އެހީ ކަނޑާނެކަމަށް ޓްރަމްޕް އިންޒާރު ދިނުމުން އެމެރިކާގައި ހުންނަ ކޮލަމްބިއާ ސަފީރު އަނބުރާ ގައުމަށް

ކޮލަމްބިއާގެ ރައީސް ގުސްޓާވީ ޕެޓްރޯ. ކޮލަމްބިއާ އިން ވަނީ އެމެރިކާގައި ހުންނަ އެ ގައުމުގެ ސަފީރު އަނބުރާ ގައުމަށް ގެންދަން ނިންމާފައި. ފޮޓޯ/ރޮއިޓާސް

އެހީ ފޯރުކޮށްދިނުން ހުއްޓާލާނެކަމަށް އިންޒާރު ދެއްވައި، ކޮލަމްބިއާގެ ރައީސާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަދުބަސް ވިދާޅުވެފައިވާތީ، އެމެރިކާގައި ހުންނަ ކޮލަމްބިއާގެ ސަފީރު އަނބުރާ ގައުމަށް ގެންދިއުމަށް ނިންމައިފިއެވެ.

ކޮލަމްބިއާގެ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ބުނީ ސަފީރު ޑޭނިއަލް ގާސިއާ-ޕެނާ މިހާރު ވަނީ ގައުމަށް އެނބުރި ވަޑައިގަންނަވައި، ރައީސް ގުސްޓާވޯ ޕެޓްރޯއާ ބައްދަލުކުރައްވާފައި ކަމަށެވެ.

ކޮލަމްބިއާގެ ރައީސް ޕެޓްރޯއާ އަކީ ގަވާއިދާ ޚިލާފަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރައްވާ ބޭފުޅެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ކޮލަމްބިއާއިން ބުނެއެވެ.

ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދެން މެދުވެރިވެފައިވަނީ މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރާ އުޅަނދުތަކަށް ކަމަށް ބުނެ އެމެރިކާއިން ކެރިބިއަން ސަރަހައްދުގައި ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެތައް ބަޔަކު މަރުވެފައިވާ އަދި އެމެރިކާއާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެ ހަމަލާތަކަށް ޕެޓްރޯގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ކޮލަމްބިއާއަށް ދޭ އެހީ ކަނޑާލާނެ ކަމަށް ވިދާޅުވެ، އެގައުމުގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ޕެޓްރޯ އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ، އެމެރިކާއިން އަމިއްލައަށް އެ މަސައްކަތް ކުރާނެ ކަމަށް ބުނެ ވަނީ އިންޒާރު ދެއްވާފައެވެ.

ކޮލަމްބިއާގެ އިންޓީރިއާ މިނިސްޓަރު އަރްމަންޑޯ ބެނެޑެޓީ ހޯމަ ދުވަހު ވިދާޅުވީ އެ ވާހަކަތަކަކީ "ކޮލަމްބިއާއާ ދެކޮޅަށް އަރައިގަތުމުގެ ނުވަތަ އަސްކަރީ ފިޔަވަޅު އެޅުމުގެ އިންޒާރެއް" ކަމަށް ދެކޭ ކަމަށެވެ.

މަސްތުވާތަކެތި ގެންދިއުމުގައި ހަރަކާތްތެރިވާ ކަނާތުފިޔައިގެ ބާޣީ ޖަމާއަތެއް ތިބި ކޮލަމްބިއާގެ ބޯޓަކަށް ހަފްތާ ބަންދުގައި ހަމަލާދީފައިވާނެ ކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ. ނަމަވެސް އެކަމާގުޅޭ އެއްވެސް ހެއްކެއް ފޯރުކޮށްދީފައެއްނުވެއެވެ.

ރައްދުގައި ޕެޓްރޯ ވަނީ ސޯޝަލް މީޑިއާގައި ސިލްސިލާކޮށް ޕޯސްޓުތަކެއް ކުރައްވާފައެވެ. އަދި އެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން އެކަކީ މަސްތުވާތަކެތީގެ ވިޔަފާރިއާ އެއްވެސް ގުޅުމެއް ނެތް ކޮލަމްބިއާގެ މަސްވެރިއެއް ކަމަށްވާ އެލެޖެންޑްރޯ ކަރަންޒާ ކަމަށްވެސް ޕެޓްރޯ ވިދާޅުވިއެވެ.

ފަލަސްތީނަށް ތާއީދުކޮށް ވާހަކަފުޅު ދެއްކެވެމުން މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާއިން ވަނީ ޕެޓްރޯގެ ވިސާ ވެސް ބާތިލުކޮށްފައެވެ.

comment ކޮމެންޓް