ޒުވާން ދިވެހި ހުނަރުވެރިންނާ އެކު ދިރާގު އައިސިކް މިއުޒިކް ޝޯ މި ހުކުރު ދުވަހުގެ ރޭ 8:00ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން އިއުލާންކޮށްފިއެވެ.
ދިރާގުން ބުނީ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) އަށް ފަހު، އެ ދުވަހުގެ ރޭ ކުރިއަށްގެންދާ މި މިއުޒިކް ޝޯވގައި ފޯރިގަދަ ހުނަރުވެރި ދިވެހި ފަންނާނުންތަކެއްގެ ހުށަހެޅުން ފެންނާނެ ކަމަށެވެ. މީގެ ތެރޭގައި، ޑީޖޭ މީކާ، ޕްރޮޖެކްޓް ގްރޫވް، ވިނަވި، ޒެޑޭސިސް އަދި ސާދަ ތިރީސް އަށެއް ހިމެނޭ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ދިރާގުން ބުނީ މި ޝޯ ހިނގަމުންދާ ވަގުތު ދިރާގު ގޭމާސް ގިލްޑްއިން ގޭމިން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތްތަކުގައި އާންމުންނަށް މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި، "ކިންގް އޮފް ހިލް" ޗެލެންޖުގައި ބައިވެރިވެގެން ތިން މެޗުން ޖެހިޖެހިގެން މޮޅުވާ ކުޅުންތެރިންނަށް މިނީސޯގެ ވަން ޕީސް ކަލެކްޝަންގެ ޚާއްސަ އިނާމެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ދިރާގު އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ، ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބޭ ކާޑެކެވެ.
މީގެ ތެރޭގައި ދިވެހިރާއްޖޭގެ 50އަށް ވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ޚާއްސަ ދިރާގު ހޮޓްޑީލް ހިމެނެއެވެ.
ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ޚާއްސަކުރެވިފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދީފައިވެއެވެ.