ސަރުކާރުން މަސައްކަތްކުރަނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ މިއަދު ލޯނަކަށް ބަދަލުކޮށް ޗާޕުކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ އަގު މާދަން 22 ރުފިޔާއަށް ބޮޑުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
"ސަސްޓެއިނެބަލް ޓައުންޝިޕް"އަކީ އެސްއީޒެޑުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މި ބިލު ފާސްކުރުމުގެ ބޭނުމަކީ ނ. އަތޮޅުގައި ހިއްކާފައި އޮތް 11 ރަށުން ދައުލަތަށް ލިބެންޖެހޭ އާމްދަނީން ވައްކަންކުރުމަށް މަގުފަހިކުރުވުން ކަމަށާއި، އެ ރަށްރަށުން ސަރުކާރަށް ލިބޭ ޓެކްސް ފައިސާއާއި ކުލިން ވައްކަންކޮށް ފަސް ޕަސެންޓުގައި މުޅި ސަރަހައްދު ދޫކޮށްލަން ކަމަށެވެ.
އަބްދުލްޣަފޫރު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަންވީ އެސްއީޒެޑު ގާނޫނު އިސްލާހުކޮށް ރާއްޖެއަށް ގެންނަ އިންވެސްޓްމެންޓްތައް އިތުރުކުރުމަށް ކަމަށާއި ޕީއެންސީގެ ވެރިކަމެއް ރައްޔިތުން ގެނައީ ވައްކަންކުރުމަށް ނޫން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ރައްޔިތުން އިންތިޚާބުކުރީ ތަނަވަސް ދިރިއުޅުމެއް ހޯދަން ކަމަށާއި، ނަމަވެސް ރައްޔިތުން މިއަދު އުޅެނީ ދެރަ ނިކަމެތި ހާލުގައި ކަމަށް އަބްދުލްޣަފޫރު ވިދާޅުވިއެވެ. މަޝްރޫއުތަކަށް ޚަރަދުކުރާނެ ފައިސާ ބަޖެޓުގައި ނެތްކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ޑްރޯންތައް ގެންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
"ސަތޭކަ މިލިއަން ޑޮލަރު ޚަރަދުކޮށްފި އެކަމަށް މިހާރު، ދެން ކޮން ވާހަކައެއް ދައްކަނީ ކޮން ލާރި ނެތް ވާހަކައެއް މި ދައްކަނީ؟ ލާރި ހުރެގެން ކުރާ ކަންކަން އެއީ، ރައްޔިތުންނަށް ކަމެއް ކޮށްދޭން ވެއްޖިއްޔާ ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވެއްޖިއްޔާ ލާރި ހުރޭ، އެއިން ޑްރޯނެއް ގަތް އަގު އެނގޭ ރައްޔިތަކު މި ގައުމުގައި ނެތް،" އަބްދުލްޣަފޫރު ވިދާޅުވިއެވެ.
މަޝްރޫއުތަކުން ފައިދާ ރަނގަޅުވެ ނަތީޖާ ރަނގަޅުވާނީ އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރުމުން ކަމުގައި ވެސް އަބްދުލްޣަފޫރު ވިދާޅުވިއެވެ.
"މިއަދު ޕެންޝަން ފަންޑުގައި ހުރި ލާރި ލޯނަކަށް ބަދަލުކޮށްލާފަ ކޭޝްކޮށްލަނީ، 2.4 ބިލިއަން ރުފިޔާ ނަގާފައި ދިގު މުއްދަތަކަށް ލޯނަށް ބަދަލުކޮށްލަނީ އިއްޒަތްތެރި ރައީސް، އެއީ ފައިސާ ޗާޕުކުރުން އިއްޒަތްތެރި ރައީސް، އެ ނޫން އެއްޗެއް އެޔަކުން ނުނިކުންނާނެ، މާދަމާ ޑޮލަރުގެ އަގު 22އަށް އަރާނެ މިކަން ކުރީމާ،"
އަބްދުލްޣަފޫރު ވިދާޅުވީ، ޑޮލަރުގެ އަގާއި މުދަލުގެ އަގުތައް ތިރިނުކުރެވުނު ކަމަށާއި، ރައްޔިތަކަށް ފަސޭހަވާނެ އެއްވެސް ކަމެއް ސަރުކާރުން ކޮށްނުދޭ ކަމަށެވެ.
އެގޮތުން، ކަރަންޓުގެ އަގު ބޮޑުވެ، ފެން ބިލު ބޮޑުވެ، ދަތުރުފަތުރުގެ ނިޒާމު ހުއްޓި، އާސަންދައިން ބޭހެއް ނުލިބޭ ކަމަށް ވިދާޅުވެ، އަބްދުލްޣަފޫރު ވިދާޅުވީ ރައްޔިތުން މި ސަރުކާރު ހޮވީ ނިކަމެތިވާން ބޭނުންނުވާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންގެ އަޑެއްނާހައެވެ.
"ނިމުން ހިތިވާނެ މިގޮތަށް ކަން ކުރަންޏާ،"
މީގެ އިތުރުން އަބްދުލްޣަފޫރު ވަނީ، މި ސަރުކާރުން ވޭޕު މަނާކޮށް ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރިކުރުމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން އެ ނިންމުންތައް ނިންމީ ވައްކަންކުރުމަށް ތުހުމަތުކުރައްވައި ނަތީޖާއަކަށްވީ ވައްކަން އިތުރުވުން ކަމަށް، އޭނާ ވިދާޅުވިއެވެ.