް އޮރެންޖް ކުލަ، ބައެއް ފޯނުތަކުގައި ގުދުރަތީގޮތުން ބަދަލުވެ ރޯޒް ޕިންކް ކުލައަށް ދާ ކަމުގެ ވާހަކަތަކެއް އާންމުވެއްޖެއެވެ.
މިކަމުގެ މަޢުލޫމާތު ފުރަތަމަ ފެންމަތިވެފައިވަނީ ރެޑިޓްގައި ހިއްސާކުރި ފޮޓޯތަކެއްގެ ސަބަބުންނެވެ.
އެޕަލް އިން އެ މީހުންގެ އައިފޯން 17 ޕްރޯ މޮޑެލްތަކަށް ކޮސްމިކް އޮރެންޖް ކުލަ ތަޢާރަފުކުރީ، ފޯނުގެ ފަރުމާ އާކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް، ރެޑިޓްގައި މީހަކު ހިއްސާކޮށްފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، އޭނާގެ އައިފޯން 17 ޕްރޯ މެކްސްގެ މެޓަލް ބައިތަކުގެ ކުލަ ވަނީ ވަރަށް ބޮޑަށް ޕިންކް ކުލައަށް ބަދަލުވެފައެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި، ފޯނުގެ ފަހަތު ކަވަރުގެ އޮރެންޖް ކުލައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، ފޯނުގެ ވަށައިގެންވާ މެޓަލް ބައިތަކާއި، ކެމެރާގެ ވަށައިގެންވާ ބައިގެ ބައެއް ހިސާބުތައް ފިޔަވައި ގިނަ ހިސާބުތަކުގެ ކުލަ ވަނީ ފަނޑުވެ، ރޯޒް ޕިންކް ކުލައަށް ބަދަލުވެފައެވެ. މިކަމުގެ ސަބަބުން، މިއީ ހަމައެކަނި ފޯނުގެ މެޓަލް އެންކްލޯޝާ އަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ބެލެވެއެވެ.

މިމައްސަލަ ދިމާވިކަމަށް މީހަކު ބުނި މިއީ ފުރަތަމަ ފަހަރު ---
މިކަމާ ގުޅޭގޮތުން ރެޑިޓް ބޭނުންކުރާ އެ މީހާ އެއްވެސް ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާ ވަނީ މި ފޮޓޯތަކަކީ ހަޤީޤީ ފޮޓޯތަކެއް ކަމަށް ބުނެފައެވެ.
އެހެންނަމަވެސް، މި މައްސަލަ އާންމުވެފައިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ސޯޝަލް މީޑިއާ ހޯދާލުމުން ވެސް މިފަދަ އިތުރު ޝަކުވާއެއް ފެންނަން ނެތުމުން، މިއީ ވަރަށް މަދު ފޯނަކަށް ދިމާވެފައިވާ ވަކިވަކި މައްސަލައެއް ކަމަށް ބެލެވެއެވެ.
ފޮޓޯތަކާއި، ކުލަ ބަދަލުވުމުގެ ވާހަކަތައް ހަޤީޤީ ކަމަށް ވާނަމަ، މިކަމުގެ އެންމެ ބޮޑު ސަބަބަކަށް ވެދާނެ ކަމަށް ބެލެވެނީ އޮކްސިޑޭޝަންއެވެ. އާންމުކޮށް މިކަން ހިނގަނީ ވަރަށް ދިގު މުއްދަތެއްގެ ތެރޭގައެވެ. އެހެންކަމުން، މިހާ އަވަހަށް މިފަދަ ބަދަލެއް އައުމަކީ އާދަޔާ ޚިލާފު ކަމެކެވެ.
އެހެން ސަބަބުތަކުގެ ތެރޭގައި، ފޯނުގެ ބޭރު ފުށަށް ބައެއް މާއްދާތައް (ސަބްސްޓެންސަސް) އެޅުން ނުވަތަ ފޯނުގައި ހިފާ އަތުގެ ތެލުގެ އަސަރު ކުރުން ހިމެނެއެވެ. ނަމަވެސް، ފޯނުގައި އާންމުކޮށް ހިފާ ހިސާބުތަކަށްވުރެ، ހިފަން އުނދަގޫ ހިސާބުތަކުގައިވެސް ކުލަ ބަދަލުވެފައިވާތީ، އަތުގެ ތެލުގެ ސަބަބުން މިކަން ވުމުގެ ފުރުސަތު ކުޑައެވެ.
އަދި، އެޕަލް އިން އެލުމިނިއަމްގައި ކުލަ ޖެއްސުމަށް ބޭނުންކުރާ އެނޯޑައިޒިންގެ މަސައްކަތުގައި ދިމާވެފައިވާ ވަރަށް މަދުން ނޫނީ ދިމާނުވާ މައްސަލައެއް ކަމަށްވެސް ވެދާނެއެވެ. އެޕަލްގެ ތަޖުރިބާ އާއި، އެމީހުންގެ މެނުފެކްޗަރިންގ ޕްރޮސެސްގެ ސާފުކަން ހުރި ނަމަވެސް، ބައެއް ފަހަރު މިފަދަ މަދު މައްސަލަތައް ދިމާވުމަކީ ވެދާނެ ކަމެކެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައްސަލަތައް ކުރިއަށް އޮތް ހަފްތާތަކުގައި ފެންމަތިވެއްޖެނަމަ، މިކަމުގެ ހަޤީޤަތް އިތުރަށް ސާފުވެގެންދާނެއެވެ.
މަސްދަރު: އެޕަލް އިންސައިޑާ