ޔޫވީ ބަލިކޮށް މާޒިޔާ ތާވަލުގެ އެއްވަނައަށް

މާޒިޔާއާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: މާޒިޔާ

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާ ކާމިޔާބުކޮށްފައިވަނީ ޔޫވީ އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ.

އެއް މެޗު އިތުރަށް ކުޅެގެން މާޒިޔާ ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލިއިރު އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ.

މާޒިޔާއާއި ޖެހިގެން ދެން އޮތް ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްއަށް ވަނީ ތިން މެޗުން 9 ޕޮއިންޓް ލިބިފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާއިން ގާތްގާތުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ލީޑު ނެގިއެވެ.

މާޒިޔާއާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: މާޒިޔާ

މެޗު ފަށައިގެން ހަތްވަނަ މިނިޓުގައި މާޒިޔާއަށް ލީޑު ނަގައިދިން ލަނޑު ޖެހީ މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީއެވެ. އޭނާ މި ލަނޑު ޖެހީ ހަސަން ނަޒީމް ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރެއިން ދިން ބޯޅައަކުން ބޮލުން ޖަހައިގެންނެވެ.

މި ލަނޑަށްފަހު ވެސް މާޒިޔާއަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ހާއްސަކޮށް މެންޑީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ހަމްޒާ މުޙައްމަދެވެ. މިއީ މެޗުގެ 35 ވަނަ މިނިޓުގައި މެންޑީ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އެއަށްފަހު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ޔޫވީން ވަނީ ސުން ކަނޑުވާފައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ އަލް މަހްމޫދެވެ.

މާޒިޔާގެ ތިންވަނަ ލަނޑު މެޗު 87 ވަނަ މިނެޓުގައި ސާޖިއޯ މެންޑީ ކާމިޔާބުކޮށްފައިވަނީ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މާޒިޔާ ހަތަރުވަނަ ލަނޑު ލުއިސް އަލްމައިޑާ ބޮލުން ގޯލަށް ވައްދާލީ ނެގި ކޯނަރަކުންނެވެ.

comment ކޮމެންޓް