މިވަގުތަށް އިންތިހާބު ބާއްވަން ރާވާފައި އޮތް ތާރީހެއް ކަމަށް މިހާރު އޮތީ އަންނަ އަހަރުގެ މާޗް 28 ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، އަންނަ އަހަރުގެ މާޗް މަހުގެ 28 ގައި ކައުންސިލު އިންތިހާބު ބާއްވަން ރާވާފައިވާއިރު އަންނަ ޖެނުއަރީ 17ގައި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ވެސް އެ ދުވަހު ބާއްވަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ޓެންޓަޓިވްލީ ޕްލޭންކޮށްފައި ރާވާފައި އޮތްގޮތަށް ބަލާއިރުގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަމަށް މިހާރު ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަސް. އެއީ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު ބާއްވަން މިވަގުތު އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތް ރާވާފައި އޮތް ދުވަހަކީ އެ ދުވަސް،" ޒާހިދު ވިދާޅުވެފައިވެއެވެ.
ޒާހިދު ލަފާކުރެއްވި ގޮތުގައި ކައުންސިލު އިންތިހާބަށް ގާތްގަނޑަކަށް 70 އާއި 80 މިލިއަނާ ދެމެދުގެ މިންވަރަކަށް ރުފިޔާ ޚަރަދުވާނެއެވެ.
މިފަހަރުގެ އިންތިޚާބުގެ ހަރަދުކުޑަކުރުމަށް ވީހާ ވެސް ބޮޑަށް އަމާޒުކޮށްފައިވާތީ މިފަހަރުގެ އިންތިޚާބުގައި ފުރަތަަމަ ފަހަރަށް ޑިޖިޓަލްކޮށް، އީސީގެ ޕޯޓަލް މެދުވެރިކޮށް ކެންޑިޑެސީ ހުށަހެޅުމަށް ހަމަޖެހިފައިވާކަން ޒާހިދު ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު 2020ގައި ވޯޓުލުން ކުރިއަށް ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ލޯކަލް ކައުންސިލު އިންތިހާބު ބާއްވާއިރުގައި ފަސް މަހާއި ތިން މަހާ ދޭތެރޭގެ މުއްދަތުގައި ކޮންމެ ރަށެއްގެ އާބާދީއަކީ ކޮބާތޯ ބެލުމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންވެ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ދިރިއުޅޭ މީހުންގެ އާބާދީ ވަކިވަކިން އިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

އީސީގެ ރައީސް ޒާހިދު: ވިދާޅުވީ އަންނަ ޖެނުވަރީ 17 ގައި ލޯކަލް ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރާނެ ކަމަށް --- ފޮޓޯ/ އިިލެކްޝަންސް ކޮމިޝަން
މީގެ އިތުރުން ޒާހިދު ވިދާޅުވީ ވޯޓުލުމަށް ބާރުއެޅުމުގެ ގޮތުން 12 އަތޮޅެއްގެ ބޮޑެތި އާބާދީ ހިމެނޭ ގޮތަށް 36 ރަށެއްގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށްގެންދާނީ އަންނަ މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.