އެމްޑީޕީ ސަރުކާރުގައި 2 ޚުތުބާއެއް ފޮރުވާފައި އޮތް: ޝަހީމް

އިސްލާމީ މަރުކަޒު: މިދިޔަ ސަރުކާރުގައި 2 ޚުތުބާއެއް ނުކިޔާ ބާއްވާފައި އޮތް ކަމަށް ޝަހީމް ވިދާޅުވި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު ދުވަހު، ދެ ޚުތުބާއެއް ނުކިޔައި ފޮރުވާފައި އޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމް ވަނީ މިދިޔަ ސަރުކާރުގައި ދެ ޚުތުބާއެއް ލިޔެ، ޝެޑިއުލްކުރުމަށް ފަހު ނުކިޔާ ބޭއްވި ކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޚުތުބާތައް ނުކިޔައެވެ.

އެކަމަކު، ނުކިޔާ ބާއްވާފައި އޮތީ ކީއްވެ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ޝަހީމް ވިދާޅުވީ، ނުކިޔާ ބާއްވާފައި އޮތް އެއް ޚުތުބާއަކީ ރިބާއާ ގުޅޭ ޚުތުބާއެއް ކަމަށެވެ. އަދި، އަނެއް ޚުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ބެހޭ ޚުތުބާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ ޚުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވާ މި ޚުތުބާތައް އޮތީ ނުކިޔާގޮތަށް ނިންމާފައި ފޮރުވާފައި،" އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ދެ ޚުތުބާ ވެސް ކިޔާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވީ ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވަން ނުވާނޭ. އެ ވާހަކަ ޖެހޭނޭ ކިޔަން،" ދީނީ އިލްމުވެރިޔާ ޝަހީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދެ ޚުތުބާ ނުކިޔާ ބޭއްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

comment ކޮމެންޓް