ކުމުންދޫގެ ކަރާ ދަނޑުތަކަކަށް ބޮޑު ގެއްލުމެއް ދީފި

ކުމުންދޫ ދަނޑެއްގައި ކަރާތައް ހަލާކުކޮށްފައި--ފޮޓޯ: ކުމުންދޫ ކައުންސިލު މެންބަރު ޢަލީ ޤާސިމް

ހދ. ކުމުންދޫގެ ދެ ދަނޑަކަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ކުމުންދޫ ކައުންސިލުން މިއަދު ބުނެފިއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލު މެންބަރު ޢަލީ ޤާސިމް ވިދާޅުވީ ދަނޑުތަކަށް ގެއްލުން ދީފައިވާކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަން ދަނޑުވެރިންގެ ސަމާލުކަމަށް އައީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށް ޤާސިމް މައުލޫމާތު ދެއްވިއެވެ. މި ހާދިސާ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ މީހެއްގެ ދަނޑުގައި ހައްދާފައިވާ ހުރިހާ ކަރާތައް ހަލާކުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދަނޑުގަައި ހުރި ކަރާތަކުގެ އިތުރުން ދަނޑުވެރިން ގެންގުޅޭ ބޭސް އަދި އެހެނިހެން ތަކެއްޗަށް ވެސް ގެއްލުންދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދެ ދަނޑުގައި ކަރާގެ އިތުރުން ކިއުކަމްބާ، މެލަން އަދި ލެޓިއުސް ކަހަލަ ބާވަތްތައް ހައްދައެވެ. އެކަމަކު، ރޭ ދިން ގެއްލުމުގައި އެންމެ ބޮޑުވަރު ކޮށްފައިވަނީ ކަރާތަކަށެވެ. ކަރާތައް ޗިސްކޮށްފައި، ދަނޑުގެ އެތަން މިތަނަށް އުކާލާފައިވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. ޤާސިމް ވިދާޅުވިގޮތުގައި ބައެއް ދަނޑުތަކުން ދެ ބަރޯގައި ކަރާ އުކާލަން ޖެހުނެވެ.

ކުމުންދޫގެ ދަނޑަކަށް ގެއްލުންދީފައި----ފޮޓޯ: ކުމުންދޫ ކައުންސިލު މެންބަރު ޢަލީ ޤާސިމް

ޤާސިމް ވިދާޅުވިގޮތުގައި ދަނޑުތަކަށް ގެއްލުންތައް ދިނުމަކީ މީގެ ކުރިންވެސް އެ ރަށުގައި ހިނގާ އާންމު ކަމެކެވެ. އެހެނަސް، މިފަހަކަށް އައިސް މި މައްސަލަ ވަރަށް ގޯސްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ދެވަސްކޮޅެއް ކުރިން އެހެން ދަނޑުތަކަށް ވެސް ގެއްލުންދީފައިވާކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ދަނޑުތަކަށް ގެއްލުންދޭ މައްސަލަ ތަކުރާރުކޮށް ފުލުހުންނަށް ހުށަހެޅި ނަމަވެސް މި މައްސަލައިގެ ފަހަތުގައި ތިބީ ކޮންބައެއް ކަމެއް މިހާތަނަށް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުމުންދޫއަކީ ގިނަ އަދަދެއްގެ ބާވަތްތައް ހައްދާ އުޅޭ ދަނޑުވެރި ރަށެކެވެ.

comment ކޮމެންޓް