ރައީސް މުއިއްޒާއި ފީފާގެ ރައީސް މެޗެއް ކުޅެނީ

ރައީސް މުއިއްޒު ފުޓުބޯޅަ ކުޅެނީ: ފީފާގެ ރައީސާ އެކު މާދަމާ މެޗެއް ކުޅެން ވަނީ ހަމަޖެހިފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅުއްވަން ހަމަޖެހިއްޖެއެވެ.

ފީފާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އިން މިއަދު ބުނީ، އެ ދަތުރުފުޅުގެ ތެރެއިން އިންފަންޓީނޯއާއި ރައީސް މުއިއްޒު ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ފުޓުބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފައެވެ.

އެއަށް ފަހު، އިންފަންޓީނޯގެ ޝަރަފުގައި ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅެން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ.

މިއީ މިދިޔަ 19 އަހަރު ދުވަހުގެ ތެރޭގައި ފީފާގެ ރައީސަކު ދިވެހިރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރީން 2006 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް، ސެޕް ބްލެޓާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވައިފައެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން، އޭނާ ދެ ދުވަހަށް ރާއްޖެއަށް ކުރެއްވި ދަތުރެކެވެ.

އެ ފަހަރު ބްލެޓާ ވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވަނީ ބައްދަލުކުރައްވައިފައެވެ.

ދާދި ފަހުން އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު ވަނީ ފީފާގެ ދަޢުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް