ގޫގުލް އިން 'މިކްސްބޯޑް' ނަމުގައި އާ އޭއައި ޓޫލެއް!

މިކްސްބޯޑަކީ 'ގޫގުލް ލެބްސް'ގެ އޭއައި ޕްލެޓްފޯމެއް --

ގޫގުލް އިން 'މިކްސްބޯޑް' ނަމުގައި އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލެއް ތައާރަފުކޮށްފިއެވެ.

ހިންދޫސްތާން ޓައިމްސް ޓެކް ރިޕޯޓެއްގައިވާ ގޮތުން، ގޫގުލް އިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުވައިގެން އުފެއްދުންތެރި މަސައްކަތްތައް ކުރާނެ އާ ޓޫލެއް ކަމަށްވާ "މިކްސްބޯޑް" ތައާރަފުކޮށްފައެވެ. މި ޓޫލްގެ މަގްސަދަކީ ކުދިކުދި އައިޑިއާތައް ވެސް ފަސޭހަކަމާއެކު ވިޒުއަލް ޕްރޮޖެކްޓްތަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމެވެ.

މިކްސްބޯޑަކީ ގޫގުލްގެ 'ގޫގުލް ލެބްސް'ގެ ތެރެއިން ތައާރަފުކުރި ޖެނެރޭޓިވް އޭއައި ޕްލެޓްފޯމެކެވެ. މިއީ ޔޫޒަރުންނަށް އެމީހުންގެ އައިޑިއާތައް ރާވައި، ޑިޒައިންކޮށް، އަދި އަވަހަށް ފޮޓޯއާއި ލިޔުން އުފެއްދުމަށް އެހީތެރިވެދޭ ޑިޖިޓަލް މަސައްކަތުގެ މާހައުލެކެވެ.

އާދައިގެ ވިސްނުމަކުންވެސް ފޮޓޯއެ ހަދާލެވިދާނެ ---

ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި މި ޕްލެޓްފޯމް ސިފަކޮށްފައިވަނީ "ބްރެއިންސްޓޯމް ކުރުމާއި، ޕްލޭން ކުރުމާއި، އަދި ޑިޒައިން ކުރުމަށްޓަކައި ހަދާފައިވާ ކޮންސެޕްޓް ބޯޑެއް" ގެ ގޮތުގައެވެ.

މި ޓޫލް ބޭނުންކޮށްގެން ގޭގެ ޑެކޮރޭޝަން، އިވެންޓް ތީމްތައް، އުފެއްދުންތަކުގެ އައިޑިއާތައް، އަދި އެހެނިހެން ކްރިއޭޓިވް މަސައްކަތްތައް ވެސް ކުރިއަށް ގެންދެވިދާނެއެވެ.

މިކްސްބޯޑް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ސާދާ ލިޔުމެއް (ޓެކްސްޓް ޕްރޮމްޕްޓެއް) ބޭނުންކޮށްގެން ނުވަތަ ކުރިން ހަދާފައިވާ ވިޒުއަލް ބޯޑުތަކުން ފެށިދާނެއެވެ. އަދި ޔޫޒަރުންގެ އަމިއްލަ ފޮޓޯތައް އަޕްލޯޑް ކުރުމުގެ އިތުރުން، އޭއައި ބޭނުންކޮށްގެން އާ ފޮޓޯތައް ވެސް އުފެއްދޭނެއެވެ.

ގޫގުލްގެ "ނެނޯ ބަނާނާ" ނަމަކަށް ކިޔާ އިމޭޖް އެޑިޓިން މޮޑެލް މި ޓޫލްގައި ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން "ރީޖެނެރޭޓް" ނުވަތަ "މޯ ލައިކް ދިސް" ފަދަ އާދައިގެ އިންސްޓްރަކްޝަންތައް ދީގެން ވެސް ފޮޓޯތަކަށް ބަދަލު ގެނެވޭނެއެވެ. މީގެ އިތުރުން ބޯޑުގައިވާ ކޮންޓެންޓާ ގުޅޭ ލިޔުން (ޓެކްސްޓް ޑިސްކްރިޕްޝަން) ވެސް މިކްސްބޯޑް އިން އުފައްދައިދެއެވެ.

މިކްސްބޯޑް އަކީ ކެންވާއިން ތައާރަފުކޮށްފައިވާ އޭއައި އެސިސްޓެންޓްސް އާއި އެޑޯބްގެ ފަޔާފްލައި ބޯޑްސް ފަދަ ޓޫލްތަކާ އެއްފަދަ ޓޫލެކެވެ. މިއީ އޭއައިގެ އެހީގައި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ކޮލެބޮރޭޓިވް ޕްލެޓްފޯމެއްގެ ގޮތުގައި ގޫގުލް އިން ދައްކުވައިދެއެވެ.

މިކްސްބޯޑް މިވަގުތު ހުރީ ޕަބްލިކް ބީޓާ (ޓެސްޓިން މަރުޙަލާ)ގައި ކަމަށްވުމުން، މިހާރު މި ޓޫލް ބޭނުންކުރެވެނީ އެމެރިކާގެ ޔޫޒަރުންނަށް އެކަންޏެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކަށް ވެސް މި ޚިދުމަތް ފުޅާކުރުމުގެ ވިސްނުން ގޫގުލް އިން ގެންގުޅެއެވެ.

މިކްސްބޯޑްގެ އިތުރުން ވެސް ގޫގުލް އިން ދަނީ އެހެނިހެން އޭއައި ޚިދުމަތްތައް ވެސް ތަޖުރިބާ ކުރަމުންނެވެ. އޭގެ ތެރޭގައި، ވިންޑޯސް ސާޗް އެޕްލިކޭޝަނެއް މެދުވެރިކޮށް ސިސްޓަމް، ގޫގުލް ޑްރައިވް، އަދި ވެބް އިން ފައިލްތައް ހޯދޭނެ ފީޗާއެއް ހިމެނެއެވެ.

މީގެއިތުރުން ވެސް، ގޫގުލްގެ އޭއައި ޕްލަސް ސަބްސްކްރިޕްޝަން ޚިދުމަތް 40 އަށް ވުރެ ގިނަ ގައުމަށް ފުޅާކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް