ފަލަސްޠީނުގައި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތަންތަނުގައި ވަޒަންވެރިވާން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުން، ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން މިފަދައިން ބަޔާނެއް ނެރުނީ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ވަޒަންވެރިވުމުގެ މައްޗަށް އިޒްރޭލުގެ އިސްތިގުލާލު ޝަރުއީ ކުރުމަށް މަސައްކަތްކުރާ ދެ ގާނޫނުގެ ޑްރާފްޓްތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެެވެ.
އިޒްރޭލު މަޖިލީހުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމަށް ބެލެވޭ ނުރައްކާތެރި ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް މި ބަޔާނުގައި ވެއެވެ. އެއީ، އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ފުރުސަތު އިތުރަށް ނުރައްކަލުގެ ތެރެއަށް ވައްޓާލާ ކަމެއްގެ ގޮތުގައި ރާއްޖެއިން ސިފަކޮށްފައިވެއެވެ.
މި ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ހިންގާ ހުރިހާ ޣައިރު ގާނޫނީ ކަންކަމަށް އިޒްރޭލުން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ތަކުރާރުކޮށް ގޮވާލާފައެވެ.
ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާފުވެރި އަދި ޝަރުއީ ހައްގުތަކާއި، އަމިއްލަ ސިޔާދަތީ ހައްގު ކަށަވަރުކުރުމަށް ގޮވާފައެވެ. އަދި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށަކަށް ހަދާ، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ތަކުރާރުކޮށްފައިވެއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރީގައި އިޒްރޭލު ރައްޔިތުން ވަޒަންވެރިކުރުވަން ހުށަހެޅި ބިލު ފާސްކުރުން އަވަސްކުރުވަން އެ ގައުމުގެ މަޖިލީހުން ނިންމީ އަންގާރަ ދުވަހުގައެވެ. މި ބިލު ފާސްކުރުމުގެ ކުރިން ވެސް އިޒްރޭލު ރައްޔިތުން ޣައިރު ގާނޫނީ އުސޫލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވާކަން ފާހަގަކޮށްލަންޖެހެއެވެ.
އަލްޖަޒީރާއިން ވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ފަލަސްޠީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް އާބާދުވެފައިވާ ތަންތަނުގައި 700،000 އަށް ވުރެ ގިނަ އިޒްރޭލު މީހުން މިހާރުވެ ސް ދިރިއުޅޭ ކަމަށް ރިޕޯޓުކޮށްފައެވެ.
މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކާ އެކުގައި މި ބިލު ފާސްކުރި ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ބިލާ ދެކޮޅު ކަމަށް ރިޕޯޓްގައިވެއެވެ.