ބީއެމްއެލްއިން މި ހަފުތާގައި މުޅި ލ. އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރަނީ

ރައީސް މުއިއްޒު ރަށެއްގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވަނީ: ބީއެމްއެލްއިން މުޅި ލ. އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރަނީ --- ފޮޓޯ/ ބީއެމްއެލް

މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން ލ. އަތޮޅަށް އެ ޚިދުމަތް ފުޅާކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް)އިން މިއަދު ބުނެފިއެވެ.

އެ މަޝްރޫއުގެ ތެރެއިން، މިއަދު އެއަތޮޅު ހިތަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރުމަށް ބިންގާ އަޅާފައިވާ ކަމަށް އެބެންކުން ބުންޏެވެ.

އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލްއިން ބުނީ، މި ހަފުތާތެރޭގައި ބީއެމްއެލްއިން އެ އަތޮޅު ކުނަހަންދުއާއި ދަނބިދުއާއި މާބައިދުއާއި މުންޑުއާއި އިސްދޫ އަދި ކަލައިދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި ލ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު ރަށެއްގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވަނީ: ބީއެމްއެލްއިން މުޅި ލ. އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރަނީ --- ފޮޓޯ/ ބީއެމްއެލް

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އެ ރަށްތަކުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މި އަހަރު އަލަށް އޭޓީއެމް ގާއިމުކުރެވުނު ރަށްތަކުގެ އަދަދު 103 އަށް އަރާނެ ކަމަށެވެ.

"ޝައްކެތް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އިސްކަން." ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗާއި 194 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 252 އޭޓީއެމްގެ އަންނަނީ ބީއެމްއެލްއިން ހިންގަމުންނެވެ. އަދި، އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

comment ކޮމެންޓް