"ކީއްވެހެއްޔޭ އަހާ ސުވާލާއި ޝަކުވާ ކުރުމުގެ ބަދަލުގައި އަލްހަމްދުލިﷲ ކިޔަންފެށުމުން ހިތަށް ލިބޭ ހަމަޖެހުމާއި އަމާންކަންބޮޑުވާނެއެވެ."

***

އޭނަގެ އިހުސާސްތައް ދެނެގަނެވޭނީ މަދުބަޔަކަށެވެ. އެންމެ ލޯބިވާ ފަރާތް ވަކިވެފައިވާ މީހުންނަށެވެ. ކުއްލިއަކަށް ހިތަށް އެލިބިގެންދާ ބަރުކަމާއި ހުސްކަން އަދި ހިތް މަރުވުމަކީ ދުލުން ބުނަން ނުކުޅެދޭ ވޭނެކެވެ. ބުނެނުދެވޭ ބަޔާން ނުކުރެވޭ އެކަމަކު ކެތްނުވާފަދައެވެ. އޭނަގެ ހަށިގަނޑުވެސް ފުރާނަ ނުކުމެ ހުސްކަމެއް ވެރިވެފައިވިފަދައެވެ. މިފަދަ ދަނޑިވަޅެއްގައި އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތްކުރުމަކީ ކިހާ އުދަގޫކަމެއްކަން އެންމެނަކަށް ނޭގޭނެއެވެ."ގްރީފް"އަކީ މިއީއެވެ. ހިތް ވީދައިގެން ހަށިގަނޑު ދޫކޮށް ދިޔުމަށްފަހު ދިރިއުޅުން މަޖުބޫރުވުމެވެ.

ކެމޮމައިލްގެ ވަސް ހަނދާނެއްފަދައިން އޭނަގެ ހަށިގަނޑުގައި އޮޅައިލެވުނީ ހިމޭންކަމާއި ހޫނުކަމާއެކުގައެވެ. އެކަމަކު މަޑުމަޑުންގޮސް ވައިގެ ތެރެއަށް ފޭދުނެވެ. އެ ހަނދާންތައް ބޭރުވެގެންދަނީ ހިފެހެއްޓުމެއްނެތް ކަރުނައިގެ ގޮތުގައެވެ.

***

ޖަމީލާ ހިނަވާގެއަށް ގެންދެވުނީ އެމްބިއުލެންސްގައެވެ. ޒުބޭރުގެ ފޯނުން ގުރުއާން ޖައްސާލާފައިވުމުން ހައްތާ އަސަރުކޮށް މިރިއަމްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. މަންމައާއެކު ދުނިޔޭގައި ކުރެވޭނެ އެންމެފަހު ދަތުރުކަން ގަބޫލުކުރަން އަދިވެސް އޭނަގެ ހިތް ތައްޔާރެއްނޫނެވެ. އޭނަގެ ހިތް ހީވަނީ ހަށިގަނޑާއި ވަކިވެގެންގޮސްދާނެހެންނެވެ. ގުރުއާނުގެ އާޔަތްތައް އިވުމުން ހިތަށް ލިބުނު ފަރުވާއެއްކަމުގައިވިޔަސް ކަރުނަތަކަށް ހުއްޓުމެއްނައެވެ.

މަންމަ ހިނަވާގޭގައި ބާއްވާފައިއޮތްއިރު ހީވީ ހަމަ ރީތިކޮށް ނިދާލާފައި އޮތްހެންނެވެ. ޒުވާންކަމުން އުމުރުން ވިއްސަކަށް އަހަރުގެ ފޮޓޯއަކާއި ތަފާތެއްނެތެވެ. ހޮސްޕިޓަލުގައި އޮތްއިރު މޫނުމަތިން ފެނުނު ވޭނުގެ އެއްވެސް ކުލައެއްނެތެވެ. އެހުރިހާ ވޭނަކާއި އުދަގޫތަކަށް އަބަދަށްޓަކާ އަލްވަދާއުކީއެވެ. މިރިއަމް މަންމަގެ ނިތްކުރީގައި އަތް ޖައްސައިލިއިރު ގަނޑުފެންހާ ފިންޏެވެ. އެއްވެސް ހޫނުކަމެއްނެތެވެ.

މީހުންތައް އެއްވަމުން ދިޔަސް އެހެން މީހަކާއި ދިމާލަށް ބަލާނެ ހިތްވަރެއް ނެތެވެ.

"ތިއީ ދަރިފުޅުތަ؟ ބޭނުމިއްޔާ ހިނަވަން ވަދެވޭނެ.."ހިނަވަން އައި މީހަކު ބުނުމުން ދެކޮޅު ހަދަން އުޅުނެވެ. އޭނައަށް މަންމަ ފެންވެރުވުމުގެ ހިތްވަރުލިބޭނީ ކިހިނެއްހެއްޔެވެ؟ ދުވަހަކު ހިތުން ފިލައިގެންނުދާނެއެވެ.

ނޫނެކެވެ. އޭނަ ދެކޮޅުހަދައިގެން ނުވާނެއެވެ. އެންމެފަހު ފަހަރަށް މަންމައަށް ހުރިހާ ޚިދުމަތެއްކޮށްދޭން ޖެހޭނީ ހުރި އެންމެ އަންހެންދަރިފުޅު ފިޔަވާ ކާކުހެއްޔެވެ؟ އޭނައަށް އެހިތްވަރު ލިބުނުގޮތެއްވެސް ނޭގެއެވެ. އޭނަ މަންމަގެ ގައިގާ ޝަވަރޖެލް ލާފައި ދޮވުނެވެ. އިސްތަށިގަނޑު ދޮވުނުއިރު ބޮލުގައި ހިފެހެއްޓިއެވެ.ކޮންމެ އަމަލެއް އޯގާތެރިކަމާއި ލޯބިން ފުރިފައެވެ. ރޮއިރޮއިހުރެ އެމީހުންނަށް އެހީތެރިވެދިނެވެ. ދޭތެރެއަކުން ލޮލުން ކަރުނަ އޮހިގަތުމުން ޓިޝޫއިން ފޮހެލާފައިވެސް އޭނަ ހުރީއެވެ. ފެންވަރުވާ ނިމުމުން މަންމަގެ ނިތަށް ބޮސްދިނެވެ. އަތަރުލައްވާދިނެވެ. ތަނުގައި ހިފައިލި މީރުވަހަކީ މަންމަ ލޯބިކުރާ އަތަރެއްގެ ވަހެވެ. މަންމަގެ މޫނުގެ ވިދުން އިތުރުވިއެވެ. ހަމަޖެހިލައިގެން ހިނިތުންވެލައިގެން އޮވެ ނިދަނީއެވެ.

މަންމަގެ މޫނު ދެކެން އައި މީހުން އަންނަމުން ދިޔައިރު އޭނަ އިނީ ގޮނޑިއެއްގައި އިށީދެލައިގެންނެވެ. އޭނަގެ ލޮލުގައިވީ ކަރުނަތައް މާކުރިން ހިކިއްޖެއެވެ. މިހާރު މޮޅިވެރިކަމާއި ހިތާމަ އެހެން ސިފައެއް ޚިޔާރުކުރިއެވެ. ހިލަހެން ބަރުވެފައި ހިތުގެ އެންމެ ފުނުގައި ހަރުލައިފިއެވެ. ނުރޮވުނަސް ހިތް ރޮނީއެވެ.

އޭނައަށް އެނގެނީ ވަރަށް ގިނަ މީހުން އައިކަމެވެ. އަވަށްޓެރިން ގާތަށް އައިސް ތައުޒިޔާ ކިޔާފައި ބުރަކަށީގައި ފިރުމާލާފައި ހިތްވަރުކުރަން ބުނެއެވެ. އެމީހުންނަށް އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ ހިތުގައި އަޅާ ވޭން އެނގޭނީ އެހާ ޚާއްސަ މީހަކު ވަކިވެގެން ދިޔުމުންނެވެ. އޭނަގެ ހުރިހާވެސް މީހަކީ މަންމައެވެ.

ޒުބޭރުގެ މޫނުމަތިންވެސް ފެންނަނީ މޮޅިވެރިކަމެވެ. އާއްމުކޮށް އެހުންނަ ހަމަޖެހޭ ކުލަވަރުވަނީ ނެތިގެންގޮސްފައެވެ. މިހާރު ފެންނަނީ ބަލިކަށިކަމާއި މާޔޫސްކަމެވެ. ލޮލުގައި ކުޑަ ރަތްކަމެއްވިއެވެ.

"ވަގުތުޖެހުނީ.....ހިނގާ މަންމަގެ ގާތަށް..އެންމެ ފަހުފަހަރު.."ހަނިއްޔާ އޭނަ ތެދުކޮށްގެން ހިނގައިގަތެވެ.

މަންމަގެ މޫނު އަބަދަށްޓަކާ ފޮރުވިގެން ދިޔަ މަންޒަރު ބަލައިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. އޭނަ އެނބުރުނީ އަނެއް ފަރާތަށެވެ. އޭނަ ލޯ މަރާލައިގެން ހުރެ ހުއްޓުމެއްނެތި" لَا إِلَٰهَ إِلَّا ٱللَّٰهُ" ކިޔަންފެށިއިރު އަޑު ރޫރޫ އަޅައެވެ. ކައިރީގައި ތިބި މީހުން ކަރުން އޮއްސިއިރު އޭނަގެ ހިތް ހަޅޭއްލެވިއެވެ. ޔާﷲ..ޕްލީޒް..ހަމަ އެންމެ ދުވަހެއް..އެންމެ ހިނިތުންވުމެއް...މަންމައަށް ޚިދުމަތްކުރާނެ އެންމެ ފުރުސަތެއް އަދި..."

އޭނައަށް ދުޢާތަކުގެ އަޑު އިވުނެވެ. އެންމެންގެ ފިޔަވަޅުތައް ދުރަށްދާކަން އެނގުނެވެ. އޭނަ ހުރީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ.

އޭނަ ކަށުނަމާދުގައި ބައިވެެރިވިއެވެ. އޭރު ވެސް ސިކުނޑި ހުރީ ގަބުވެފައެވެ. ހަގީގަތް ގަބޫލުނުކުރެވިފައެވެ.

މަންމަ ވަޅުލިއިރު އަނެއް ފަރާތު ފާރުކައިރީގައި އޭނަ ހުއްޓާ ފަސްމުށް ޖަހާތަން ފެނުނެވެ. އެއިން ކޮންމެ ފަސްމުށެއްޖެހުނީ އޭނަގެ މޭގައެވެ. އެތަނުގައި ދުވީ ވާރެއާއި ބިންގަނޑުގެ ތެތްވަހެވެ. ނިމުނުއިރު މަންމަގެ ހަނދާނަކަށް އެތަނުން ފެންނަންހުރީ ފަސްފުންޏަކާއި ފިލާގަނޑެކެވެ. އެއާއެކު އެންމެން އެތަނުން ދާން ހިނގައިގަތެވެ. އޭނަގެ ނަޒަރުގައި ހަމްޒާ އަޅައިގަތީ އެވަގުތުއެވެ. ހަމްޒާއާއި ޒުބޭރު ޖެހިޖެހިގެންނެވެ. ހަމްޒާ އިސްޖަހާލައިގެން ހިމޭނުން ހުރީ މޮޅިވެރިކަމުގެ މިސާލެއްހެންނެވެ. އޭނައަށް ބަލަން ހުރެވުނީއެވެ. ހަމްޒާގެ ހިތުގައި މަންމައަށްޓަކާ އޮތް ލޯބި ފެނުމުން ގަދަރު އުފުލުނެވެ.

މިއީ ދިރިއުޅުމުގެ ހަގީގަތެވެ. އެންމެނަށް އޮތް ދުވަހެކެވެ. ނޭގެނީ މަރުގެ ވަގުތެވެ. މަރުވާނެ ސަބަބެވެ. އުމުރެވެ. އަބަދަށްޓަކާ ތައްޔާރުވާންވީ ސަބަބެވެ. މަންމަވެސް ހުރިހާ އެއްޗެއް ދޫކޮށްލާފައިދިޔައިރު ގައިގާ އޮތް ހުދު ފޮތިގަނޑު ނޫނީ ނެތެވެ.

"ޔާﷲ މަންމައަށް ފާފަ ފުއްސަވާދޭވެ. ޖަންނަތުލް ފިރުދައުސްގައި ލައްވާދޭވެ. ރަހުމަތް ލައްވާދޭވެ"އޭނައަށް މަންމައަށްޓަކާ ކޮށްދެވެން އޮތީ ހެޔޮ ދުއާއެވެ.

ތުނިކޮށް ވެހެންފެށި ވާރެއާއި ކަރުނުން މަންޒަރު ފުސްވިއެވެ.

"މިރިއަމް..މަންމައާއެކު ގެއަށް ދާނީ ދޯ..އިރުކޮޅަކުން ގެއަށް ދާނަން........"ޒުބޭރު ގޮވައިލުމުން އޭނަ ސިހިފައި އެނބުރުނެވެ. ލޯ ފުރެންދެން ކަރުނައެވެ.

***

މިރިއަމް ހަނިއްޔާއާއެކު ކާރުގައި ގެއަށް އައިއިރު ރަށުބަޔަކުވެސް ދޮރުމަތީގައި ތިއްބެވެ. ޒުބޭރު ބަތް ޕާރުސަލް ގެނެސް އެންމެނަށް ކާންދިނެވެ. މިރިއަމް ސޯފާގައި އިށީންގޮތަށް ދެލޯ މަރާލައިގެން އިނދެ ނިތްކުރީގައި ފިރުމަމުން ދިޔައީ ހުރިހާ ސްޓްރެސް އެއް ފިލުވުމުގެ ބޭނުމުގައެވެ. އެންމެ ރަަގަޅުވާނީ ހަނދާންތައް ބަންދުކޮށްލުމެވެ.

ކުއްލިއަކަށް މިރިއަމްގެ ސިއްސައިގެން ދިޔައީ އަވަށްޓެރި ދެމީހުންފެށި ވާހަކައަކުންނެވެ. ކޮންމެހެން އޭނައަށް އިއްވާކަށް ނޫނެވެ. ނިކަން ސިއްރުންނެވެ.

"އޭނަ ދެކުނިންތަ؟" އަންހެނަކު ކިޔައިލިއެވެ." އެ އުމޭރު...އޭނަ ކުރި ކަންތައްތަކަށްފަހު ލަދެއް ހަޔާތެއް ނެތި ޖަނާޒާއަށް އައީ...އެންމެން ބުނާގޮތުން ވިއްޔާ އުމޫރު ޖަމީލާއާއި ދަރިފުޅު ދޫކޮށްލާފައި ފުރައިގެން ދިޔައީ..މީގެ އެންމެ އަޖައިބުވާ ތަންކޮޅަކީ...ޖަމީލާ އެ އުމޭރުއަކާއި ކައިވެނިކުރީވެސް ޔޫނުސް އާއި ރުޅިވެގެން ކަމަށްވަނީ..ބެޗާރާ ޔޫނުސް....އޭނަ ޖަމީލާދެކެ ކިހާ ލޯބިވި.."

"ޖަމީލާވެސް އެހާ ވަފާތެރި، ވަރަށް އަވަހަށް މާފުވެސްކުރާނެ..."ފުރަތަމަ މީހާ ކިޔައިލިއެވެ."އުމޭރު އެދެމީހުންގެ ދޭތެރެއަށް ވަނީ...ލޯބިން ވައުދުތަކެއްވެފައި ހާލަތު ގޯސްވާންފެށުމުން ގެއްލުނީ..ﷲ ފާފަ ފުއްސަވާދެއްވާށި.....އޭނަ އެދިން ވޭނާއި ތަދު ޖަމީލާއަކަށް ހައްގެއްނޫން.."

މިރިއަމްއަށް މަޑުމަޑުން އެމީހުންނަށް ބަލައިލެވުނެވެ. އެލަފުޒުތައް ހެރިގެން ދިޔައީ ފެނަށް ގެނބުނު ގާތަކެއްހެނެވެ.

އުމައިރުއެވެ،

ޔޫނުސްއެއްނޫނެވެ.

ބޭވަފާތެރިވީ އުމައިރުއެވެ. އޭނަގެ ބައްޕައެވެ. އޭނަ ހުރިހާ ދުވަހަކުވެސް ކުށްވެރިކުރީ މަންމައެވެ. ހީކުރީ މަންމަ ދެވަނަފަހަރަށް ކައިވެނުކުރީ އަމިއްލަ އެދުންބޮޑުކަމުން ކަމަށެވެ. ބައްޕަ ދޫކޮށްލާފައި ދިޔައީ މަންމަކަމުގައެވެ.އޭނަ ހީކުރީ މަންމަގެ އެ ނިންމުންތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުން ބަރުބާދުވެއްޖެ ކަމަށެވެ. އެކަމަކު މިހާރު މިވީ ކިހިނެއްހެއްޔެވެ؟ ހުރިހާކަމެއް ހިނގީ އޭނަ ނިންމައިގެން ހުރި ގޮތާއި ޚިލާފަށެވެ. އޭނަގެ ސިކުނޑިއަށް ވާންވެ ފަޅައިގެންދާނެހެން ހީވިއެވެ. ހިތް ރޭސްޖަހައިލުމާއެކު އަރުތެރެހިކުނެވެ.

އޭނަ އަވަސްވެގަތީ ތާޒާވައިކޮޅެއް ހޯދައިލުމަށެވެ. އޭރު ތުނިކޮށް ވާރޭވެހެމުން ދުނިޔެއަށް ތާޒާކަމާއި އާރޯކަން ގެނެސްދެނީއެވެ. ހިމޭންވާރެއާއެކު ދުނިޔެވެސް ހިމޭންވިއެވެ. އޭނަގެ ބޮލުތެރޭގައި ހަގުރާމައެއްފެށިއެވެ.

މަންމަގެ އެްއްވެސް ކުށެއްނެތެވެ. އަނިޔާލިބެވުނީ މަންމައަށެވެ. އެމީހަކު މަންމައަށް ބޭވަފާތެރިވެ ކެހިދިނީއެވެ. އެމީހަކު މަންމަ ދޫކޮށްލީއެވެ. މަންމަ އައީއެއް ނޫނެވެ. އެތައް ފަހަރެއްގެ މަތިން އޭނަ މަންމައާއި ދިމާލަށް ބުނި ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމައިގަތީ ހުސްކޮޓަރިއެއްގައި ހަޅޭއްވެލުން ފަދައިންނެވެ.

"މަންމަ ހުރިހާ ކަމެއް ހަލާކުކޮށްލީ..."

"މަންމަ އަހަރެމެންނަށްވުރެ މުހިއްމުވީ އޭނަ...."

"އަހަރެން ދުވަހަކު މާފުނުކުރާނަން.."

އެއިން ކޮންމެ ފަހަރަކު މަންމަ ޚިޔާރުކުރީ ހިމޭންކަމެވެ. އަމިއްލަ ނަފުސްގެ ދިފާއުގައި އެއްޗެއް ނުބުނެއެވެ. ތަފްސީލެއްވެސް ނުދެއެވެ. ހަމަ އެ ހަމަޖެހޭ މޫނެވެ. އެއީ މިރިއަމް އެންމެ ރުޅިއަންނަ އިހުސާސެވެ. ހީވާ ކަހަލައެވެ. މަންމަ ހެކިދެއްކުމެއް ނެތި ކޮންމެވެސް ހަގީގަތެއް ފޮރުވައިގެން އުޅެނީއެވެ.

މިހާރު މަންމައާއެކު ހަގީގަތްވެސް ވަޅުލެވުނީއެވެ.

މަންމަގެ ފަރާތުން މާފަށް އެދުން މާ ލަސްވެއްޖެއެވެ.

ކޮންމެވެސް މީހަކު ސައިތަށްޓެއް ގެނެސްދިނެވެ. އޭނަ އެތަށީގައި ހިފިއިރު އަރް ތުރުތުރުއަޅާވަރުން ދޫނުވީ ކިރިޔާއެވެ. އޭނަ ފާރާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ.

"ޖަމީލާ ކިހާ ކެތްތެރި..ހުރިހާކަމެއް ހިނގާ ދިޔައިރުވެސް ހިނިތުންވުމާއެކު ގަދަރަށް އީމާންވެގެން ހުރީ...މާތްﷲ ފާފަ ފުއްސަވާދެއްވާށި.."

އެ ލަފުޒު އޭނަގެ ހަނދާނުގެ މަޑިކިލަބުގައި ކޮށްޓައިލިއެވެ. ގަދަރުގެ ވާހަކަ އޭނައަށް އެތައް ފަހަރަކު މަންމަގެ ފަރާތުން އިވިފައިވިއެވެ. ހުރިހާކަމެއްވަނީ ﷲ ތައާލާގެ އިރާދައިންނެވެ. އެންމެންހެ ދިރިއުޅުމުގެ ފަސާނާވެސް ލައުހުލް މަހުފޫޒުގައި ލިޔުއްވާފައިވެއެވެ. އެކި މީހުންނަށް ކުރިމަތިވާނީވެސް އެކި އިމްތިހާނުތަކެވެ. ރިޒުގު ބެއްސެވުންވެސް އެފަދައެވެ. އެއާއެކު އިންސާނުން ޖެހެނީ މަސައްކަތްވެސް ކުރާށެވެ. ދީނުގެ ހުދޫދުގެ ތެރެއިންނެވެ. އޭނަގެ މަންމަވެސް ހިިތްވަރު ހޯދީ ނަމާދާއި ޒިކުރުންނެވެ. ނަމަވެސް މަންމަގެ ހަޔާތުގައި އެންމެ ގާތް މީހުންގެ ފަރާތުންވެސް ކުރިމަތިވީ އިމްތިހާނެވެ. ހުރި އެންމެ ދަރިފުޅުވެސް މަންމައާއި ދެކޮޅުވެރިވި ދުވަހެއް އައެވެ. އޭނައަށް ހަގީގަތް ނޭގި މަންމައާއި ދިމާލަށް ކިތަންމެ އެއްޗިއްސެއް ކިޔުނެވެ. މަންމަ ހިމޭންކަމާއެކު ހިތާމަތައް ބަރުދާސްތުކުރީއެވެ. ނަމަވެސް ސިކުނޑިއަށް ކުރިމަތިވީ ބުރައިގެ ސަބަބުން އެ ޑިމެންޝިއާ ކިޔާ ނުރައްކާތެރި ހާލަތުން ސިކުނޑީގެ މުހިއްމު މަސައްކަތްކުރާ ސެލްތައް ހަލާކުކޮށްލަނީއެވެ. ސްޓްރެސްއަކީ ޑިމެންޝިއާގެ ސީދާ ސަބަބަކަށް ނުވިޔަސް ނުސީދާކޮށް އެދިމާލަށް ގެންދާ ސަބަބަކަށްވެދެއެވެ.

މަންމަ ވަކިވެގެން ދިޔައީ އޭނަގެ ސަބަބުން ހިތާމަކުރަމުންގޮސް ހެއްޔެވެ؟

ޔާﷲ ފޮގިވް މީ...ޕްލީޒް...ޔާ ރައްބު...ނޭގުނީ....މަންމަގެ ކުށެއްނެތް...ކުށްވެރިއަކީ އުމޭރު......އެ ދަންތުރައިގަ ޖެހުނީ...."އޭނަަ ލޯ މަރައިލުމުން ކަރުނައިގެ ތެރެއިންވެސް ފެނުނީ މަންމަ ކުޑަދޮރު ކައިރީ ބޭރަށް ބަލަހައްޓައިގެން އިނދެ ތަސްބީހަ ކިޔާ މަންޒަރެވެ. ކަންފަތުގައި ޖެހުނީ ޒިކުރެވެ. މަންމަގެ ހިމޭން ޒިކުރެވެ. އެއީ މަންމަގެ ހިތާމައިގެ ބައިވެރިޔާއެވެ.

"ހުރިހާކަމެއް މިހާރު ނުވިސްނި ހިނގައިދާނެ މަންމަގެ ފުރާނަޔާ..."މަންމަ އެއް އިރެއްގައި ބުނެފައިވިއެވެ."ﷲތައާލާއަށް އިތުބާރުކުރޭ..އަހަރެމެންނަށް ނޭގޭ ކަންތައް އެފަރާތުން ދެނެވޮޑިގަންނަވާ.."

އެ ލަފުޒުތަކަކީ މަންމަގެ އެންމެ ފަހުގެ ހަދިޔާތަކެވެ. ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ހަނދާންތަކެވެ. ފުރާނައިގެ އެންމެ އެތެރޭގައި އިންދެވޭ ގަސްތަކެއްފަދަ ލަފުޒުތަކާއި ނަސޭހަތްތަކެވެ.

***

މިރިއަމް މަންމަގެ ކޮޓަރިއަށްވަންއިރު އެކޮޓަރީގެ ކޮންމެ އެއްޗެއްވަނީ ތަރުތީބުންނެވެ. މަދުވަނީ މަންމައެވެ. މަންމަގެ މުސްހަފް އޮތީ ހުޅުވާފައެވެ. މަންމަ އެންމެފަހަށް ކިޔެވި ސަފުހާގައި އޭނައަށް އިނގިލި ޖައްސައިލެވުނެވެ. މަންމަ އެ އާޔަތްތައް ކިޔާ ރާގު ކަންފަތުގައި ހަރުލާފައިވިއެވެ. ވަށައިގެން ފެންނަނީ މުޅިންވެސް މަންމަގެ ހަނދާންތަކެވެ. މަންމަ އިށީދެ އިންނަ ގޮނޑިއެވެ. ސްކާފްތަކުގައި ހަރުލާފައިވާ ފިނިފެނުގެވަސް ހުންނަ ސެންޓުގެ ލުއި ވަހެވެ. އޭނައަށް މަންމަގެ އަލަމާރި ހުޅުވައިލެވުނެވެ. މަދީ ހަމައެކަނި މަންމައެވެ. މަންމަގެ ފިޔަވަޅުގެ އަޑެވެ.

އޭނަ ވުޟޫކޮށްލައިގެން އައިސް ދެ ރަކުއަތް ނަމާދެއްކޮށްލާފައި ސަޖިދައަށް ދިޔަގޮތަށް ހިތް ބަންޑުންކޮށްލީ ހަމަ އެކަނި ހެއްދެވި ފަރާތަށެވެ. ކަރުނަތައް ހުސްވަންދެން އޭނަ ރުޔެވެ. ދުޢާކުރިއެވެ. އަޑު ހަލާކުވާވަރަށް ދުޢާކުރެވުނެވެ.

"ޔާ ރައްބު..މިއަޅާއަށް ކެތްތެރިކަން ދެއްވާދޭވެ...މަންމައާއެކު ޖަންނަތުގައި ލައްވާދޭވެ.......މަންމަ އުފަލުގައިވާނަމަ....ޕްލީޒް ޝޯ މީ އެ ސައިން.."

މިރިއަމް ކުޑަދޮރުން ބޭރަށް ބަލައިލިއިރު ތެތް ފަތްތަކުގައި ރިހިކުލައިގެ އައްޔެއް ޖައްސަމުން ދުނިޔެ ރިހިކޮށްލަނީއެވެ. ދޮރުގައި ޓަކި ޖަހާފައި ސަލާމް ގޮވައިލަމުން ޒުބޭރުވަނެވެ. މަންމަގެ ސާމާނު އަޅާފައި ހުރި ކޮތަޅުތައް ގެނެސް މޭޒުމަތޫގައި ބެހެއްޓިއެވެ. އޭނަގެ މޫނުވެސް ނިކަން ހުދެވެ. ފިންޏާއި ހިތާމައިގެ ހުދުކަމެވެ. ދެމީހުންގެ ލޯ ބައްދަލުވިއެވެ. އެވަގުތު އެންމެ އެކަށީގެންވާ ލަފުޒުތައް ބުނަން ނުކުޅެދުނިކަން ނޭގެއެވެ.

މިރިއަމް ޒުބޭރުއާއި ދިމާލަށް ހިނގައިގަތެވެ. ކައިރީގައި ހުއްޓުނެވެ. އޭނަ ޒުބޭރުގެ އަތުގައި ހިފައިލިއިރު ފިނިކަމުން ގަނޑުފެންކޮޅެއްފަދައެވެ. އެދޭތެރެއަށް ވެރިވެފައިވާ ހިމޭންކަން މަރުފަދައެވެ.

"މަންމަގެ ވޭންތަކަށް ނިމުން އައީހެން ހީވަނީ..."އޭނަ މަޑުމަޑުން ބުނެލިއެވެ.

"މަންމަ ވަނީ މަންމަ އެންމެ ލޯބިވާ ފަރާތާއެކު...."ޒުބޭރުގެ އަޑުވެސް ކުރަކިވިއެވެ. މިރިއަމް ލޯ މަރައިލުމާއެކު ދުޅަވެފައިވާ ލޮލުން ކަރުނަތިއްކެއް ކޯތާފަތަށް ފައިބައިގެން ދިޔައެވެ. އެއީ އެކަމަކު ކުށުގެ އިހުސާސަކުން ނޫނެވެ. އޭނަ ގަޟާގަދަރަށް އީމާންވީއެވެ. ހަތިޔާރު ބެހެއްޓީއެވެ. ހިތަށް ލިބޭ ވޭނާއި އަނިޔާއާއެކުވެސް ޝިފާވެސް އެކުލެވޭ ކަރުނައެވެ.

ބަންގީގެ އަޑު ކަންފަތުގައި ޖެހުނެވެ. މަންމަ އަބަދުވެސް ނަމާދު ގަޑި ނުޖެހިގެން ސުވާލުކުރާނެއެވެ.

އޭނަގެ މަންމަ މިއަދު ދުނިޔޭގައި ނެތެވެ. ނަމަވެސް މަންމަ ދިޔައީ މަންމަގެ އީމާންތެރިކަމާއި ކެތްތެރިކަމުން މިރިއަމްއަށް އިބުރަތެއް ދީފައެވެ. އޭނައަށް މަޑުމަޑުން ކިޔައިލެވުނީ قَدَّرَ اللَّهُ وَمَا شَاءَ فَعَلَއެވެ. ކުރިން އޭގެ މާނައާއިމެދު އެއްވެސް ވަރަކަށް ވިސްނާލެވިފައެއްނެތެވެ. އޭނަ އެކަންޏެއްނޫނެވެ. ގިނަ މީހުންނަށް ވިސްނޭނީ ފަހުންނެވެ. ބޮޑު އިމްތިހާނެއްކުރިމަތިވުމުންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު