ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދު އިންތިޚާބުކޮށްފިއެވެ.
އެ މަގާމުގައި އިއްޔެއާ ހަމައަށް ހުންނެވީ، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އެކަމަކު، އެ މަގާމުން އޭނާ އިސްތިއުފާދެއްވާފައިވާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އޭގެ ފަހުން މިއަދު ޖޭއެސްސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ޔަޒްމީދު އިންތިޚާބުކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒު އިންތިޚާބުކުރީ، އޭޕްރީލް 27، 2022ގައެވެ. ޔަޒްމީދު ޖޭއެސްސީގެ މެންބަރަކަށް އައްޔަނުކުރީ، މިދިޔަ ފެބްރުއަރީ މަހުގެ 23 ގައެވެ.
ޔަޒްމީދުވަނީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވައިފައެވެ. އެ އިންތިޚާބު ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އާޒިމް އަބްދުލްއަޒީޒެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާއެވެ.