ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އަވަހަށް ޕެންޝަން ފައިސާ ލިބޭ ގޮތް ހެދުމަށް ގޮވައިލައި، ޕެންޝަނާ ބެހޭ ޤާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު ބަލައިނުގަނެ, ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.
ޕެންޝަން ގާނޫނަށް ކުޑޫ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލީ ބިލު ބަލައިގަންނަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަތުމާ އެއްކޮޅަށް ވޯޓުދެއްވީ ފަސް މެންބަރުންނެވެ.
ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ކުޑޫގެ އިތުރުން އެވަގުތު ތަޅުމުގައި އިންނެވި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މި މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ، ޕެންޝަންގެ ޤާނޫނުގައި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާ ގުޅޭގޮތުން ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާތަކެއް ނުހިމެނޭ ކަމަށެވެ.
ކުޑޫ ވިދާޅުވީ، މެޑިކަލް ޕްރޮގްނޯސިސް އަށް ބިނާކޮށް ޕެންޝަން އަވަހަށް ލިބޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށާއި، މި ހުސްކަމުގެ ސަބަބުން މިފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި އެމީހުންގެ އާއިލާތަކުން މާލީ އަދި ނަފުސާނީ ބޮޑެތި ބުރަ އުފުލަން މަޖުބޫރުވެފައިވާ ކަމަށެވެ.
އެހެންވެ، ކުޑޫ ހުށަހެޅުއްވީ ޕެންޝަން އޮފީހުން އެކުލަވާލާ, ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޓީމަކުން ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ކަށަވަރުކޮށް، މެޑިކަލް ސެޓިފިކެޓް ދޫކޮށްފައިވާ މީހުންނަށް، އެ މީހުންގެ އުމުރާއި މަސައްކަތްކުރި އަހަރަށް ނުބަލައި ޕެންޝަންގެ ފައިސާ ވީއެންމެ އަވަހަށް ލިބޭނެ ގޮތް ހެދުމަށާއި، ޕެންޝަން ފައިސާ ހޯދަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭ އެ ފައިސާ ދޫކުރުން ލާޒިމުކުރުމާ އެކު، ދައުލަތުން އެ މީހުންނަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާޙުކުރުމަށެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ކުރި ބަހުސްގައި މި އިސްލާހަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ. އެގޮތުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދޭން ނިޒާމެއް ގެންނަންވީ އާސަންދައާއި އެންސްޕާގެ ތެރެއިން ކަމަށް ވިދާޅުވެ، ޕެންޝަން ފަންޑުގެ ތެރެއިން މިކަން ހައްލުކުރުމަކީ ގޯހެއް ކަމަށް ވިދާޅުވެފައެވެ.
މި ބިލަށް ބަހުސްކުރެއްވި ޕީއެންސީ މެންބަރުން ވިދާޅުވީ މި ބިލު ހުށަހެޅީ ސިޔާސީ ނިޔަތެއް އޮވެގެން ކަމަށެވެ.