ރޮނާލްޑޯ ނުލައި، އިންޑިއާގެ ގޯއާ އަތުން އަލް ނަސްރަށް އުނދަގޫ މޮޅެއް

އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ ސައުދީ އަރަބިއްޔާގެ އަލް ނަސްރުން އިންޑިއާގެ އެފްސީ ގޯއާ ބަލިކޮށްފިއެވެ.

ގޯއާގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމުގައި ކުޅުނު މި މެޗާ އަލް ނަސްރުން ކުރިމަތިލީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ.

މެޗުން އަލް ނަސްރު މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް، ގިނަ ބަޔަކަށް ހިތްހަމަނުޖެހުން ކަމަކަށްވީ ރޮނާލްޑޯ މި މެޗުން ނުފެނުމުންނެވެ. ގިނަ ބަޔަކު ވަނީ ބޮޑު އަގުގައި މި މެޗުގެ ޓިކެޓު ގަނެފައެވެ. ސަބަބަކީ ރޮނާލްޑޯ ހަމަލޮލުން ދެކިލުމަށެވެ.

ރޮނާލްޑޯ މި މެޗު ނުކުޅެން ނިންމީ އަލް ނަސްރާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނުވަތަ ކޮންޓްރެކްޓަށް ރިއާޔަތްކޮށެވެ. މި ކޮންޓްރެކްޓުގައި ވާގޮތުން ރޮނާލްޑޯ ބޭނުންނަމަ އެ މެޗެއް ނުކުޅެ ހުރުމުގެ ފުރުސަތު ތަނަވަސްވެއެވެ.

މި މެޗުގައި އިނިގޯ މާޓިނޭޒާއި ސަޑިއޯ މާނޭ ފެނުނެވެ. އަދި، ކިންގްސްލީ ކޫމަން ވެސް ކުޅެން ނާރައި އިނީ ބެންޗުގައެވެ.

އަލް ނަސްރުން މި މެޗުގައި ލީޑުނެގި ލަނޑު ޖެހީ މެޗުގެ 10 މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވާޑް އެންޖެލޯ ގެބްރިއެލްއެވެ. ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި ސައޫދީ ފޯވާޑް ހާރޫން ކަމާރާ ކާމިޔާބުކޮށްދިން އިރު، ގޯއާގެ ހަމައެކަނި ލަނޑު ޖެހީ 41 ވަނަ މިނިޓުގައެވެ. މި ލަނޑު ޖެހީ އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ބްރިސަން ފެނާންޑޭޒެވެ.

މި މޮޅާއެކު އަލް ނަސްރު އޮތީ ޖުމުލަ ނުވަ ޕޮއިންޓާއެކު ގްރޫޕް ޑީގެ ތާވަލުގެ އެއްވަނައިގައެވެ. އެއީ، ގްރޫޕުގައި ކުޅުނު ތިން މެޗުން މޮޅުވެގެންނެވެ. ދެ ވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ތަޖިކިސްތާނުގެ އިސްތިކްލާލްއެވެ. ގޯއާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު