ފައިސާއަށްވުރެ ބޮޑަށް އަމިއްލަ ނަފުސަށް ހަމަޖެހުމެއް ހޯދައިދިނުން މުހިއްމު: އަކްޝޭ

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ދިރިއުޅުމުގައި ފައިސާ އަކީ މުހިއްމު އެއްޗެއް ކަމަށް ވިޔަސް އަމިއްލަ ސިކުނޑީގެ ދުޅަހެޔޮކަމަށް އިސްކަންދީ ސިކުނޑިއަށް ހަމަޖެހުން ހޯދުމަށް މަސައްކަތް ކުރުމަކީ މާ މުހިއްމު ކަމެއް ކަމަށް ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.

ދާދިފަހުން އަކްޝޭ ބައިވެރިވި ރިއަލިޓީ ޝޯއެއްގައި މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެކްޓަރުގެ ދެ ކުދިންނަށް ވެސް ދޭނެ ނަސޭހަތަކީ އެއީ ކަމަށެވެ.

އަކްޝޭ ބުނިގޮތުގައި އޭނާ އަކީ އާމްދަނީ ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާ އެކްޓަރެކެވެ. އެކަން އަމިއްލައަށް ވެސް ގަބޫލުކުރާ ކަމަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ވަނީ ބުނެފައެވެ. އެހެންނަމަވެސް ފައިސާއަށް އިސްކަން ނުދީ އަބަދުވެސް އިސްކަންދޭނީ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމާއި ސިކުނޑިއެއް ލުޔެއް ލިބޭނެ ދިރިއުޅުމަކަށް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

އަކްޝޭ ދަރިފުޅު އާރަވް ކުމާރުއާ އެކު--ފޮޓޯ/ޕިންކްވިލާ

ފައިސާގެ މުހިއްމުކަމާ ބެހޭގޮތުން އަކްޝޭ ބުނީ ދެ ކުދިން ކަމަށްވާ އާރަވް އާއި ނިތާރާއަށް ވެސް އަބަދުވެސް ދޭ ނަސޭހަތަކީ އަމިއްލަ ނަފްސާއި ސިކުނޑީގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަށް ކަމަށެވެ. ފައިސާ އަކީ މިއަދު ލިބި މާދަމާ ނުލިބިދާނެ އެއްޗެއް ކަމަށާއި ނަމަވެސް ދުޅަހެޔޮ ނަފްސަކާ އެކު ފައިސާ ހޯދުމަށް އަނެއްކާވެސް މަސައްކަތް ކުރެވިދާނެ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

އެއީ މިހާރު ދަސްކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ވިސްނާލުމުން އެނގޭނެ ކަންކަން ކަމަށް ކުޅަދާނަ އެކްޓަރު ވަނީ ބުނެފައެވެ.

އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމާ ބެހޭގޮތުން އަކްޝޭ ވާހަކަ ދައްކާފައިވާއިރު އޭނާ އަކީ އަހަރެއްގެ މައްޗަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ ބޮލީވުޑްގެ އެކްޓަރެވެ. އެގޮތުން އަހަރެއްގެތެރޭ އެންމެ ގިނަ ފިލްމު ކުޅޭ މަދު އެކްޓަރުންގެތެރޭ އަކްޝޭ ހިމެނެއެވެ.

ބައެއްފަހަރު އެކަމާ ގުޅިގެން އާއްމުންގެ ފާޑުކިޔުން އަކްޝޭއަށް ރައްދުވެފައި ވެސް އެބަހުއްޓެވެ. ކުރީގެ ބަތަލާ ޓުވިންކަލް ކަންނާގެ ފިރިމީހާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްކުރި ފިލްމު "ޖޮލީ އެލްއެލްބީ 3"އިންނެވެ.

އަކްޝޭ ކުރިޔަށްހުރި ފިލްމުތަކުގެ ތެރޭގައި "ވެލްކަމް ޓު ދަ ޖަންގަލް"، "ބޫތު ބަންގްލާ" އަދި "ހައިވާން" ހިމެނެއެވެ.

comment ކޮމެންޓް