ދެމެހެއްޓެނިވި މަސްވެރިކަމާއި ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން އީޔޫއާ މަޝްވަރާކުރައްވައިފި

ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަންއާއި ޔޫރަޕިއަން ކޮމިޝަނާ ފޯ ފިޝަރީޒް އެންޑް އޯޝަންސް، ކޮސްޓަސް ކާޑިސް -- ފޮޓޯ/ ރައީސް އޮފީސް

ދެމެހެއްޓެނިވި މަސްވެރިކަމާއި ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން، ޔޫރަޕިއަން ކޮމިޝަނާ ފޯ ފިޝަރީޒް އެންޑް އޯޝަންސް، ކޮސްޓަސް ކާޑިސްއާ މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިން 2025ގެ ހަވާސާގައެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖެއާއި އީޔޫއަށް މަންފާކުރަނިވި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ޑރ. ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގުތިސާދުގައި މަސްވެރިކަމުގެ ސިނާޢަތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. އެގޮތުން، އެހެން ގައުމުތަކާ އެއްހަމައެއްގައި ވާދަކުރުމަށްޓަކައި ބައިނަލްއަގުވާމީ ބާޒާރުތަކަށް ހަމަހަމަ ފުރުސަތު ލިބިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖްކޮށް، ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައި ކަމަށެވެ.

އެ ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ރާއްޖެއާއި އީޔޫއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމް އައުކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް