އުލިގަމާއި ބާރަށު އޮފީސް އިދާާރާތަކުގެ މުވައްޒަފުންނަށް ހިންގި ދިވެހި ބަހުގެ ތަމްރީން ނިންމާލައިފި

އުލިގަމު އޮފީސް އިދާާރާތަކުގެ މުވައްޒަފުންނަށް ހިންގި ދިވެހި ބަހުގެ ތަމްރީން ނިންމުމުގެ ރަސްމިއްޔާތު---ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ

ހއ. އުލިގަމާއި ހއ. ބާރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕުރޮގުރާމު ނިންމާލައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީއިން އުލިގަމުގައި މި ކޯސް ކުރިއަށްގެންދިޔައީ ހޮނިހިރު ދުވަހުން އިއްޔެގެ ނިޔަލަށް ކަމަށް އެ އެކެޑަމީ އިން ބުނެފައިވެއެވެ. އަދި ބާރަށުގައި މި ތަމްރީން ކުރިއަށްގެންދިޔައީ ބުރާސްފަތި ދުވަހުން ހޮނިހިރުގެ ނިޔަލަށެވެ.

ދިވެހި ބަހުގެ އެކެޑަމީއިން ބުނީ މި ކޯސް ކުރިއަށްގެންދަނީ ބުރުތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، މި ފަހަރު ކުރިއަށްގެންދިޔައި މީގެ ފުރަތަމަ ބުރު ކަމަށާއި މިއިން ކޮންމެ ބުރެއްގައި ވެސް ކިޔަވައިދޭނީ 10 ގަޑިއިރަށް ކަަމަށް އެ އެކެޑަމީއިން މައުލޫމާތު ދީފައިވެއެވެ.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީ އިން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ތަމްރީން ޕުރޮގްރާމު ކުރިއަށްގެންދަނީ ރަށު ކައުންސިލުތަކާ ގުޅިގެންނެވެ.

ބާރަށު ކައުންސިލުގައި ދިވެހި ބަހުގެ އެކެޑަމީއިން ކުރިއަށްގެންދިޔަ ދިވެހި ބަހުގެ ތަމްރީން ޕްރޮގްރާމްގެ ސެޓްފިކެޓް ހަވާލުކުރުން---ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ

އުލިގަމު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހުގައި އުލިގަމުގެ އިދާރާތަކުން 37 މުވައްޒަފަކު ބައިވެރިވެ ސެޓިފިކެޓް ހާސިލްކޮށްފައިވާ ކަމަށް އެކަޑަމީ އިން ބުނެފައިވެއެވެ. އަދި ބާރަށު ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ ކޯހުގައި ބާރަށުގެ އިދާރާތަކުން 27 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީ އިން ބުނެފައިވެއެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތް ރިތީ އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތްކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތްކުރާނެ ގޮތްތައް ކަމަށް ދިވެހި ބަހުގެ އެކަަޑަމީއިން ބުނެފައިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ބަހާއި ބެހޭ ބައިގެ ޑިރެކްޓަރު ޝަހުމާ ޢަލީ އާއި ލިންގުއިސްޓިކް ރިސާޗް އޮފިސަރު ޢާއިޝަތު ޒިދްނާކަމަށް އެކެޑަމީއިން ބުނެފައިވެއެވެ.

comment ކޮމެންޓް