ޕީއެންސީގެ ތާއީދާ އެކު އާ ކޮމިޝަންގެ މެންބަރުންނަށް ރުހުން ދީފި

މަތީގައި ސަރާހަތު، ސަފާ ފަރުސަތު (ކ-ވ)، މަޖިލީހުން ވަނީ މި ތިން ބޭފުޅުންނަށް ރުހުންދީފައި، ތިރީގައި ސިމާހާ، އަބްދުލްއަޒީޒް، ޒަމްއަތު، އަދި ޘަގީފް (ކ-ވ)، މި ބޭފުޅުން އައްޔަންކުރީ މިދިޔަ ހަފުތާގައި ---

ވޯޓު ނެގުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރަން ތަޅުމަށް ފޮނުވި ނަންތަކަށް އިއްޔެ ވޯޓަށް ނޭހުނު ނަމަވެސް، މިއަދު ވޯޓަށް އަހައި މެންބަރުން އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފިއެވެ.

މި ހަފުތާގެ އާދީއްތަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ އާ ކޮމިޝަނަށް ނަންތައް ހުށަހެޅި ފަރާތްތަކާ އިންޓަވިއުކޮށް، އެ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ ނަން ތަޅުމަށް ފޮނުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި އިއްޔެ ހަމަނުވުމުން ވޯޓު ނެގޭ ގޮތް ނުވި ނަމަވެސް، މިއަދު ވަނީ މެންބަރުން އައްޔަންކުރުމާ މެދު ވޯޓަށް އަހައިފައެވެ.

https://sun.mv/212893

ވޯޓުގައި ބައިވެރިިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ފަރުސަތާއި ސަފާއާއި ސަރާހަތު، އާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދެއްވިއިރު، ތިން ބޭފުޅުން އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ނުވަ މެންބަރެކެވެ.

ފާހަގަކުރެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ފަރާތުން މެންބަރުން އައްޔަންކޮށްފައެވެ.

https://sun.mv/212587

އެ ކޮމިޝަނަށް އައްޔަންކުރީ ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމެވެ.

https://sun.mv/212606

މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، މީޑިއާތަކުން އިންތިޚާބުކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން މާ ބޮޑު ތަރުހީބެއް ލިބިފައިނުވާކަން ވެސް ފާހަގަކުރެވެއެވެ.

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަމަލުކުރަން ފެށި އާ ގާނޫނާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން، ބިލާ ދެކޮޅަށް ނޫސްވެރިން ސިލްސިލާ މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.

comment ކޮމެންޓް