100 މީހުން ހަމަނުވާ ރަތްމަންދޫގެ ސްކޫލުގައި 7 ކުދިން: ރަށުން ބަދަލުވުމުގެ އިންތިޒާރުގައި

ރަތްމަންދޫ: އެ ރަށު މީހުން ތިބީ ބަދަލުވާން އިންތިޒާރެއްގައި -- ފޮޓޯ/ ބަދަލަކަށް އެދި ރަތްމަންދޫ، ފޭސްބުކް

އާބާދީ މަދުވުމުގެ ސަބަބުން މ. ރަތްމަންދޫގެ ރައްޔިތުންނަށް އެ ރަށުން ލިބެންޖެހޭ ގިނަ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ނުލިބެއެވެ. އެ ރަށުގެ ގިނަ ބަޔަކު ތިބީ އެހެން ރަށަކަށް ބަދަލުވެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ރަތްމަންދޫ ކައުންސިލުގެ ނައިބު ރައީސް ހުސައިން ޚަލީލް މިއަދު 'ސަން'އަށް ވިދާޅުވީ، ރަތްމަންދޫގެ ޖުމްލަ އާބާދީއަކީ 240 ކަމަށެވެ. އެކަމަކު، މި ވަގުތު ރަށުގައި ދިރިއުޅެނީ 80 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަ އާބާދީގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ރަތްމަންދޫ ރައްޔިތުން ދައްކާތާ އެތައް ދުވަހެއްވެއްޖެއެވެ. އަސާސީ ހައްގުތަކުން މަހުރޫމްވެ، ރަށުގައި ދިރިއުޅެވޭނެ ދެމެހެއްޓެނިވި ގޮތެއް ނެތް ކަމަށް ބުނެ، އެ ރަށުން ވަނީ ކެމްޕޭނެއް ވެސް ފަށައިފައެވެ.

'ބަދަލަކަށް އެދި ރަތްމަންދޫ' ހަރަކާތުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައިވާ ގޮތުން، އެ ރަށު ސްކޫލުގައި ކިޔަވަނީ ހަތް ދަރިވަރުންނެވެ. އެ ސްކޫލުގައި ގްރޭޑު އަށެއް، ނުވައެއް، 10 ނެތެވެ.

ޚަލީލް ވިދާޅުވި ގޮތުގައި، އެ ސްކޫލުގައި ގްރޭޑް އެކަކުން ފެށިގެން ހަވަނަ ގްރޭޑާ ހަމައަށް ދަރިވަރުން ކިޔަވަނީ ސެޓަލައިޓް ސްކޫލު މޮޑެލްއަށެވެ. އަދި ޕްރައިމަރީ ސްކޫލުގެ ބާކީ ގްރޭޑްތަކުގައި ކިޔަވާ އެއްވެސް ދަރިވަރެއް ރަށުގައި ނެތެވެ.

ރައީސް މުއިއްޒު ވަޑައިގަތުމުން ރަތްމަންދޫ މީހުން އިސްތިގުބާލުގައި: އެ ރަށު ގިނަ މީހުން އެދެނީ އެހެން ރަށަކަށް ބަދަލުކޮށްދޭން -- ފޮޓޯ/ ރައީސް އޮފީސް

އެ ސްކޫލުގައި މަސައްކަތު މީހެއް ނެތެވެ. އިދާރީ މުވައްޒަފެއް ވެސް ނެތެވެ. ޕްރީސްކޫލުގައި ޓީޗަރަކު ވެސް ނެތެވެ.

އެ މަގާމުތަކަށް މީހުން ހަމަނުވަނީ ވަޒީފާއަށް އިއުލާންނުކުރާތީއެއް ނޫނެވެ. ނަމަވެސް އެއީ އާބާދީ މަދުވެ، ކުރިމަތިލާނެ މީހަކު ރަށުގައި ނެތުމުންކަން ޚަލީލް ފާހަގަކުރެއްވިއެވެ.

އާބާދީ މަދުވުމުން ގެއްލޭ އަސާސީ ހައްގު ހޯދުމަށް، ރަތްމަންދޫން ވަނީ އެއްފަސްކުރުމަށް އެދި ރަށުގެ 66 އިންސައްތަ ރައްޔިތުންގެ ސޮޔާއެކު ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

މ. ރަތްމަންދޫގެ މޫނުމަތި، ޖެޓީއެއް އޮތް ނަމަވެސް ރަށް އަންނަނީ ހަލުވި މިނެއްގައި ގިރަމުން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މަހުގެ 22ގައި ރަތްމަންދުއަށް ވަޑައިގަތުމުން ވެސް ރައްޔިތުން ވަނީ އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ރައީސް ވިދާޅުވީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވަން ބޭނުންވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އެހެން ރަށަކަށް ހިޖުރަކުރަން ކަމަށްވާނަމަ ހައުސިން މަޝްރޫއެއް މި އަހަރުތެރޭ ވެސް ފެށޭތޯ ބައްލަވައިދެއްވާނެ ކަމަށެވެ. އެއާއެކު އެ މަނިކުފާނު ވަނީ، ރަށުގެ އާބާދީގެ 80 އިންސައްތަ ބަދަލުވާން ބޭނުންވާކަން އަންގައިދިނުމަށް އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް، 'ބަދަލަކަށް އެދި ރަތްމަންދޫ' ހަރަކާތުން ކުރާ ސުވާލަކީ، ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ލިބިގަތުމަށް 80 ޕަސެންޓްގެ ރައްޔިތުންގެ އާނބަސް ބޭނުންވާ އަސާސަކީ ކޮބައިތޯއެވެ.

https://sun.mv/211671

އެކަމާ ގުޅޭ ގޮތުން، ރަތްމަންދޫ އަންހެނުންގެ ކޮމިޓީގެ ރައީސްކަން މީގެ ކުރިން ކުރެއްވި ފާތިމަތު ނަސްރާ ވިދާޅުވީ، ރަށުން އަސާސީ ޚިދުމަތްތައް ނުލިބުމުން އޭނާއަށް ވެސް ރަށް ދޫކޮށް ދާން ޖެހިފައިވާ ކަމަށެވެ.

ރަތްމަންދޫން ސިއްހީ ފަރުވާގެ ޚިދުމަތެއް ދެވެން ނެތް ކަމާއި ސްކޫލު ހުރީ ކިޔަވައި ދެވޭނެ ފެންވަރުގައި ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ފަދަ ކުޑަ އާބާދީއެއް އޮތް ރަށަކަށް އަސާސީ ޚިދުމަތްތައް ފުރިހަމަކުރަން 80 ޕަސެންޓް ފުރިހަމަކުރުމަކީ އެއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގަބޫލުކުރުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ރަތްމަންދޫއިން މިގޮތަށް އެދިފައިވާއިރު އެ ރަށުގެ އާބާދީހާ ކުޑަ އާބާދީއެއް އޮންނަ އެހެން ބައެއް ރަށްރަށުން ވަނީ އެހެން ރަށްތަކަށް ބަދަލުކުރުމަށް ސަރުކާރުގައި އެދިފައެވެ. އެގޮތުން ހދ. ހިރިމަރަދޫ މީހުން ކ. ތުލުސްދޫއަށް ބަދަލުވާން އެދި، މި ފަހުން އެ ރަށު ކައުންސިލުން ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައެވެ.

ކުދި އާބާދީތައް ބޮޑު އާބާދީއެއް އޮންނަ ސަރަހައްދުތަކަށް ބަދަލުކުރުމަށް ތާއީދުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް