ޕޫޓިން ހުއްޓުވަން އެމެރިކާއާއި އިނގިރޭސިވިލާތުން ހަރުކަށި ފިޔަވަޅުތަކެއް

ވޮޝިންޓަން (23 އޮކްޓޯބަރު 2025): ޔުކްރެއިން ހަނގުރާމަ ހުއްޓާލަން ރަޝިއާއިން ދެކޮޅު ހަދާ ކަމަށް ބުނެ، އެމެރިކާއިން ރަޝިއާގެ ތެލުގެ ސިނާއަތާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓް (މާލީ ވުޒާރާ)އިން ބުނީ، ރަޝިއާގެ ތެލާބެހޭ އެންމެ ބޮޑު ދެ ކުންފުންޏާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އިއްޔެ އަޅާފައިވާނެ ކަމަށާއި މިއީ ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް ރަޝިއާގެ އެއްބާރުލުން ނުލިބޭތީ އެޅި ފިޔަވަޅުތަކެއް ކަމުގައެވެ.

މި ފިޔަވަޅުތަކުގެ މާ ބޮޑު ތަފުސީލެއް އެމެރިކާގެ މާލީ ވުޒާރާއިން ދީފައެއް ނުވެއެވެ. ރަޝިއާއަށް އަދަބު ދިނުމަށް ކެތްމަދުވެގެން އުޅޭ ޔޫރަޕްގެ ގައުމުތަކާއި ނޭޓޯގެ ސެކްރެޓޭރިއަޓުން ވަނީ އެމެރިކާގެ މި ފިޔަވަޅުތަކަށް ހޫނު މަރުހަބާ ކިޔައިފައެވެ.

ޔުކްރެއިނަށް އެންމެ ބޮޑަށް ވާގިވެރިވާ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުއްތޫ ވިދާޅުވީ، އެމެރިކާގެ ފިޔަވަޅުތަކަކީ ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއަށް ދިން ވަރަށް ވަރުގަދަ މެސެޖެއް ކަމަށެވެ. އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގެ ރައީސް ވްލްދިމިޔާ ޕޫޓިންއަށް އެއްޗެއް ވިސްނި ޕޫޓިން މިހާރަށްވުރެ ބޮޑަށް ހޭވަރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރުއްތޫ ވިދާޅުވިއެވެ.

ނަމަވެސް، އެމެރިކާގެ ފިޔަވަޅުތަކުން ރަޝިއާގެ އިގުތިސާދަށް ލިބޭނެ ގެއްލުމާއި ކުރާނެ ނޭދެވޭ އަސަރު މާކް ރުއްތޫ ވިދާޅުވެފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ފިޔަވަޅުތަކުގެ މާ ބޮޑު އަސަރެއް ރަޝިއާގެ އިގުތިސާދަކަށް ނުކުރާނެއެވެ. އެއީ، ރަޝިއާގެ ތެލުގެ ސިނާއަތު މިހާރު ބަރޯސާވެފައިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އުފައްދާ އާލާތްތަކުގެ މައްޗަށް ނޫންކަމަށް ވާތީއެވެ. އަދި، އެމެރިކާގެ ފިޔަވަޅުތަކުން ނުލިބޭ ތެލާބެހޭ ވަސީލަތްތަކާއި ބާޒާރު ޗައިނާ، އިންޑިއާ ބްރަޒީލް ފަދަ ބްރިކްސްގެ ގައުމުތަކުން ވެސް ރަޝިއާއަށް ލިބޭތީއެވެ. މީގެ އިތުރުން، ރަޝިއާގެ ތެލުގެ ސިނާއަތަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ބިޔަ މެޝިނަރީ ރަޝިއާ އަމިއްލައަށް މިހާރު އުފައްދަން ފަށާފައިވުމަކީ ވެސް އެމެރިކާގެ ފިޔަވަޅުތަކުގެ މާ ބޮޑު އަސަރެއް ރަޝިއާއަށް ނުކުރާނެ މައިގަނޑު ސަބަބެކެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ވެސް އިއްޔެ ވަނީ ރަޝިއާގެ ތެލުގެ ސިނާއަތާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅިކަން ހާމަކޮށްފައެވެ. އިނގިރޭސި ބޮޑުވަޒީރު ކީރު ސްޓާމާ ވިދާޅުވި ގޮތުގައި އޭނާގެ ގައުމުންވަނީ ރަޝިއާގެ ހަނގުރާމައިގެ މެޝިންތައް ހުއްޓުވުމަށްޓަކައި ރަޝިއާގެ ތެލާބެހޭ އެންމެ ބޮޑު ދެކުންފުންޏާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މި ފިޔަވަޅުތަކާ އަދި އެމެރިކާ އެޅި ފިޔަވަޅުތަކުން ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިންއަށް ވަރުގަދަ މެސެޖެއް ދެވިފައިވާނެ ކަމަށާއި އެ މެސެޖްގެ ސަބަބުން ޔުކްރެއިން ހަނގުރާމަ ހުއްޓާލުމާ މެދު ޕޫޓިން ވިސްނާނެ ކަމަށް އުންމީދު ކުރައްވާކަމަށް ސްޓާމާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ނަން ހުސްކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ. އަދި، ރަޝިއާ އަސްކަރީ ގޮތުން ބަލިކުުރުމަށްޓަކައި ޔުކްރެއިނަށް އެންމެ ބޮޑަށް އަސްކަރީ އެހީ ދޭ އެއްގައުމެވެ.

ނަމަވެސް، އިނގިރޭސިވިލާތަކީ މިހާރު ކުޑަ އިގުތިސާދަކަށްވެފައި އިނގިރޭސީންގެ ބާރާއި ނުފޫޒު ދުނިޔޭގައި ވަރަށް ބޮޑަށް ހީނަރުވެފައިވާތީ އެފިޔަވަޅުތަކުން ރަޝިއާގެ އަސްކަރީ ސިނާއަތަށް ވެސް އަދި ތެލުގެ ސިނާއަތަށް ވެސް މާ ބޮޑު ލޮޅުންތަކެއް އަރާފައެއް ނުވެއެވެ.

ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަސްވަރު އެމެރިކާއާއި ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އިނގިރޭސިވިލާތުން ކޮމަންވެލްތްގެ ގައުމުތަކުގެ ކިބައިން ވެސް އެދުނެވެ. ނަމަވެސް، އިނގިރޭސީންގެ އެދުމަށް ޚުދު ކޮމަންވެލްތުގެ ގައުމުތަކުން ވެސް އިޖާބަ ދީފައެއް ނުވެއެވެ.

އިނގިރޭސިވިލާތުން ނަންހުސްކޮށް ރަޝިއާއާ އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އަދި އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި ޣައްޒާގެ ނަސްލު ނައްތާލަމުންދާއިރު، އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ފަސްޖެހިފައެވެ.

އިނގިރޭސިވިލާތަކީ ޣައްޒާގައި އިސްރާއީލު ހިންގާ ޖަރީމާތަކަށް ބޭނުންވާ ޖާސޫސީ މައުލޫމާތާއި އަސްކަރީ އެއްބާރުލުމާއި ހަތިޔާރު ވެސް ދޭ ގައުމެކެވެ. އިނގިރޭސިވިލާތުން ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހައްޔަރު ވެސް ކުރަމުންނެވެ.

އިނގިރޭސިވިލާތަކީ އީރާނުން އަމިއްލަ ނަފުސުގެ ދިފާއުގައި އިސްރާއީލަށް ދިން މިސައިލް ހަމަލާތައް ހުއްޓުވައި އިސްރާއީލު ދިފާއު ކުރުމުގައި ވެސް އެމެރިކާއާ އެކު ބައިވެރިވެފައިވާ ގައުމެކެވެ. އަދި، އިނގިރޭސި ސަރުކާރުންވަނީ އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕަލެންޓައިން އެކްޝަން ގްރޫޕަކީ ޓެރަރިސްޓް ޖަމާއަތަކަށް ވެސް ހަދާފައެވެ.

ނަމަވެސް، ޣައްޒާގައި އިސްރާއީލު ހިންގާ ބިރުވެރި ގަތުލުއާންމުތަކާ ގުޅިގެން އިނގިރޭސި އާންމުން ގެ ވިސްނުން އިސްރާއީލާ ދެކޮޅަށް ބަދަލުވާން ފެށުމާއެކު އިނގިރޭސި ސަރުކާރުވަނީ ފަލަސްތީނަށް ދައުލަތެއް ހައްގުވާކަން ގަބޫލުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވެފައެވެ.

comment ކޮމެންޓް