ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާނީ ރައްޔިތުންނަށް މަންފާކުރާނެ ފަދަ ބިލުތައް ކަމަށާއި އެ ބިލުތައް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމްގެ އުފަންރަށް ލ. ފޮނަދޫ ރައްޔިތުންނާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ތިބީ "ފިސާރި ކެރިގެން" ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭން ތައްޔާރަށް ކަމަށެވެ.
އެގޮތުން، ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާ ކޮންމެ ބިލަކީ ގައުމާއި ރައްޔިތުންނަށް ލާބައާއި މަންފާ ކުރާނެ ބިލެއްކަން ޔަގީންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަނިކުފާނުގެ ސަރުކާރު ހިންގެވުމަށް ބޭނުންވާ އެއްވެސް ކަމެއްގައި އިރާދަކުރެއްވިއްޔާ ކުޑަ ވެސް ފަސްޖެހުމެއް ނޯންނާނެ،މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގައި މިހާރު ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެއެވެ. އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ އަޣުލަބިއްލަތުން ނިންމާ ނިންމުމަށް މައިނޯރިޓީން ޖެހޭނީ ތަބާވާން ކަމަށާއި ޑިމޮކްރަސީއަކީ އެއީ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ނަމަވެސް މިހާރު އެ ޕާޓީ ތަމްސީލުކުރަނީ 12 މެންބަރުންނެވެ.
އެހެންވެ، އެ މެންބަރުން މަޖިލީހަށް ހުށަހަޅުއްވާ ކަންކަން ނުބަލާ ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މިމަހު ތޭރައިގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ، ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ވަޒީރުންނާ ސުވާލުކުރަން އަބްދުއްރަހީމް ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެހެންވެ، ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ހަވާލުކުރުމުގެ މަސައްކަތް އެމްޑީޕީގެ މެންބަރުން ފަށާނެ ކަމަށް އޭނާ ވިދާޅުވެފައެވެ.
ރައީސާއި ސަރުކާރަށް ތާއީދުކުރައްވާ އަބްދުއްރަހީމް ވާހަކަފުޅުދެއްކެވިއިރު، މީގެ ކުރިން އެ މަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކިކުރުމާ ގުޅިގެން ސިޔާސީ ކަންކަމުން ވަރަށް ބޮޑަށް ދުރުވިއެވެ. އަދި، ރައީސާ އެކު ކުރިން އޮތް ގާތްކަން ނެތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެކަމަކު، ދުވަސްގަނޑެއް ފަހުން އެ މަނިކުފާނު ވަނީ ސަރުކާރުގެ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައެވެ.