ފަހަތުން އަރާ ފްރެންކްފަޓް ބަލިކޮށް، ލިވަޕޫލަށް ހަމަނޭވާއެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ އެންޓްރެކްޓް ފްރެންކްފަޓް ބަލިކޮށް ލިވަޕޫލަށް ހަމަނޭވާއެއް ލެވިއްޖެއެވެ.

ޑަޗް ބޭންކް ޕާކްގައި ގާތްގަނޑަކަށް ފުލް ސްޓޭޑިއަމެއްގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

މިއީ ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓުގެ ކޯޗުކަމުގެ ދަށުން ލިވަޕޫލަށް ލިބުނު ހަމަނޭވާއެކެވެ. އެއީ އެންމެ ފަހުން ލިވަޕޫލް ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެއާއެކު މިއީ ކޯޗު ސްލޮޓަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް މަޑުޖެހުމެއް އަންނާނެ ކަމެކެވެ.

ލިވަޕޫލުން މި މެޗާ ކުރިމަތިލީ ފުރަތަމަ އެގާރައިގައި އިސާކް ހިމަނައިގެންނެވެ. މެޗުގައި ފްރެންކްފަޓްއިން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓުގައެވެ. މި ލަނޑަކީ ފްރެންކްފަޓްގެ މާރިއޯ ގޮޓްޒޭގެ ޕާހަކުން ރަސްމުސް ކްރިސްޓެންސެން ޖެހި ލަނޑެކެވެ.

ލިވަޕޫލުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ ހޫގޯ އެކިޓީކޭއެވެ. ކުރީގެ ކުލަބާ ދެކޮޅަށް އޭނާ މި ލަނޑު ޖެހީ މެޗުގެ 35 ވަނަ މިނިޓުގައެވެ. މި ލަނޑު ޖެހިތާ ހަތަރު ވަރަކަށް މިނިޓުފަހުން ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ލިބުނު ކޯނަރަކުން އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިބްރާހީމާ ކޮނާޓޭ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި, ހަތަރުވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ކާމިޔާބުކޮށްދިންއިރު މިއީ މި ސީޒަނުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.

ލިވަޕޫލްގެ ފަސްވަނަ ލަނޑު ޖެހީ ޑޮމިނިކް ސޮބޯޒްލާއީ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން 20 މިނެޓަށްވެފައި ވަނިކޮށެވެ.

comment ކޮމެންޓް