އައިފޯން 17: ކުރީގެ މޮޑެލަށްވުރެ 14 އިންސައްތަ އިތުރަށް ވިކިއްޖެ

އެންމެ ގިނައިން ވިކެނީ އައިފޯން 17 ޕްރޯ މެކްސް ---

އެޕަލްގެ އާ އައިފޯން 17 ސީރީޒް، ޗައިނާ އަދި އެމެރިކާގައި ވިކުނު މިންވަރު، ކުރީގެ އައިފޯން 16 ސީރީޒްއަށްވުރެ 14 އިންސައްތަ އިތުރުވެފައިވާ ކަމަށް ރިސާޗް ފާމެއް ކަމަށްވާ ކައުންޓާޕޮއިންޓުން ބުނެފިއެވެ.

މިކަމުން ދައްކުވައިދެނީ ގޭހުގެ އަގު ބޮޑުވެ، އިންފްލޭޝަން މަތިވަމުންދާ ދަނޑިވަޅެއްގައި ވެސް ސްމާޓްފޯނުގެ ބާޒާރުގައި އެޕަލްގެ ޑިމާންޑް ދަށްނުވާ ކަމެވެ.

އާ މޮޑެލްތައް ބާޒާރަށް ނެރުނު ފުރަތަމަ 10 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދެ ގައުމުގައި ވެސް އައިފޯން ވިޔަފާރި ރަނގަޅުވެފައިވާކަން ކައުންޓަޕޮއިންޓްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޗައިނާއަކީ އެޕަލްގެ އެންމެ ބޮޑު އެއް ބާޒާރަށް ވާއިރު، އެމެރިކާއަކީ އެޕަލްގެ އުފަން ގައުމެވެ.

https://sun.mv/212618

މި ރިޕޯޓުގައިވާ ގޮތުން، ޚާއްސަކޮށް އައިފޯން 17 ގެ ބޭސް މޮޑެލް އަށް ޗައިނާގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ކުރީގެ މޮޑެލް ނެރުނު ދުވަސްވަރާ އަޅާބަލާއިރު، އައިފޯން 17 ގެ ބޭސް މޮޑެލްގެ ވިޔަފާރި ޗައިނާގައި ދެގުނައަށް ގާތްކުރާ މިންވަރަށް އިތުރުވެފައިވެއެވެ.

މީގެ އިތުރުން، މި ދެ ބާޒާރު (ޗައިނާ އަދި އެމެރިކާ) އެއްކޮށްލުމަށްފަހު ބަލާއިރު، ބޭސް މޮޑެލްގެ ވިޔަފާރި ވަނީ 31 އިންސައްތަ އިތުރުވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާގައި އެޕަލްއަށް ވާދަވެރިކަން ކުރިމަތިވެފައިވަނީ ވާވޭ އަދި ޝިއޯމީ ފަދަ އެހެން ކުންފުނިތަކުންނެވެ.

ކައުންޓާޕޮއިންޓްގެ ސީނިއާ އެނަލިސްޓް މެންގްމެންގް ޒަންގް ވިދާޅުވީ، "އައިފޯން 17 ގެ ބޭސް މޮޑެލް އަކީ ކަސްޓަމަރުންނަށް ވަރަށް މަގްބޫލު މޮޑެލެއް ކަމަށެވެ. ނަމަވެސް އެޕަލްގެ އައިފޯންތަކުގެ އަގު އާއްމުކޮށް ބޮޑުކޮށް ހުންނާތީ ގިނަ ބަޔަކު ފާޑުކިޔާފައިވާ ކަމަށް އޭނާވިދާޅުވިއެވެ.

ޒަންގް އިތުރަށް ވިދާޅުވީ، ކުރީގެ އަހަރުގެ އައިފޯން 16 ގެ އަގަށް ވުރެ ބޮޑު ނުކޮށް، ރަނގަޅު ޗިޕެއް، ބެހެއްޓުން ރަނގަޅު ޑިސްޕްލޭއެއް، އިތުރު ސްޓޯރޭޖެއް އަދި ސެލްފީ ކެމެރާގެ ކުރިއެރުންތަކެއް މި މޮޑެލްގައި ހިމަނާފައިވާ ކަމަށެވެ. މިއީ އެޕަލްގެ ސްޓްރެޓެޖީއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެޕަލްއިން އައިފޯން 17 ސީރީޒް ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. އާންމުކޮށް އެޕަލް އިން އާ އައިފޯން މޮޑެލްތައް ތައާރަފްކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުއެވެ.

comment ކޮމެންޓް