ވޯޓު ނެގުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރަން ތަޅުމަށް ފޮނުވި ނަންތަކަށް ވޯޓަށް ނާހައި, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ނަންތައް ހުށަހެޅި ފަރާތްތަކާ އިންޓަވިއުކޮށް، އެ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ ނަން ތަޅުމަށް ފޮނުވައިފައެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ކޮމިޓީން ނިންމި ނިންމުމަށް ބަހުސްކޮށް ވޯޓަށް އެހުމެވެ.
ނަމަވެސް, މިއަދުގެ ޖަލްސާގައި ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ވޯޓަށް އަހާފައެއް ނުވެއެވެ. އަދި, ކޮމިޓީގެ ނިންމުމަށް ބަހުސްވެސްކޮށްފައިނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، މީޑިއާ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން، މެންބަރުންކަމުގައި އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތުން ފާސްކުރާ ފަރާތްތައް ކަމަށާއި، އެހެންކަމުން ވޯޓަށް އަހާ ވަގުތު މަދުވެގެން 47 މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އެއީ, 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަދަދެވެ.
މި ވަގުތު ވެސް 17 މެންބަރަކު ރަސްމީ ދަތުރުތަކެއްގައި ވަޑައިގެން އުޅުއްވާއިރު، ދެ މެންބަރަކު ސަލާމުގައި ތިއްބެވިކަމަށް ވިދާޅުވި ނަމަވެސް، ޖަލްސާ ނިމުނު ވަގުތު ތަޅުމުގައި ތިބި މެންބަރުންގެ އަދަދެއް ނާޒިމް ވިދާޅެއްނުވެއެވެ.
މިއަދުގެ ޖަލްސާ ފެށިއިރު ތިބީ 28 މެންބަރުންނެވެ.
"މިއަދުގެ ހާޒިރީއަށް ބަލާއިރު ގާނޫނު ބަޔާންކުރާ ގޮތަށް އަދަދު ލިބޭގޮތަށް ވޯޓަށް އެހުމުގެ ފުރުސަތެއް ނެތް، އެހެންވީމާ އަޅުގަނޑު މި އެޖެންޑާ އައިޓެމް މިއަދު ކުރިއަށް ނުގެންދާ ގޮތަށް މި ނިންމަނީ،" ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން މީޑިއާ ކޮމިޝަނަށް އައްޔަންކުރާ މެންބަރުން އައްޔަންކުރަން ނަގާ ވޯޓުގެ އިތުރުން، ލޭ ހޯދަން ދަތިވާކަން ފާހަގަކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރު ބަލައިގަތުމަށް ވޯޓަށް ނާހައި ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާކުރަން ވެސް ނާޒިމް ނިންމެވިއެވެ.
"އަޅުގަނޑު އެދެން ޕީޖީ ލީޑަރުން މަސައްކަތްކޮށްދެއްވުމަށް ހާޒިރީ މިކަމަށް ފަހިވާނެ ގޮތަކަށް ކުރިއަށް ހުރި ޖަލްސާތަކުގައި ކަންކަން އިންތިޒާމުކޮށްދެއްވުމަށް،"