ޖެނެރޭޝަނަލް ބޭންއަށް ބާކީ 10 ދުވަސް: ކައުންޓްޑައުން ފަށައިފި

'ޖެނެރޭޝަނަލް ބޭން'ގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ޝޯގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމަށް ބާކީ 10 ދުވަހަށް ވުމާއެކު، ޚާއްސަ ކައުންޓްޑައުންއެއް ރޭ ފަށައިފިއެވެ.

ދިވެހި މީޑިއާތައް ބައިވެރިވާ މި ކައުންްޓްޑައުން ފެށީ، ދައުލަތުގެ މީޑިއާ، ޓީވީއެމްގެ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

'ޖެނެރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ އެންމެންނަށް މި ފެށޭ ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާ ކުރާ ބިލު މިދިޔަ މޭ މަހުގެ 21ވަނަ ދުވަހު ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ.

https://sun.mv/206304

އެ ބިލު ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ދުންފަތާ ގުޅޭ އެހެން ގާނޫނުތަކާއި ގަވައިދުތައް ހުރި ނަމަވެސް އެކަށިގެންވާ މިންވަރަކަށް ތަންފީޒުނުކުރެވޭއިރު، މިބިލު ތަންފީޒުކޮށް ނަތީޖާ ނެރެވޭނެތޯ ސުވާލުކޮށްފައެވެ.

ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، ތަންފީޒީ އިދާރާތައް ކިތަންމެ ވަރުގަދަ ކުރިޔަސް އަބަދުވެސް 'ކުށްކުރާ ބަޔަކު' ތިބޭނެ ކަމަށެވެ.

އެހެންވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ފުލުހުންނާއި ކަސްޓަމްސް މިހާރަށް ވުރެ ހަރުދަނާކުރުމުގެ ކަންކަން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރަށް ބަޖެޓު ހަދާއިރު ވެސް، އެ އިދާރާތަކުން މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހިމަނަން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުވުމަށް ޓަކައި ވޭޕު މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް މި ނިންމުމާއެކު ވަގު ސިނގިރޭޓު އެތެެރެކުރުން އާންމުވެ، ވަގު ވިޔަފާރިކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް