ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ "ބޯހިޔާވަހިކަމުގެ ބަޖެޓު" ނިމޭއިރު އެންމެ ގާގަނޑެއް ވެސް ނުބޭންދޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ ބޯހިޔާވަހިކަމުގެ ބަޖެޓުގައި އެތައް އަދަދެއް ޖެއްސެވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ ބަޖެޓުގެ ތެރެއިން މިހާތަނަށް އެ ބަޖެޓުގެ ތެރެއިން މި ސަރުކާރަށް ކުރެވުނީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްދަވައިފައެވެ.
"ބޯހިޔާވަހިކަމެއްގެ ބަޖެޓެއް ނިމިދާއިރު އޭގައި އެންމެ ކަމެއް ވެސް ބޯހިޔާވަހިކަން ގާއިމުކުރަން، އެންމެ ގާގަނޑެއް ވެސް އެންމެ ވެލިކޮޅެއް ވެސް ނޭޅުނީމާ ދެން އެ ނޫން ބަޖެޓެއްގައި ބޯހިޔާވަހިކަމަށް ކުރެވޭނީ ކޮން ކަމެއްތޯ؟ ބޯހިޔާވަހިކަމަށް ޚާއްސަކުރި ބަޖެޓުން އެއް ކަމެއް ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނުކުރެވުނީމާ ދެން އެ ނޫން ބަޖެޓަކުން ކުރެވޭނީ ކޮން ކަމެއްތޯ؟"

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް
މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ގިނަ މީހުން ދިރިއުޅެމުން އަންނަނީ ކުދިކުދި ތަންތަންކޮޅުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ ރަނގަޅު ސިޔާސަތެއް ގެނައީ މިދިޔަ ސަރުކާރުގައި ކަމަށާއި، އެގޮތުން މާލެ ރައްޔިތުންނަށް ޚާއްސަކޮށް ބިންވެރިޔާގެ ނަމުގައި ގޯތިދިނުމުގެ ސްކީމަކާއި މާލޭގައި އުޅޭ ރަށްރަށުގެ މީހުންނަށް ގެދޮރުވެރިޔާގެ ނަމުގައި ފުލެޓު ދޫކުރުމުގެ ސްކީމެއް ހުޅުވާލި ކަމަށެވެ.
އޭގެ ތެރެއިން ގެދޮރުވެރިޔާ ސްކީމަށް 13،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު އިވެލުއޭޝަން މަރުހަލާގައި ގާތްގަނޑަކަށް 11،000 މީހުން ފުލެޓަށް ޝަރުތު ހަމަވާކަން ފާހަގަވި ކަމަށާއި، އެހެންވެ މާލެ ސަރަހައްދުގައި 11،000 ފުލެޓު އަޅަން ކުރީ ސަރުކާރުން ނިންމީ ކަމަށް މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19ގެ ތެރޭ ސަރުކާރަށް 30އަކަށް ބިލިއަން ރުފިޔާގެ އާމްދަނީއެއް ނުވަދެ ގެއްލުމެއްވި ނަމަވެސް، 4،000 ފުލެޓުގެ މަސައްކަތް ގާތްގަނޑަކަށް ނިންމައި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމާ ހަމައަށް އެއްބަސްވުން އެކުލަވާލައި، ބާކީ 7،000 ފްލެޓު އަޅަން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފައިސާ ހަމަޖައްސައި ފުލެޓުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ވިނަރެސް ފުލެޓްތައް -- ފޮޓޯ/ އެޗްޑީސީ
"މި ވެރިކަން އައިގޮތަށް އައިސް އެކަމަށް އެލޮކޭޓުކޮށްފައި ހުރި ފައިސާ ބަދަލުކޮށްލީ ފުށިދިއްގަރުފަޅު ހިއްކަންވެގެން، ނަތީޖާއަކަށް ވެގެން މި ދިޔައީ މި ސަރުކާރަށް އެންމެ ފުލެޓެއް ވެސް ނޭޅި، އެ އެޅިފަހުރި 4،000 ފުލެޓުގަނޑު ވެސް ދިވެހި ރައްޔިތުންނަށް ނުދެވި މިއަދާ ހަމައަށް މި ދަނީ،" މައުރޫފް ވިދާޅުވިއެވެ.
ސަރުކާރަށް އަދިވެސް ފުލެޓުތައް އެއްކޮށް ހަވާލުކޮށް ނުނިންމޭކަން ފާހަގަކުރައްވައި، އެއީ ރައީސް އާންމުންނަށް ކުރާ މަލާމާތެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ތެރެއިންވިޔަސް، ނުވަތަ އެހެން ސްކީމަކުންވިޔަސް ދެމަފިރިންގެ ތެރެއިން އެކަކަށް ފުލެޓެއް ލިބިފައިވާނަމަ، އަދި ފުލެޓަށް ޝަރުތު ހަމަވިޔަސް އެމްޑީޕީގެ ސަރުކާރުގައި ސިޔާސަތު އޮތީ އެއް ފަރާތަށް ފުލެޓު ދޭ ގޮތަށް ކަމަށާއި، އިތުރު ފަރާތްތަކާ އެކީ އެއްބަސްވުން ހެދި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވި ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހެޔޮކަމެއް ރައްޔިތަކަށް ކޮށްދޭނެ ނަމަ، އެމްޑީޕީ ސަރުކާރުން ނެރެފައިވާ ލިސްޓާ އެއްގޮތަށް ގެދޮރުވެރިޔާގެ ދަށުން ފުލެޓުތައް ދީ، އެހެން ސްކީމެއްގެ ދަށުން ފުލެޓާއި ގޯތި ދޫކުރަން ރައީސް ފެށްޓެވި ނަމަ އެމަނިކުފާނަށް ރައްޔިތުން އިތުބާރުކުރީހެވެ.
"ދެން އެންމެ ފަހުން މިހާރުގެ ފްލެޓު ލިސްޓު އާންމުނުކުރާނަމޭ ހިތަށް އަރައި، އެތައް ބަޔަކު އާންމުކުރަން ގޮވާލާފައިވާއިރުވެސް އާންމުނުކޮށް އެ ހިފަހައްޓަނީ، އަޅުގަނޑުމެން އެ ފްލެޓުތައް ހަވާލުކޮށް ނިންމީމަ މަޖިލީހަށް ފްލެޓު ލިސްޓު ގެންނާނަން، ނުގެނެހެއް ނުވާނެ، ފްލެޓު ލިސްޓުގަ އޮޅުވާލައިގެން ކުރީގަ ދީފަ ނޫން މީހަކަށް ފްލެޓު ދީފަ އޮތިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ،" މައުރޫފް ވިދާޅުވިއެވެ.