އައިފޯނުގައި ޓައިޕޯތައް ގިނަވަނީ ބަގެއްގެ ސަބަބުން؟

ޓައިޕޯގެ މައްސަލަތައް ދިމާވަނީ އައިއޯއެސްގެ އެންމެ ފަހުގެ ވާޝަންގައި ކަން ފާހަގަކުރެވޭ ---

އައިފޯނު ބޭނުންކުރާ ގިނަ ފަރާތްތަކަށް ފަހަކަށް އައިސް ޓައިޕްކުރުމުގައި ކުރިއަށްވުރެ ގިނަ ގޯސްތައް (ޓައިޕޯތައް) ހެދޭކަން ފާހަގަވެފައިވާއިރު، މިކަމުގެ ސަބަބަކީ އެޕަލްގެ އޮޕަރޭޓިން ސިސްޓަމް ކަމަށްވާ އައިއޯއެސްގައި ހުރި އާ ބަގެއް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ޕީސީ ގައިޑްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައިވާ ގޮތުން، އައިފޯނު ބޭނުންކުރާ ގިނަ ބަޔަކު ދަނީ ޓައިޕްކުރުމުގައި ކުރިއަށްވުރެ ގިނައިން ގޯސް ހެދެމުންދާކަމުގެ ޝަކުވާ ކުރަމުންނެވެ. އެންމެ ފުރަތަމަ މީހުން ހީކުރީ މިއީ އަމިއްލަ އިހުމާލެއް ކަމަށެވެ.

ނަމަވެސް، މިހާރު ވަނީ މިއީ އޯޓޯކޮރެކްޓް ނުވަތަ ބޭނުންކުރާ ފަރާތުގެ އިހުމާލުން ދިމާވާ ކަމެއް ނޫން ކަމަށް ކަށަވަރުވެ، އެޕަލްގެ ކީބޯޑަށް އަސަރުކުރާ ސޮފްޓްވެއާގެ މައްސަލައެއްކަން އެނގިފައެވެ.

މި ބަގްގެ ސަބަބުން ދިމާވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ޓައިޕްކުރާއިރު ޖަހާ ބައެއް އަކުރުތައް ނުވަތަ ސްޕޭސްބާ ރެޖިސްޓާ ނުވުމާއި، ޓައިޕްކުރުން މަޑުވެ، ޖާކީ ނުވަތަ ލަސްކަމެއް ހުރުން ހިމެނެއެވެ. އަދި، ބައެއް ފަހަރު ޓައިޕްކުރާ އަކުރެއްގެ ބަދަލުގައި އެހެން އަކުރެއް ޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ޝަކުވާކޮށްފައިވެއެވެ.

މި މައްސަލަ ދިމާވަމުންދަނީ ޚާއްސަކޮށް އައިއޯއެސްގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ އައިއޯއެސް 26 ބޭނުންކުރާ އައިފޯން 17 ސީރީޒް، އައިފޯން އެއާ އަދި އައިފޯން 11 ސީރީޒް އާއި އައިފޯން އެސްއީ (2022 އަދި 2020 މޮޑެލް) ގެ ޑިވައިސްތަކަށެވެ.

މި މައްސަލަ ހައްލުކުރުމަށް އެޕަލްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ކުރިން ދިމާވި މިފަދަ މައްސަލަތަކަށް ބަލާއިރު، ކުރިއަށް އޮތް އައިއޯއެސް އަޕްޑޭޓެއްގައި މި މައްސަލަ ހައްލުކުރާނެ ކަމަށް ބެލެވެއެވެ.

އެޕަލްގެ ރަސްމީ ހައްލެއް އަންނަންދެން، މި މައްސަލަ ދިމާވާ ފަރާތްތަކަށް ވަގުތީ ހައްލެއްގެ ގޮތުގައި ފޯނު ރީސްޓާޓްކޮށްލުން، ޕްރެޑިކްޓިވް ޓެކްސްޓް ނިވާލުން، ކީބޯޑު ޑިކްޝަނަރީ ރީސެޓްކޮށްލުން، ނުވަތަ ތާރޑް-ޕާޓީ ކީބޯޑެއް ބޭނުންކުރަން ފެށުން ފަދަ ކަންތައްތައް ކޮށްލެވިދާނެއެވެ.

comment ކޮމެންޓް