އަލަށް އުފެއްދި މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ގިނަ މީޑިއާތަކަކުން ކަންބޮޑުވުން ފާޅުކުރަނިކޮށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގައި ޖުމުލަ ހަތް މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން ތިން މެންބަރުން އައްޔަންކުރަނީ މަޖިލީހުންނެވެ. އަދި، ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ.
އާ ގާނޫނުގައި ވާގޮތުން އެ ކޮމިޝަންގެ ރައީސަކު އައްޔަންކުރަނީ މަޖިލީހުންނެވެ.
އެހެންވެ، ކޮމިޝަނަށް އައްޔަންކުރައްވާފައިވާ ހަތް މެންބަރުންގެ ނަން ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ. ކޮމިޓީން އެ ކޮމިޝަނަށް ރައީސަކު ކަނޑައެޅުމުން ތަޅުމުގައި އަދި ވޯޓަށް އަހާނެއެވެ.
އާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ:
- ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތު
- އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގު
- އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު
އެ ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން އިންތިޚާބުކުރި ހަތަރު މެންބަރުންނަކީ:
- ބްރޯޑްކޮމްގެ ކުރީގެ މެންބަރު ޒަމްއަތު އަހުމަދު ވަހީދު
- އަބްދުލްއަޒީޒް އިބްރާހިމް
- މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ސަގީފް
- ސިމާހާ ނަސީމް
ފާހަގަކޮށްލެވޭ ގޮތުގައި މީޑިއާ ކޮމިޝަންގެ އިންތިޚާބަށް މީޑިއާތަކުގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބެއެވެ. އެހެންވެ، އެ މެންބަރުން އިންތިޚާބުވީ ވޯޓަކަށް ނުގޮހެވެ.
މީޑިއާ ރެގިއުލޭޓްކުރާ ބިލު ތަސްދީގުކުރީ ގިނަ މީޑިއާތަކުން އެ ގާނޫނާ ދެކޮޅު ހަދަނިކޮށެވެ. އެއީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ، އަދި ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، ތަޖުރިބާކާރު ގިނަ ނޫސްވެރިން ވަނީ ބިލާ ދެކޮޅު ހަދާފައެވެ.
އެ ކޮމިޝަނަށް މީޑިއާތަކުން ވެސް މެންބަރުން އިންތިޚާބުކުރި ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެއެވެ. އަދި، މީޑިއާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިފައިވެއެވެ.