35،000 ރުފިޔާގެ މުސާރައަށް، މީޑިއާ ކޮމިޝަނަށް އެސްޖީއަކު ހޯދަނީ

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ހިންގާ އޮފީސް އިމާރާތް: 35،000 ރުފިޔާގެ މުސާރައަށް މީޑިއާ ކޮމިޝަނަށް އެސްޖީއަކު ހޯދަނީ ---- ފޮޓޯ/ ޕީއެސްއެމް

މަހަކު 35،000 ރުފިޔަގެ މުސާރައަކަށް މީޑިއާ ކޮމިޝަނަށް ސެކެޓްރީ ޖެނެރަލެއް ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އިއުލާނުކޮށްފިއެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ، މީޑިއާ ކޮމިޝަންގެ އެސްޖީގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާފައެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓު ކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުުކޮށްފައިވާން ޖެހެއެވެ.

ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެސްޖީގެ މަގާމަށް އައްޔަނު ކުރާ މީހަކަށް މަހަކު، 35،000 ރުފިޔާ ލިބޭނެއެވެ. އެއީ، އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 20،500 ރުފިޔާއާއި ލިވިން އެލަވަންސަށް ލިބޭ 15،000 ރުފިޔާއެވެ.

އެ މަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ބައެއް ސިފަތަކަށް ބަލާއިރު، އުމުރުން 30 އަހަރު ވެފައިވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރާ މީހަކަށް ނުވުން ހިމެނެއެވެ.

އެ މަގާމަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ، އަންނަ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މީޑިއާ ކޮމިޝަނުގައި ތިއްބަވާނީ ހަތް މެންބަރުން ކަމަށްވާއިރު، އެ މެންބަރުން ވަނީ އައްޔަނުކޮށްފައެވެ.

މީޑިއާ ކޮމިޝަނަށް އައްޔަނުކުރި މެންބަރުން: މަތީގައި ތިއްބެވީ މަޖިލީހުން އައްޔަނުކުރި މެންބަރުން އަދި ތިރީގައި ތިއްބެވީ ނޫސްތަކާއި ބްރޯޑްކާސްޓަރުން އައްޔަނުކުރި މެންބަރުން ----

އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ ތިން މެންބަރުންނާއި ނޫސްތަކާއި ބްރޯޑްކާސްޓަރުން އައްޔަނުކުރާ ހަތަރު މެންބަރުންނެވެ. އެގޮތުން، މަޖިލީހުން އެ ކޮމިޝަނަށް އައްޔަނުކުރީ، ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތެވެ.

ނޫސްތަކާ ބްރޯޑްކާސްޓަރުންގެ ފަރާތުން އެ ކޮމިޝަނަށް އައްޔަންކުރީ ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމެވެ.

https://sun.mv/212992

އޭގެ ފަހުން، އިއްޔެ ވަނީ މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

މީޑިއާ ރެގިއުލޭޓްކުރާ ބިލު ތަސްދީގުކުރީ ގިނަ މީޑިއާތަކުން އެ ގާނޫނާ ދެކޮޅު ހަދަނިކޮށެވެ. އެއީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ، އަދި ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، ތަޖުރިބާކާރު ގިނަ ނޫސްވެރިން ވަނީ ބިލާ ދެކޮޅު ހަދާފައެވެ

comment ކޮމެންޓް