މި އަހަރުގެ ނިޔަލަށް މުޅި ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް ނިންމޭނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް: އޮޑިޓާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން ފަށައިފި ކަމަށް ފެނަކައިން ބުނޭ --- ފޮޓޯ: ފެނަކަ

މުޅި ފެނަކަ ކޯޕަރޭޝަންގެ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ހިންގުން ބޮއްސުންލައި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަބަދު ވެސް ކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނަޖާހް ވިދާޅުވީ، އެ ކުންފުނީގެ ވަކިވަކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވައިގެން ގޯހެއް ހެއްދެވިކަމުގެ ތުހުމަތުވާ ބޭފުޅުން ވެސް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ޕްރޮކިއުމަންޓާއި ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ އިސްވެރިން ވެސް އެއްކޮށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނަކައިގައި ހުރީ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން މިހާރު އެ ކުންފުންޏަށް އިއުލާނު ނުކޮށް ވެސް މުވައްޒަފުން ނެގުމުގެ ބާރު އެބައޮތް ކަމަށެވެ. އެކަމަކު، އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތަށް އެކަން ވެސް އިސްލާހުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/213034

"އަޅުގަނޑުމެންގެ ގަވާއިދުތަކާއި އުސޫލުތައް ހެދިފައި އޮންނަ ގޮތުން އަޅުގަނޑުމެންނަށް މިހާރުން މިހާރަށް ތަންދޭ، އިއުލާނު ނުކޮށް މީހުން ނެގުން. އެހެންނަމަވެސް އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވަނީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް،" އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، އެހެންވެ އެ މައްސަލަ ހައްލުކުރަން ގަވާއިދަށް އިސްލާހު ގެންނާނެ ކަމަށެވެ.

މީގެ އިތުރުން، ބައެއް ރަށްރަށުގައި މުވައްޒަފުން ގިނަ ކަމަށް އޭނާ ވެސް ވަނީ އެއްބަސްވެލައްވާފައެވެ. އެކަމަކު، އެ މުވައްޒަފުންގެ އިތުރަށް ވެސް ޓެކްނިކަލް މުވައްޒަފުން ބޭނުންވެއްޖެ ހާލަތެއްގައި ނަގަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، އެ މައްސަލަ ހައްލުކުރަން ވެސް މުވައްޒަފުންގެ އަދަދު ލިމިޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/196226

މީގެ އިތުރުން، ނަޖާހް ވިދާޅުވީ ފެނަކައިގެ މުޅި އޮނިގަނޑު އިސްލާހުކުރަން ކުންފުނީގެ ތެރޭގައި ކޮމިޓީއެއް ނަގައިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވަނީ މި މަހުގެ ތެރޭގައި ކޮމިޓީ މަރުހަލާ ނިންމާ ބޯޑަށް ކަންކަން ހުށަހެޅޭނެ ކަމަށް އަންދާޒާކުރައްވާފައެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ނިޔަލަށް މުޅި ތަނުގެ އޮނިގަނޑު ރީސްޓްރަކްޗާކޮށް ނިންމުން ޓާގެޓަކީ،" އޭނާ ވިދާޅުވިއެވެ.

އަބަދު ވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވާ ފެނަކައާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން މި ފަހުން ވަނީ ޚާއްސަ އޮޑިޓް ރިޕޯޓެއް އާންމުކޮށްފައެވެ. އެ އޮޑިޓުން ކުންފުނި ބޮއްސުންލާފައި އޮތް މިންވަރު ހާމަވާއިރު، ކޮރަޕްޝަންގެ ތުހުމަތުވާ ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ.

https://sun.mv/212053

ފާހަގަކޮށްލެވޭ ގޮތުގައި ފެނަކައަކީ އަބަދު ވެސް ސިޔާސީ ބޭނުމަށް ބޭނުންކުރާކަމުގެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވާ ކުންފުންޏެވެ.

ކޮރަޕްޝަންގެ ދައުވާއެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ކްރިމިނަލް ކޯޓުން ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް މި ފަހުން ވަނީ އިއްވާފައެވެ. އޭނާއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު، ތުހުމަތުތަކަށް އޭނާ އިންކާރުކުރެއެވެ.

comment ކޮމެންޓް