ސެންޓާ އެންޓަޕްރައިޒަސްއިން ލިޔެކިޔުން ފޯޖުކުރި ކަމަށް އޮޑިޓުގައި އޮތުމުން، ޖިނާއީ ތަހުގީގަކަށް އެދިއްޖެ

ދައުލަތުގެ މާލީ ހިސާބުތަކުގެ ލިޔެކިޔުންތަކެއް: ސެންޓާ އެންޓަޕްރައިޒަސްއިން ލިޔެކިޔުން ފޯޖުކުރި ކަމަށް އޮޑިޓު ރިޕޯޓުގައި އޮތުމުން، ޖިނާއީ ތަހުގީގެއް ކުރުމަށް ވަނީ ހުށަހަޅައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ 17 އަހަރުކުރިން ހެލްތު މިނިސްޓްރީއަށް ސެންޓާ އެންޓަޕްރައިޒަސްއިން ފޯރުކޮށްދިން ކަމަށް ބުނާ ބައެއް ތަކެއްޗަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ ސިިވިލް ކޯޓަށް އެ ކުންފުނިން ހުށަހެޅި ލިޔެކިއުންތަކަކީ ފޯޖުކޮށްފައިވާ ލިޔެކިއުންތަކެއް ކަމަށް އެކަމާ ގުޅޭ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައި އޮތުމުން، ސެންޓާ އެންޓަޕްރައިޒަސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ފުލުހަށް ހުށަހަޅައިފިއެވެ.

އިއްޔެ އޮޑިޓަރު ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން, ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް)އަށް ސެންޓާ އެންޓަޕްރައިޒަސްއިން 2008ވަނަ އަހަރުގެ ތެރޭ ފޯރުކޮށްދީފައިވާ ކަމަށް ބުނާ ތަކެތީގެ އަގަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ، އެ ކުންފުނިން ފޯރުކޮށްދިން ތަކެތީގެ އަގަށްވާ 2.01 މިލިއަން ޑޮލަރާއި އެ ފައިސާ ނުލިބުމުން ޖޫރިމަނާގެ ގޮތުގައި ހޯދަން އެދޭ 3.14 މިލިއަން ޑޮލަރާއެކު، 5.15 މިލިއަން ޑޮލަރު ހޯދުމަށް ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައާ ގުޅިގެން ސެންޓާ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ހުށަހެޅި ބައެއް ލިޔެކިއުންތަކުގައި ޑީއެމްއެސްގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި "އައިޝަތު ހަލީމް"ގެ ނަމުގައި ސޮއިކޮށްފައި އޮތް ނަމަވެސް އެ ނަން ކިޔާ މުވައްޒަފެއް އެއްވެސް އިރެއްގައި އެ ޑިޕާޓްމަންޓްގައި ނުވަތަ ހެލްތު މިނިސްޓްރީގައި މަސައްކަތްކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައި ބުނީ، ސެންޓާ އެންޓަޕްރައިޒަސްއިން ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ ސާމާނު ހޮސްޕިޓަލުތަކަށް ފޯރުކޮށްދީފައިވަނީ އެ ތަންތަނަށް ތަކެތި ފޯރުކޮށްދިންކަން އެނގޭ ގޮތަށް ކޮންމެ ތަނަކަށް ވަކިވަކި ޑެލިވަރީ ނޯޓުތައް ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ކޯޓުގައި ބުނި ނަމަވެސް، އެފަދަ އެއްވެސް ނޯޓެއް އެ ކުންފުނިން ހުށަނާޅާ ކަމަށެވެ.

ގިނަ މައްސަލަތަކެއް ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި އިތުރަށް ވަނީ، ސެންޓާ އެންޓަޕްރައިޒަސް އަކީ ކުރިން ދައުލަތުގެ ކުންފުންޏަކަށް ފޯރުކޮށްދިން މުދަލަށް ފައިސާ ލިބިފައިވަނިކޮށް ފައިސާ ނުލިބޭ ކަމަށް ބުނެ، ފައިސާ ހޯދުމަށް މައްސަލަ ހުށަހެޅުމުގެ މާޒީއެއް އޮތް ކުންފުންޏެއްކަން ފާހަގަކޮށްފައެވެ.

އެހެންވެ އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ ވަނީ، ސެންޓާ އެންޓަޕްރައިޒަސްއިން ކޯޓުތަކަށް ހުށަހެޅި ލިޔެކިއުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި ލިޔެކިއުންތައް ފޯޖުކުރި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ފުލުހަށް ހުށަހަޅަން ބަންޑާރަނައިބުގެ އޮފީހަށް ލަފާދެއްވައިފައެވެ.

https://sun.mv/209091

ފާހަގަކުރެވޭ ގޮތުގައި ސެންޓާ އެންޓަޕްރައިސަސްއިން ޑީއެމްއެސްއަށް 2006އިން 2008ވަނަ އަހަރުގެ ނިޔަލަށް ފޯރުކޯށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން، އެ ކުންފުނިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު އެ ކޯޓުން ހުކުމްކުރީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ، އެއް މަސް ތެރޭގައި ދައުލަތުން އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

މި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުގެ އަމުރަކުން އެ ފައިސާ ހިފެހެއްޓުމަށް އެންގުމުން، އެ ކުންފުނިން އެ މައްސަލަ ގެންދިޔައީ އެންމެ މަތީ މަރުހަލާގެ ކޯޓަށެވެ. އެކަމަކު އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ.

ސެންޓާ އެންޓަޕްރައިސަސް އިން ވަނީ ދައުލަތުން ފައިސާ ނުދެއްކުމުގެ ސަބަބުން، އިންވޮއިސްއަށް އަރާ ޖޫރިމަނާގެ ގޮތުގައި އިތުރަށް 51 މިލިއަން ރުފިޔާ ވެސް ހޯދަން އެދިފައެވެ. އެހެން ނަމަވެސް އެ މުއާމަލާތުގައި ވެފައިވާ އެއްބަސްވުމުގައި، ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ކޯޓުން ނިންމީ އެ ފައިސާ ނަގައިނުދިނުމަށެވެ. ސެންޓާ އެންޓަޕްރައިސަސްއިން 2006ވަނަ އަހަރާއި 2008ވަނަ އަހަރު، ދައުލަތުގެ އިދާރާތަކަކަށް ދިން ޚިދުމަތަށްވާ ފައިސާ ހޯދަން އެދި ސިވިލް ކޯޓަށް ތިން މައްސަލައެއް ހުށަހެޅިއެވެ.

އެއީ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅު ހަންތަކަކާ ގުޅޭ އެއް މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.

މި މައްސަލަތަކުގައި އެކުންފުނީގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގުމަށް އެދި މީގެ ކުރިންވެސް ހުށަހެޅިއެވެ.

comment ކޮމެންޓް