އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން ޔުނައިޓެޑު މޮޅުވި މެޗުގައި ފެނުނީ ޔުނައިޓެޑުގެ އަސްލު ކުޅުން ކަމަށާއި މިއީ އޭނާގެ އެ ޓީމުގެ ކޯޗިން ކެރިއަރުގައި ހޯދި އެންމެ ބޮޑު ނަތީޖާކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އަމޮރިމް ބުނީ އޭނާއަށް އެންމެ ބޮޑު އުފަލެއް ލިބުނީ ލިވަޕޫލުގެ ދަނޑުގައި ޔުނައިޓެޑު މޮޅުވުމުން ކަމަށެވެ.
މި މޮޅަކީ ކުޅުންތެރިންނާއި މުޅި ޓީމަށް ވެސް ލިބުނު މުހިންމު މޮޅެއްކަން ސިފަކޮށް އަމޮރިމް ބުނީ މިއީ އެ ޓީމަށް ލިބުނު މުހިއްމު ތިން ޕޮއިންޓު ކަމަށާއި ދެން ޓާގެޓުކުރާނީ ކުރިއަށްހުރި މެޗުތަކަށް ކަމަށެވެ.

ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން--
"މާދަމާ ވެސް ކަންކަން ބަދަލުވެދާނެ، އަހަރެމެން ދެން ވިސްނަންޖެހޭނީ ކުރިއަށްހުރި މެޗުތަކަށް،" އަމޮރިމް ބުންޏެވެ.
މިހާތަނަށް އައިއިރު ޔުނައިޓެޑަށް މި ސީޒަނުގައި މާއެދެވޭ ނަތީޖާތަކެއް ނުނެރެވެއެވެ. އެއާއެކު ސަޕޯޓަރުންގެ ބޮޑު ފާޑުކިޔުންތަކެއް އެ ޓީމަށް ދަނީ އަމާޒުވަމުންނެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އަމޮރިމް ބުނީ ޔުނައިޓެޑުން މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުކުރަމުން އަންނަ ކަމަށާއި ޓީމު މަޑުމަޑުން ކުރިއެރުން ހޯދަމުން އަންނަ ކަމަށެވެ. އަދި ކުރިއަށްހުރި މެޗުތަކުގައި ވެސް ރަނގަޅު ނަތީޖާއެއް ނެރެންޖެހޭކަން އަމޮރިމް ފާހަގަކުރިއެވެ.
މި މޮޅާއެކު ޔުނައިޓެޑް ވަނީ 8 މެޗުން 13 ޕޮއިންޓާއެކު ޓޭބަލުގެ ނުވަވަނަ މަގާމަށް ޖެހިލާފައެވެ. އެއާއެކު ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމަށް ވެއްޓިފައެވެ.