އެކި މަޝްރޫއުތަކާއި ފުލެޓާއި ގޯތިތަކުގެ ކުލި ހިމެނޭހެން ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ދައްކަން ޖެހޭކަން، އެ ކޯޕަރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.
މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެޗްޑީސީގެ ރިޕޯޓުގައި ހުރި ބައެއް ތަފާސްހިސާބު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ މި ބައްދަލުވުމުގައި ހާމަކުރައްވައިފައެވެ.
އެގޮތުން، އެޗްޑީސީން ހުށަހެޅި ރިޕޯޓުގައިވާ ގޮތުން އެ ކޯޕަރޭޝަނާ ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކަށް 4.3 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އެ ރިޕޯޓުން ހާމަވާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބިންތަކަށް 1.6 ބިލިއަން ރުފިޔާއާއި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރުމުން 3.9 ބިލިއަން ރުފިޔާ އެ ކޯޕަރޭޝަނަށް ލިބެންޖެހެއެވެ.
އެ އަދަދުތައް އެއްކޮށްލުމުން ޖުމުލަ 9.8 ބިލިއަން ރުފިޔާއަށް އަރައެވެ. އެކަމަކު، ސަރުކާރުން ދައްކަންޖެހޭ 4.3 ބިލިއަން ރުފިޔާގެ ތެރެއިން 436 މިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކާފައިވާތީ އަދި ބާކީ 9.4 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް، ނާޒިމް ވިދާޅުވި ހިސާބުތަކުން އެނގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން: ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް (ކ-ވ) --- ފޮޓޯ: މަޖިލިސް
އޭގެ އިތުރުން އެޗްޑީސީގެ ކޮމާޝަލް 571 ކަސްޓަމަރުން ޖޫރިމަނާއާ ނުލާ އެ ކޯޕަރޭޝަނަށް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 976 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމާއި، ވިޔަފާރިތަކާއި އާންމުން ކުލީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަން ވެސް އެ ހިސާބުތަކުން ހާމަވެއެވެ.
ތަފާސްހިސާބުތައް ހާމަކުރައްވައި ނާޒިމް ވިދާޅުވީ، އެޗްޑީސީން ކުރީ ސަރުކާރުގައި ބިންތައް ދޫކޮށް ކުލިތައް ކުޑަކުރި ގޮތުގެ ސަބަބުން އެ ކޯޕަރޭޝަނަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، އެޗްޑީސީގެ ފަރާތުން ވިޔަފާރި ބޭނުމަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އުސޫލުތައް ހަރުދަނާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އިތުރު ކޮންސަލްޓަންޓެއްގެ އެހީގައި ޑެޓް ރިކަވަރީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ސިޔާސަތުތައް ހަރުދަނާކުރުމަށް ރާވަމުން އަންނަ ކަމަށެވެ.

އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރާއި ސީއެފްއޯ އަހްމަދު ސާމިހު --- ފޮޓޯ: މަޖިލިސް
"މި ކޯޕަރޭޝަނަށް ލިބެންޖެހޭ، ނުލިބިވާ ފައިސާ ހޯދުމަށް ޝަރުއީ ދާއިރާގެ ނިޒާމުގެ ތެރެއިން ވެސް މިހާރު ވެސް 19 ފަރާތެއްގެ މައްޗަށް ދައުވާ ހުށަހެޅިފަވަނީ، މި ދެންނެވި ދައުވާތަކުގެ ތެރެއިން މަޖިލީހުގެ ލަފާފުޅާ އެއްގޮތަށް ޝަރީއަތް މެދުވެރިކޮށް އެ ފަރާތްތަކުގެ އެސެޓު ހިފެހެއްޓުމުގެ މަސައްކަތްވެސް މި ދަނީ ކުރިއަށް،"
ހަމަ އެހެންމެ މާލީ ދަތިތަކާހުރެ ކުލި ނުދެއްކޭ ފަރާތްތަކަށް ފުރުސަތުދިނުމުގެ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، އެގޮތުން ކަނޑައެޅިފައިވާ އުސޫލުތައް މުރާޖައާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޒުހައިރު ވިދާޅުވީ، އެޗްޑީސީގެ ޕްރޮޖެކްޓްތަކަށް ކުރިމަތިލާ ފަރާތްތަކުން އެއްވެސް ވަރަކަށް ފައިސާ ދައްކަން ހުރި ނަމަ އެ ފަރާތްތަކުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާނެ ކަމަށާއި، އެ ކޯޕަރޭޝަންގެ ޕްރޮޖެކްޓްތަކަށް ކުރިމަތިލާ ފަރާތްތަކުން ފައިސާ ދައްކަން ޖެހޭތޯ ވެސް ކަށަވަރުކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީގެ ސީއެފްއޯ އަހްމަދު ސާމިހު --- ފޮޓޯ: މަޖިލިސް
އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަހްމަދު ސާމިހު ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ މަރުކަޒީ ބޭންކު އެމްއެމްއޭގައި ކަސްޓަމަރުންގެ ކްރެޑިޓް ޑޭޓާ ކޮންމެ މަހަކު އަދާހަމަކުރަމުން ދިއުމެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން އެޗްޑީސީގެ ރިކަވަރީ އަންނަނީ ރަނގަޅުވަމުންނެވެ.
އެޗްޑީސީގެ ކަސްޓަމަރުންގެ ކްރެޑިޓް މައުލޫމާތު އަދާހަމަކުރަން ފެށީ މިދިޔަ މާޗް މަހު ކަމަށާއި، ވޭތުވެދިޔަ ފަސް މަހުގެ ތެރޭ އެ ކޯޕަރޭޝަންގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން އެނގެން އެބައޮތް ކަމަށް ސާމިހު ވިދާޅުވިއެވެ.
"ރިކަވަރީއަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 223 މިލިއަން އަޅުގަނޑުމެންނަށް މިހާތަނަށް ރިކަވާވެއްޖެ އަޅުގަނޑުމެންގެ ކޮމާޝަލް ޕޯޓްފޯލިއޯ އަދި ރެޒިޑެންޝަލް ޕޯޓްފޯލިއޯ ދެބައި އެއްކޮށް، އޭގެ އިތުރަށްވެސް އަޅުގަނޑުމެންނަށް އެބަހުރި އެސްއޯއީތަކުންނާއި ސަރުކާރުގެ އިދާރާތަކުން މިނިސްޓްރީތަކުންވެސް ލިބެންޖެހޭ ފައިސާ،" އޭނާ ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ، މިދިޔަ އަހަރު ކުރި މަސައްކަތުން އެޗްޑީސީއަށް 220 މިލިއަން ރުފިޔާ އަނބުރާ ލިބިފައިވާ ކަމަށާއި، ރިކަވަރީ ރޭޓަށް ބަލާއިރު މި އަހަރު 41 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.