މި ފަހުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު އާބާދީގެ ލަފާކުރުންތަކުން އަޅުގަނޑަށް 20 އަހަރުގެ އައިމީ އާއި ޔޫސުފް ފަދަ ޒުވާނުންގެ މަތިން ވިސްނައިލެވުނެވެ. ދިވެހިރާއްޖޭގައި އަހަރެމެން އެ މީހުންނަށް ޓަކައި ބިނާކުރަމުން މިދަނީ ކޮންކަހަލަ މުސްތަޤުބަލެއްބާއޭ ހިތަށް އެރިއެވެ؟
މި އާ މައުލޫމާތަކީ ހަމައެކަނި ހިސާބުތަކެއް އެއްކުރުމެއް ނޫނެވެ. މިއީ އައިމީ އާއި ޔޫސުފާއި، އެ މީހުންގެ ފަހުން އަންނާނެ ޖީލުތައް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ މީހުންގެ ވާހަކައެވެ. މިއީ ސިޔާސަތު އެކުލަވާލާ ފަރާތްތަކަށް، މިއަދާއި މާދަމާ ހުރިހާ ދިވެހިންނަށް ފުރިހަމައަށް ކުރިއެރުން ލިބޭނެ މުސްތަޤުބަލެއް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ އެއްޗެކެވެ.

މިއީ އުމުރުން 20 އަހަރުގެ އައިމީ އާއި ޔޫސުފް --
މި ހިސާބުތަކުން އަހަރެމެންނަށް ކިޔައިދެނީ ކޮން ވާހަކައެއް؟
އެ ހިސާބުތަކުން އަހަރެމެންނަށް ދައްކައިދެނީ އަހަރެމެންގެ އާބާދީ ސްޓޭބަލްވަމުން އަންނަ ކަމެވެ. މިހާރު ވިހެއުމުގެ ޖުމްލަ ރޭޓް ވަނީ އަންހެނަކަށް ގާތްގަނޑަކަށް 1.7 ކުދިން ލިބޭ މިންވަރުގައެވެ. މިއީ އާބާދީ ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށްވުރެ ދަށް އަދަދެކެވެ. 1990ގެ އަހަރުތަކުގައި މި އަދަދު ހުރީ ގާތްގަނޑަކަށް 6.4 ގައެވެ (މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، 2023).
މިހާރު އާބާދީގެ ގާތްގަނޑަކަށް އަށް އިންސައްތައަކީ 60 އަހަރުން މަތީގެ މީހުންނެވެ. 2050 ވަނަ އަހަރާ ހަމައަށް ދާއިރު މި ނިސްބަތް ތިން ގުނައަށްވުރެ އިތުރުވެ، ގާތްގަނޑަކަށް 32 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ (ޔުނައިޓެޑް ނޭޝަންސް މޯލްޑިވްސް، 2025).
ކުރުކޮށް ދަންނަވާނަމަ، 2050ވަނަ އަހަރާ ހަމައަށް ދާއިރު، ދިވެހިންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމުގައި ވެދާނެއެވެ. އަދި މަސައްކަތްކުރާ އުމުރުފުރައިގެ މީހުންގެ އަދަދު މަދުވަން ފަށާނެއެވެ.
މި ހިސާބުތަކުން އިތުރަށް ހާމަވަނީ މާލެއަށް މުޅި ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ މިންވަރެއްގެ މީހުން އެއްވެފައިވާ ކަމެވެ. އެތައް ރަށެއްގެ އާބާދީ މަޑުމަޑުން މަދުވަމުން ދާއިރު، ރަނގަޅު ވަޒީފާގެ ފުރުޞަތުތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި މީހުން މާލެއަށް ހިޖުރަކުރަމުން ދެއެވެ. މިކަމުގެ ސަބަބުން މާލޭގެ އާބާދީގެ ޑެންސިޓީ ވަނީ ދުނިޔޭގެ އެންމެ މައްޗަށް ގޮސްފައެވެ. މާލޭގެ ބޮޑުމިނަކީ އެންމެ 5.8 އަކަ ކިލޯމީޓަރެވެ (މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، 2023).
މި ހިސާބުތަކުން މުސްތަގްބަލަށް މާނަކުރެވެނީ ކިހިނެއް؟
މީގެ މާނައަކީ އަޅުގަނޑުމެންގެ އާބާދީގެ ބަދަލުވުން، ޒުވާން އަދި އިތުރުވަމުންދާ އާބާދީއަކުން އުމުރުން ދުވަސްވީ އަދި ލަހުން އިތުރުވާ އާބާދީއަކަށް، އަނބުރާ ނުގެނެވޭނެ ގޮތަށް ބަދަލުވެގެން ދިއުމެވެ.
މީގެ މާނައަކީ އިއްޔެ މަސައްކަތްކުރި ސިޔާސަތުތައް މާދަމާ އަޅުގަނޑުމެން ދެމެހެއްޓުމަށް ނުފުދޭނެކަމެވެ. މީގެ މާނައަކީ އައިމީ އާއި ޔޫސުފްގެ ޖީލަކީ ވަރަށް ތަފާތު ދެ ދިވެހި މުޖުތަމަޢުއެއްގެ ދެމެދުގައިވާ ފާލަމަކަށް ވާނެކަމެވެ. އެއް މުޖުތަމަޢުއަކީ ޒުވާން އަދި ފުޅާވަމުންދާ މުޖުތަމަޢުއަކަށްވެފައި، އަނެއް މުޖުތަމަޢުއަކީ އުމުރުން ދުވަސްވަމުންދާ އަދި ކުޑަވަމުންދާ މުޖުތަމަޢުއެކެވެ.
މިއަދު އައިމީ އާއި ޔޫސުފްގެ އުމުރަކީ 20 އަހަރު ކަމުގައިވީ ނަމަވެސް، 2045 ވަނަ އަހަރު އެ ދެމީހުންގެ އުމުރަށް ވާނީ 40 އަހަރެވެ. އަދި 2062 ވަނަ އަހަރު އެ ދެމީހުން ވާނީ 60 އަހަރާ ގާތްކުރާ އުމުރަކަށެވެ. މީގެ މާނައަކީ، މިއަދު އަޅުގަނޑުމެން ދިރާސާކުރާ މަޢުލޫމާތުތަކުން ދައްކުވައިދެނީ އެ ދެމީހުންގެ މާޒީ ކަމުގައިވީ ނަމަވެސް، މިހާރު އަޅުގަނޑުމެން ފަށާ ޢަމަލުތަކުން ކަނޑައެޅިގެންދާނީ އެ ދެ މީހުންގެ މުސްތަގްބަލުކަމެވެ. 2045 ވަނަ އަހަރަށް ރޭވުމަށް ޓަކައި، އަޅުގަނޑުމެން ތަޞައްވުރުކުރަންޖެހެނީ އައިމީ އާއި ޔޫސުފް އަދި އެ ދެމީހުންގެ މައިންބަފައިންނާއި ދަރިން ވެސް ކުރިއަރައި، އެންމެ ފުރިހަމަ ގޮތުގައި އެ މީހުންގެ ޤާބިލުކަން ހާސިލުކުރެވޭނެ ދިވެހިރާއްޖެއެކެވެ.
އަޅުގަނޑުމެންގެ ސިޔާސަތުތައް ހުންނަނީ ރައްދުދޭ ގޮތަށް ކަމުގައިވެފައި، ރައްކާތެރިވުމުގެ ގޮތުން ނޫންނަމަ، 2045 ވަނަ އަހަރާ ހަމައަށް އާދެވޭއިރު، އެއްވެސް ސަރުކާރަކަށް ޞިއްޙީ ފަރުވާ އާއި އިޖްތިމާޢީ އެހީތެރިކަމުގެ ޚަރަދުތައް ދެމެހެއްޓުމަށް ފަސޭހައެއް ނުވާނެއެވެ.
ޚާއްސަކޮށް އާބާދީގެ ބަދަލުތަކާއި އަވަސް ސްޕީޑެއްގައި ތަރައްގީވަމުން ދިއުމާއެކުގައެވެ. އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމުތައް އިތުރަށް ޚަރަދު ބޮޑުވެ، އަޅުގަނޑުމެންގެ ސިޓީތައް އިތުރަށް ތޮއްޖެހި، އަދި އަޅުގަނޑުމެންގެ ޢާއިލާތައް އިތުރަށް ކުޑަވެގެން ދާނެކަން ޔަގީނެވެ.
އާބާދީގެ ޓްރެންޑްތަކާއި އިގްތިސާދީ ހަރަދުތައް އެއްކޮށްލާ ނޭޝަނަލް ޓްރާންސްފާ އެކައުންޓް (އެންޓީއޭ) މެތޮޑޮލޮޖީގައި ލަފާކޮށްފައިވަނީ މިހާރު ހުރި ފެންވަރުގައި ހިދުމަތްތައް ދެމިއޮތް ނަމަވެސް ސިއްހީ ހަރަދު އަހަރަކު ދެ ޕަސެންޓު އިތުރުވާނެ ކަމަށެވެ. 2045 ވަނަ އަހަރު އައިމީ އާއި ޔޫސުފްގެ އުމުރުން 40 އަހަރު ވާއިރު، ދިގުމުއްދަތުގެ ބަލިތަކުގެ ނިސްބަތް މަތިވުމާއި، އުމުރުން ދުވަސްވީ މައިންބަފައިންނަށް އަޅާލާ މީހުން އިތުރުވުމާއި، ކުދިން އުފަންވާ މިންވަރު މަދުވުން އަޅުގަނޑުމެންނަށް ފެންނާނެއެވެ. ކުރިއަރަމުން އަންނަ އާބާދީއަކީ ދިރިހުރި އާބާދީއަކަށް ވެދާނެއެވެ.
މަގު ބަދަލުކުރަން މާ ލަސްވެއްޖެ؟
އެއްގޮތަކަށްވެސް ނޫނެވެ. އަޅުގަނޑުމެން ދުރާލާ ވިސްނައިގެން ޢަމަލުކޮށްފިނަމަ، އާބާދީގެ ބަދަލުތައް ފުރުޞަތަކަށް ބަދަލުކުރެވިދާނެއެވެ. މީހުންނަށް ޢިއްޒަތްތެރިކަމާއެކު ދުވަސްވުމަށާއި، އެމީހުން އެދޭ ދުޅަހެޔޮ ޢާއިލާތައް ބިނާކުރުމަށާއި، އެމީހުން އިޚްތިޔާރުކުރާ ފުރިހަމަ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭ ސިޔާސަތުތަކެއް އެކުލަވައިލެވިދާނެއެވެ.
އެންމެ ސިޔާސަތެއް ބަދަލުކޮށްލުމުން ވެސް ކުރާނެ އަސަރު ވިސްނާލަމާ ހިންގަވާށެވެ. މިއަދު، މާލޭގައި ކައިރި ދުރުމިނަށް ދަތުރުކުރުމަށް ވެސް ބޭނުންކުރެވެނީ އުޅަނދުފަހަރެވެ. މިހާރު ވެސް ޖެހިޖެހިގެން އޮންނަ މަގުތަކަށް އިތުރު ބުރައެއް އަޅުވަމުންނެވެ.
ދެން ވިސްނާލަމާ ހިންގަވާށެވެ. އުޅަނދުފަހަރުގެ ބަދަލުގައި މީހުންނަށް އިސްކަންދީ، ކުޑަކުދިންނާއި، ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ހިނގާ މަގުތަކާއި ޕާކުތަކެއް ހެދިފައި ހުރި މަންޒަރު ތަސައްވުރުކޮށްލާށެވެ.
އޭރުން ހިނގުމަކީ ހަމައެކަނި ދަތުރުފަތުރުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށްވުރެ އިތުރަށް ދުޅަހެޔޮ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވެސް ބޭނުންކުރުމަށް ހިތްވަރު ލިބޭނެއެވެ.
ބަލިވުމުގެ ކުރިން ބަލި ހުއްޓުވުމަށް މަސައްކަތްކުރާ ޞިއްޙީ ނިޒާމެއް ޤާއިމުކުރެވިފައިވާ މަންޒަރު ތަސައްވުރުކޮށްލަމާ ހިންގަވާށެވެ.
މިއިން ދިވެހިންނަށް، އައިމީއާއި ޔޫސުފަށް ވެސް، އުމުރުން ދުވަސްވަމުންދާއިރު އެމީހުންގެ ޞިއްޙަތު ބެލެހެއްޓުމަށާއި، އެ މީހުން ބޭނުންވާގޮތަށް ޢާއިލާތައް ރޭވުމަށާއި ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ޒުވާނުންނަށް އެމީހުންގެ ޤާބިލުކަން ދައްކާލުމަށް ބާރުވެރިކަން ދޭ، އަދި ހަމަހަމަކަމާއި ދުޅަހެޔޮކަން އިސްކުރާ މަސައްކަތުގެ މާޙައުލުތަކާއި ސްކޫލުތަކެއް ތަސައްވުރުކޮށްލަމާ ހިންގަވާށެވެ.
އަޅުގަނޑުމެން މިއަދު ފަށައިފިނަމަ، އެއްވެސް މީހަކު ފަހަތަށް ނުޖެހޭ މުސްތަޤުބަލެއް ބިނާކުރުމުގެ އުންމީދާއި ފުރުޞަތު އެބައޮތެވެ.
އަމާޒު ހިފަންވީ ކޮން ކަމަކަށް؟
އެންމެންނަށް ކުރިއަރާފައިވާ އަދި ފުރިހަމަ މުސްތަޤުބަލެއް ހޯދައިދިނުމަށް ޓަކައި، އަޅުގަނޑުމެން އަމާޒު ހިފަންވާނީ މީހުންނަށެވެ. ނަންބަރުތަކަކަށް ނޫނެވެ. އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް މިއަދު އަޅުގަނޑުމެން އެކުލަވާލާ ސިޔާސަތުތަކުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ:
- މީހުން ބޭނުންވާ އާއިލާތައް އުފެއްދުމުގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް ޓަކައި، ކަމާގުޅޭ ޚިދުމަތްތައް ލިބެންހުރުމާއި އަގުހެޔޮކޮށް ލިބެންހުރުން.
- މިހާރު މުޖުތަމަޢުގެ ފަސް އިންސައްތައިން 28 އިންސައްތައަށް އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވާނެކަމަށް ލަފާކުރެވޭއިރު، އެފަދަ މީހުންނަކީ އަގުހުރި، ބައިވެރިވަމުންދާ އަދި އެހީތެރިކަން ލިބެމުންދާ ބައެއްގެ ގޮތުގައި ދެމެހެއްޓުން.
- ބަދަލުވަމުންދާ އިޤްތިޞާދަކަށާއި، ކުޑަވަމުންދާ އާއިލާތަކަށާއި، އުމުރުން ދުވަސްވަމުންދާ އާބާދީއެއްގެ ޙަޤީޤަތްތަކަށް ޒުވާނުން ތައްޔާރުކުރުމަށް ޓަކައި ތަޢުލީމާއި ހުނަރުތަކަށް އިންވެސްޓްކުރުން.
- އަންހެނުންނާއި ފިރިހެނުން، ދެ ބައިމީހުންނަށް ވެސް މަސައްކަތާއި ޢާއިލީ ޒިންމާތައް އަދާކުރުމުގައި ހަމަހަމަކަން ގެނެސްދޭ ނިޒާމުތައް ފުޅާކުރުން. މިކަމުގެ ސަބަބުން އެމީހުންގެ ޤާބިލުކަން އެންމެ މަތީ ދަރަޖައަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
- ދަށްވަމުންދާ އުފަންވާ މިންވަރާއި، ރާއްޖޭގެ އެތެރޭގައި ހިޖުރަކުރުމުގެ ވައްޓަފާޅިތަކާއި، އަބަދުވެސް ބަދަލުވަމުންދާ ޒުވާނުންގެ އުންމީދުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ޖިންސުގެ ހަމަހަމަކަމާ ގުޅޭގޮތުން ދިމާވެދާނެ ކަންކަމަށް ކުރިއާލާ ތައްޔާރުވުން.
އައިމީ އާއި ޔޫސުފްގެ ޖީލުން އުންމީދު ކުރަނީ އިންސާފުވެރިކަމާއި ފުރުސަތާއި އަޑު އިވުމަށެވެ. އަޅުގަނޑުމެންގެ ތަފާސްހިސާބުން އަޅުގަނޑުމެންނަށް ރަނގަޅަށް އަޑުއެހުމަށް އެހީތެރިވެދެވޭނަމަ، އޭގެ މަޤްޞަދު އެ ހާސިލްވީއެވެ.
ތަފާސްހިސާބުތަކުން، އަމަލުން ދެއްކުމަށް
އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ ކަމަކީ، ނަންބަރުތަކުގެ މުހިންމުކަން ހުންނަނީ އެއިން ޢަމަލަށް މަގުދައްކާ ހިނދުގައެވެ. ތަފާސްހިސާބަކީ ނަތީޖާއެއް ނޫނެވެ؛ އެއީ އެކުލެވިގެންވާ، ހަމަހަމަ އަދި ދެމެހެއްޓެނިވި މުސްތަޤުބަލަކާ ދިމާއަށް އަޅުގަނޑުމެންނަށް މަގުދައްކައިދޭ މައުލޫމާތުތަކެކެވެ.
މިހާރު ކުރިމަތިވެފައިވާ ގޮންޖެހުމަކީ ހަމައެކަނި މިހާރު ލިބެންހުރި މައުލޫމާތުގެ މާނަކުރުމެއް ނޫނެވެ. އަންނަން އޮތް އެތައް ދުވަހަކަށް ދިވެހިރާއްޖެ ބައްޓަންކުރާނެ ނިންމުންތައް ނިންމުމަށް އެ މައުލޫމާތު ސައްޙަގޮތުގައި ބޭނުންކުރެވޭނެ ކަމުގެ ގޮންޖެހުމެކެވެ.
ޔޫއެންއެފްޕީއޭގައި، އަޅުގަނޑުމެންގެ މެންޑޭޓުގެ މައިގަނޑު ބައެއްގެ ގޮތުގައި ހިމެނެނީ، ބަދަލުވަމުންދާ އާބާދީގެ ބޭނުންތަކަށް ރޭވުމުގައި ސަރުކާރުތަކަށް އެހީތެރިވެދިނުމާއި، މީހުންނަށް ދުޅަހެޔޮ އަދި ޢިއްޒަތްތެރި ދިރިއުޅުމެއް އުޅެވޭނެ ބާރު ދިނުމެވެ. އެއީ މިއަދާއި މާދަމާ ވެސް އެ މީހުން ކުރިއަރައި ދިއުމަށް ޓަކައެވެ.
އިއްތިފާޤުން، ދުނިޔޭގެ ތަފާސްހިސާބު ދުވަސް ވަނީ މިއަދަށް ދިމާވެފައެވެ. މިއީ ކުރިމަގަށް މަގުދައްކައިދެނީ ސައްޙަ ތަފާސްހިސާބުކަން ހަނދާންކޮށްދޭ ހަނދާންކޮށްދިނުމެކެވެ.
ދިވެހިރާއްޖޭގެ މުސްތަޤުބަލު ސިފަކުރުމަށް ބޭނުންވާ ތަފާސްހިސާބު ރާއްޖޭގައި އެބަހުއްޓެވެ. އައިމީ، ޔޫސުފް އަދި ކޮންމެ ދިވެއްސަކަށް ފުރިހަމައަށް ކުރިއެރުން ލިބޭ، އެއްވެސް މީހަކު ފަހަތަށް ނުޖެހޭ ރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން މި ތަފާސްހިސާބު ބޭނުންކުރަމާތޯއެވެ؟
ނޯޓް: މި ލިޔުއްވުމަކީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހާ ގުޅުވައި، ރާއްޖޭގައި ހުންނަ ޔޫއެންއެފްޕީއޭ އޮފީހުގެ އިންޗާޖް، ފަންޓްޝޯ ވަންގްޔޭލް އިނގިރޭސިން ލިޔުއްވި ލިޔުއްވުމެއްގެ ތަރުޖަމާއެވެ.