2028 ވަނަ އަހަރުގެ ނިޔަލަށް ރަޝިޔާއިން ހަކަތަ އެތެރެކުރުން މަނާކުރުމަށް އީޔޫއިން ނިންމައިފި

2028 ގެ ނިޔަލަށް ރަޝިޔާއިން ހަކަތަ ގަތުން މަނާކުރަން އީޔޫ އިން ވަނީ ނިންމާފައި. ފޮޓޯ/ރޮއިޓާސް

ދެހާސް އަށާވީސް ވަނަ އަހަރުގެ ނިޔަލަށް ރަޝިޔާގެ ތެލާއި ގޭސް އެތެރެކުރުން ހުއްޓާލުމަށް ޔޫރަޕް އިއްތިހާދު (އީޔޫ) ގެ ގައުމުތަކުން އެއްބަސްވެއްޖެއެވެ.

ޕައިޕްލައިން ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އަށް ވެސް އަމަލުކުރާ މި ޑްރާފްޓް ގަވާއިދަށް އީޔޫގެ ހަކަތައާ ބެހޭ ވަޒީރުންގެ ގާތްގަނޑަކަށް ހުރިހާ ބޭފުޅުން ވޯޓު ދެއްވީ ހޯމަ ދުވަހު ލަކްޒަމްބާގްގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ނިންމުމާއެކު، ޖެނުއަރީ 2026 ގައި ފަށަން ނިންމާފައިވާ ރަޝިޔާގެ ގޭސް އިމްޕޯޓް ކުރުމުގެ އާ ކޮންޓްރެކްޓްތަކާއި، މިހާރު ހުރި ޖޫން 2026 ގައި ފަށާ ކުރު މުއްދަތުގެ ކޮންޓްރެކްޓްތަކާއި ޖެނުއަރީ 2028 ގައި ފަށާ ދިގު މުއްދަތުގެ ކޮންޓްރެކްޓުތައް އުވާލަން ޖެހޭނެއެވެ.

އެ ހުށަހެޅުން ދެ ޖެހޭނީ ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރާށެވެ.

މި ޕްލޭނަކީ ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ހަކަތައަށް ބަރޯސާވުން ހުއްޓުވުމަށް އީޔޫގެ ފުޅާ ސްޓްރެޓެޖީއެއްގެ ބައެކެވެ.

އީޔޫއިން މިހާރު ވެސް ވަނީ ރަޝިޔާގެ ތެލުގެ އިމްޕޯޓް ޖުމްލަ ހިއްސާގެ ތިން ޕަސެންޓަށް ދަށްކޮށްފައެވެ. ނަމަވެސް އަދިވެސް ރަޝިޔާގެ ގޭސް، އިމްޕޯޓްކުރާ ގޭހުގެ 13 ޕަސެންޓް ހިއްސާކުރާކަމަށް ޔޫރަޕިއަން ކައުންސިލުން ބުނެއެވެ.

ރަޝިޔާގެ ހަކަތަ އެންމެ ގިނައިން އެތެރެކުރާ އީޔޫގެ ގައުމުތަކަކީ ހަންގޭރީ އާއި ސްލޮވާކިއާއެވެ. އޭގެއިތުރުން އެ ލިސްޓުގައި ފްރާންސް، ނެދަލެންޑްސް އަދި ބެލްޖިއަމް ހިމެނެއެވެ.

ވިޔަފާރީގެ ހުރަސްތަކުގެ އިތުރުން އީޔޫއިން ދަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އެޅުމަށްވެސް މަޝްވަރާ ކުރަމުންނެވެ. އަދި އެ ފިޔަވަޅުތައް މި އެންމެ އަވަސް ވެގެންވެސް މި ހަފްތާ ފާސްކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އީޔޫގެ ޚާރިޖީ ކަންކަމާ ބެހޭ މަތީ މަންދޫބު ކާޖާ ކަލާސް ވަނީ ވިދާޅުވެފައެވެ.

ރަޝިޔާގެ ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ދެއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން އިންޑިއާއިން މިހާތަނަށްވެސް ވާހަކަދައްކާފައެއްނުވެއެވެ.

ރަޝިޔާގެ ތެޔޮ ގަތުމަކީ އެ ގައުމުން ޔުކްރެއިނާ ދެކޮޅަށް ދޭ ހަމަލާތަކަށް އެހީވުން ކަމަށް ބަލައި އެކަމުގެ އަދަބެއްގެ ގޮތުން އިންޑިއާގެ މުދަލަށް ބޮޑު ޓެރިފެއް އެމެރިކާއިން ވަނީ މީގެ މަސްތަކެއް ކުރިން ކަނޑައަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް