ގަމަށް ބަދަލުކުރުމަށް ފަހު ފައިސާ ނުދޭ 169 މީހަކަށް، 8.45 މިލިއަން ރުފިޔާ ބަހަނީ

ރައީސް މުއިއްޒު ގަމުގައި: ވިދާޅުވީ، ރަށަކަށް ބަދަލުކޮށްގެން ފައިސާ ދޭން ޖެހޭ 169 މީހުން އެބަތިބި، 8.4 މިލިއަން ރުފިޔާ ހަމަޖައްސައިފި ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އެހެން ރަށްރަށުން ލ. ގަމަށް ބަދަލުކުރުމުން ފައިސާ ދޭން ޖެހޭ 169 މީހަކު ތިބި ކަމަށް ރަސްމީކޮށް އަންގާފައިވާ ކަމަށާއި އޭގެ ތެރެއިން ކޮންމެ މީހަކަށް 50،000 ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީން ފައިސާ ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، ގަމަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވިދާޅުވީ، ރަށްރަށުން މީހުން ބަދަލުކުރުމުގައި ސަރުކާރުގެ އަބަދުވެސް ސިޔާސަތަކީ ބަދަލުގެ ފައިސާއަށް ވަކި އަދަދެއް ދިނުން ކަމަށެވެ.

އެގޮތަށް ދެމުން އައީ، 50،000 ރުފިޔާ ކަމަށާއި އެ ފައިސާ ދޭނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ލ. އަތޮޅުގައި: ވިދާޅުވީ، ގަމަށް ބަދަލުކޮށްގެން ފައިސާ ދޭން ޖެހޭ 169 މީހުން އެބަތިބި، 8.4 މިލިއަން ރުފިޔާ ހަމަޖައްސައިފި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

169 ފަރާތެއް މި ފައިސާ ލިބެން ޖެހޭ ކަން އަޅުގަނޑުމެންނަށް ރަސްމީކޮށް މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައި އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިއަން ރުފިޔާ، 50،000 ރުފިޔާގެ ރޭޓުން. އެ ފައިސާ ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސާފައިރައީސް ޑރ. މުޙައްމަދު މުއިއްޒު

އެ މަނިކުފާނު ވިދާޅުވީ، ހައުސިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް ގަމަށް އައިސް އެ ފައިސާ ލިބޭ މީހުންނާ ބައްދަލުކޮށް، ތަފުސީލުތައް އޮޅުން ފިލުވާނެ ކަމަށެވެ.

އެގޮތުން، އެ ފައިސާ ހަވާލުކުރާނީ އެ މީހެއްގެ ބޭންކު އެކައުންޓު މެދުވެރިކޮށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ފައިސާ ލިބޭ ބައެއް މީހުން ނިޔާވެފައިވުން ވެސް އެކަށީގެންވާ ކަމަށާއި އެހެންވެ، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، ސުނާމީ ކާރިސާއާ ގުޅިގެން އެ އަތޮޅު މުންޑުއާއި ކަޅައިދޫން 1،200އެއްހާ މީހުން އެރަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް ސަރުކާރުން ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދީފައިވާއިރު، އެ ރުފިޔާ ނުދޭ 168 މީހަކު އެބަތިބި ކަން އޭނާ ފާހަގަކުރެއްވިއެވެ. އެ މީހުންގެ ތެރޭގައި ގިނަވާނީ ކަޅައިދުއަށް ނިސްބަތްވާ މީހުން ކަމަށާއި މުންޑުއަށް ނިސްބަތްވާ މީހުން ވަރަށް މަދުވާނެ ކަމަށް ޒަކީ ވިދާޅުވިއެވެ.

comment ކޮމެންޓް