މި ސަރުކާރުން އުޅެނީ ރައްޔިތުންގެ ޕެންޝަން ފަންޑު ދޮވެލުމަށް ކަމަށް ތުހުމަތުކުރައްވައި، އެފަދަ ކަންކަމަށް ނޫނެކޭ ބުނަން ނުކުރޭނަމަ މަރުކަޒީ ބޭންކު އެމްއެމްއޭއާއި ޕެންޝަން އޮފީހުގެ ވެރިން އިސްތިއުފާދެއްވުމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ގޮވާލައްވައިފިއެވެ.
ފައްޔާޒް "އެކްސް"ގައި ލިޔުއްވިގޮތުގައި އެއާޕޯޓުތައް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ފުނޑާލައި، އެމްއެމްއޭއާއި ގައުމީ ބޭންކު ބީއެމްއެލް ލޫޓުވައި ނިންމާލުމަށް ފަހު، ސަރުކާރުން މިހާރު މަސައްކަތްކުރަނީ ރައްޔިތުންގެ ޕެންޝަން ފަންޑު ދޮވެލުމަށެވެ.
"ގާނޫނާ ޚިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް. އަދި ސަރުކާރު ދެކެ ބިރުން ނުވަތަ ޒާތީ މަންފާއަކަށް ގައުމާއި ރައްޔިތުންނަށް ގެއްލުންދިނުމުގައި ބައިވެރިވުމަކީ އުޒުރެއް ނޫން، އަދި ބަލައިގަނެވޭނެ ކަމެއް ނޫން،" ފައްޔާޒުގެ ޕޯސްޓުގައިވެއެވެ.
އޭނާ ލިޔުއްވި ގޮތުގައި ރައްޔިތުން ނުކުމެ، މި ގައުމަށާއި ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންދިނުމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް ޖަވާބުދާރީކުރުވައި ޒިންމާދާރުކުރުވާނެއެވެ.
"ދިވެހިންގެ މުސްތަގުބަލު ފޭރިގަތުމުގައި ބައިވެރިނުވެ، އެކަމަށް ނޫނެކޭ ބުނަން ނުކެރޭނަމަ އެމްއެމްއޭ އާއި ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލަން," ފައްޔާޒް ލިޔުއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް މިއަދު އިސްތިއުފާދެއްވީ، ޕެންޝަން އޮފީހުން އެމްއެމްއޭއާ އެކު ހިންގާ މި މުއާމަލާތާ ގުޅިގެންނެވެ.
މި މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށް، ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާދެއްވައި ސަރުވަޝް 'އެކްސް'ގައި މިއަދު ލިޔުއްވި ޕޯސްޓުގައިވެއެވެ.
އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަން ނުރަސްމީ ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދެއެވެ. އެކަމަކު، އެ މުއާމަލާތާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފެބްރުއަރީ 2024 ގައި ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ. މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައެވެ. އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ މުއާމަލާތް ހިންގަނީ އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކަން ކަމަށް ބުނެފައެވެ.