ފަނޑިޔާރުންނަކީ އެހެން މީހުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭނެ: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު: ފަނޑިޔާރުންނަކީ އެހެން މީހުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ސުޕްރީމް ކޯޓު

ފަނޑިޔާރުންނަކީ އަބަދުވެސް އެހެން މީހުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ، ފެމިލީ ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރަން ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެ ކޯޓަށް އައްޔަންކުރީ ހަވީރީމަންޒިލް/ލ. މާބައިދޫ، އަހުމަދު މައުސޫމް އަދި އިލާޒާ/ރ. ހުޅުދުއްފާރު، މުހައްމަދު ޒާހިދެވެ.

އަލަށް ހުވައި ކުރެއްވި ފަނޑިޔާރުންނާ މުހާތަބު ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުންނަކީ އަބަދުވެސް އެހެން މީހުންނަށް ނަމޫނާ ދައްކާ ބޭފުޅުންނަށް ވެވޭތޯ މަސައްކަތް ކުރައްވަންވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ފަނޑިޔާރު ކަމާ ޙަވާލުވުމަށްފަހު، މިހާގެ އުޅުމަށް އިންތިހާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެ ބަދަލުތަކަކީ ފަނޑިޔާރު އޭނާގެ ފަނޑިޔާރުކަމުގެ ޝަޚްޞިއްޔަތު ބިނާކުރުމަށް ގެންނަ ރަނގަޅު ބަދަލުތަކަކަށް ވާންވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ފަނޑިޔާރުގެ ޢަދުލުވެރިކަން، ފަނޑިޔާރުގެ ނަޒާހަތްތެރިކަމާ އޮންނާނީ ގުޅިފައި، ފަނޑިޔާރުގެ ވަކިފަރާތަކަށް ނުޖެހުމުގެ ސިފަ، ނަޒާހަތްތެރިކަމާ އޮންނާނީ ގުޅިފައި، ފަނޑިޔާރުގެ ރިވެތި އަޚްލާޤީ ސިފަތައް، ނަޒާހަތްތެރިކަމާ އޮންނާނީ ގުޅިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ ކޯޓުތަކުގެ އިސްގާޒީންނާއި، ފެމިލީ ކޯޓުގެ ގާޒީން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުވަނީ، ފަނޑިޔާރުންގެ އަމަލުތައް ކޯޓު ތެރޭގައިއާއި ކޯޓުން ބޭރުގައި ހުންނަން ވާނީ ޝަރުއީ ދާއިރާގެ ހައިބަތާއި މިނިވަންކަން ދައްކުވައިދޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ރައްޔިތުން ދެކެން ބޭނުންވާނީ އަދުލުވެރިކަމާއި ނަޒާހަތްތެރިކަމާއި ކެތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް