އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ހަމާސް ނައްތާލާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އިއްޔެ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/އަލް މޮނިޓާ

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހެޅި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ހަމާސް ނައްތާލާނެ ކަމަށް ވިދާޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވައިފިއެވެ.

ޓްރަމްޕްގެ އެ ވާހަކަފުޅަށް ފަހު މާގިނަ އިރުތަކެއް ނުވެ، އެމަނުކުފާނުގެ ނާއިބު ރައީސް ޖޭޑީ ވެންސް ވަނީ އިސްރާއީލަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައެވެ.

"އަހަރެމެން ހަމާސްއާ އެކު ޑީލެއް ހެދީ އެމީހުން ވަރަށް ރަނގަޅަށް ކަންތައް ކުރަން. އއެމީހުން ރަނގަޅުވާނެ." އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް އާއެކު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

"އެ މީހުން އެގޮތަށް އަމަލުނުކޮށްފިނަމަ، އަހަރެމެން ގޮސް އެ މީހުން ނައްތާލަންޖެހޭ ނަމަ ނައްތާލާނަން. އެ މީހުންނަށް އެކަން އެނގޭނެ."

މި މަހުގެ 10 ވަނަ ދުވަހު ޣައްޒާގެ ހަނގުރާމަ ނިންމާލުމަށް ދެ ފަރާތުން އެއްބަސްވި ނަމަވެސް، ހަމާސް އިން މަރުވެފައިވާ ރަހީނުން ހަވާލުކުރުމުގައި މަޑުޖެހިފައިވާ ކަމަށް ތުހުމަތު ކޮށް، އިސްރާއީލުން ވަނީ ހަމަލާތައް ދޭން އަލުން ފަށާފައެވެ.

މިސްރުގެ އަލްޤާހިރާ ނޫހަށް މައުލޫމާތު ދެއްވަމުން މުއާމަލާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ހަމާސްގެ ޚަލީލް އަލް ހައްޔާ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެ ޖަމާއަތުން ޚިލާފުވެފައިނުވާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާގުޅޭ މަޝްވަރާތައް ކުރުމަށް އެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވެންސް އިސްރާއީލަށް ފުރާވަޑައިގަންނަވަނީ. ފޮޓޯ/ރޮއިޓާސް

"އަޅުގަނޑުމެންނަށް ހަށިގަނޑުތައް ނެގުމަށް އިންތިހާއަށް އުނދަގޫ. ނަމަވެސް އަޅުގަނޑުމެން ސީރިއަސްކޮށް އެ ހަށިގަނޑުތައް ނެގުމަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ."

"ޣައްޒާގެ އެއްބަސްވުން ދެމިއޮންނާނެ. ސަބަބަކީ އަޅުގަނޑުމެން އެކަން ކުރަން ބޭނުންވާތީ,"

ޓްރަމްޕު ވަނީ ހަމާސްއާ ދެކޮޅު ޖަމާއަތްތަކުގެ މީހުން އާންމުންގެ ތެރޭގައި މަރާ ކަމަށާއި ޣައްޒާގައި އަލުން ބާރު ހިންގަން ހަމާސްއިން އުޅޭ ކަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް ޣައްޒާއަށް އެމެރިކާ ސިފައިން ނުދާނެ ކަމަށާއި، ޣައްޒާގެ ސުލްހަ ބަލަހައްޓާ ފައުޖެއްގައި ބައިވެރިވާން އެތައް ގައުމަކުން މިހާރުވެސް އެއްބަސްވެފައިވާ ކަމަށެވެ.

އަދި ހަމާސް މިހާރު މާ ބަލިކަށިވެފައިވާ ކަމަށާއި ހާއްސަކޮށް މި އަހަރު އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ސަރަހައްދީ ގޮތުން ހަމާސްއަށް ތާއީދުކުރާ އީރާނަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް