އާސަންދައާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މިނިވަން ތަންތަނަށް ހަދަން ފެންނަ ކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ފަރުވާގެ ޚިދުމަތްތައް ދެވޭނީ އޭރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އަވަހަށް ޕެންޝަން ފައިސާ ލިބޭ ގޮތް ހަދަން ގޮވާލައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ރިޓަޔަމަންޓް ފަންޑާ މެދު ވިސްނާލަންޖެހޭ ކަމަށާއި، ރާއްޖޭގައި ރިޓަޔަމަންޓް ފަންޑެއް ހަދާފައި އޮތީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުން، ރިޓަޔާކުރާ މީހުން ޝަރަފުވެރި ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ރާއްޖޭގައި މިހާރު ވެސް އާސަންދައާއި އެންސްޕާ އޮންނަކަން ފާހަގަކުރައްވައި އަބްދުލްޣަފޫރު ވިދާޅުވީ، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދޭން ނިޒާމެއް ގެންނަންވީ އާސަންދައާއި އެންސްޕާގެ ތެރެއިން ކަމަށެވެ.
"ޕެންޝަން ފަންޑުގެ ތެރެއިން މިކަން ހައްލުކުރަން އުޅެފިއްޔާ ވާނީ ބޮޑު ގޯހަކަށް،" އޭނާ ވިދާޅުވިއެވެ.
"އެންސްޕާއާއި އާސަންދަ ތެރެއިން މިކަމުގެ ހައްލެއް ހޯދަން މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމަކީ މުހިންމުކަމެއް، ހުށަހެޅިފައިވާ މައްސަލައަކީ ރާއްޖޭގައި އޮތް މައްސަލައެއް، އެހެން ނަމަވެސް އެކަމާ ގުޅުވައިގެން ޕެންޝަން ފަންޑުގެ ތެރެއިން ކުރަން ދިމާކުރުމަކީ އަނެއްކާ ވެސް ހުރިހާ ކަމެއް ޕެންޝަން ފަންޑާ ދިމާލަށް އަންނާނެ ކަމެއް،"

އާސަންދަ ކައުންޓަރު-- ފޮޓޯ: އާސަންދަ
ރާއްޖޭގައި ގާތްގަނޑަކަށް އަހަރަކު ހަތަރު ބިލިއަން ރުފިޔާ މިހާރު ވެސް އާސަންދައާއި އެންސްޕާގެ ދަށުން ޚަރަދުވާކަމަށް ވިދާޅުވެ، އަބްދުލްޣަފޫރު ވިދާޅުވި ގޮތުގައި ރަނގަޅު ގޮތަކީ އާސަންދައާއި އެންސްޕާގެ ނިޒާމު ރަނގަޅުކޮށް، އެ ދެ ނިޒާމުގެ ދަށުން ބޮޑެތި ބަލިތަކަށް ފަރުވާ ލިބޭނެ ގޮތް ހެދުމެވެ.
"އަޅުގަނޑަށް ހަމަ ފެނޭ މިއަދު މި ކަންކަން ހިނގާ ގޮތުން މިދިޔަ ހުރިހާ ސަރުކާރުތަކަށް ބަލާއިރު ވެސް އެންސްޕާއާއި އާސަންދައަކީ މިނިވަން މުއައްސަސާއެއް ގޮތުގައި ހަދަން، އޭރުން ވަކި މީހަކަށް ބެލުމެއް ނެތި ބައްޔަށް ބަލައިގެން މީހާއަށް ބޭސްކުރެވިގެން ދާނެ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އާސަންދައާއި އެންސްޕާއިން ބޭސްކުރެވެނީ ބާރުވެރިކަން ހުރި މިންވަރަށް ބަލާފައި ކަމަށާއި، އެއީ ބޮޑު ގޯހެއް ކަމަށް، އަބްދުލްޣަފޫރު ވިދާޅުވިއެވެ. ކޮންމެ ފިކުރަކަށް މީހަކު ތާއީދުކުރިޔަސް ރައްޔިތުންގެ ޓެކްސް ފައިސާއިން ފަރުވާކުރެވެން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަހުގެ ފުރަތަމަ ދުވަހު ކުޑޫ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕެންޝަންގެ ޤާނޫނުގައި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާ ގުޅޭގޮތުން ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާތަކެއް ނުހިމެނޭ ކަމަށެވެ.
ކުޑޫ ވިދާޅުވީ، މެޑިކަލް ޕްރޮގްނޯސިސް އަށް ބިނާކޮށް ޕެންޝަން އަވަހަށް ލިބޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށާއި، މި ހުސްކަމުގެ ސަބަބުން މިފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި އެމީހުންގެ އާއިލާތަކުން މާލީ އަދި ނަފްސާނީ ބޮޑެތި ބުރަ އުފުލަން މަޖުބޫރުވެފައިވާ ކަމަށެވެ.
އެހެންވެ، ކުޑޫ ހުށަހެޅުއްވީ ޕެންޝަން އޮފީހުން އެކުލަވާލާ, ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޓީމަކުން ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ކަށަވަރުކޮށް، މެޑިކަލް ސެޓިފިކެޓް ދޫކޮށްފައިވާ މީހުންނަށް، އެ މީހުންގެ އުމުރާއި މަސައްކަތްކުރި އަހަރަށް ނުބަލައި ޕެންޝަންގެ ފައިސާ ވީއެންމެ އަވަހަށް ލިބޭނެ ގޮތް ހެދުމަށެވެ. ޕެންޝަން ފައިސާ ހޯދަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭ އެ ފައިސާ ދޫކުރުން ލާޒިމުކުރުމާއެކު، ދައުލަތުން އެ މީހުންނަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާޙުކުރުމަށެވެ.