އިއްޔެ ގިނަ ބަޔަކަށް ސިހުން ގެނުވީ އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި ދެމަފިރިން މަރުވެފައި އޮއްވައި، ފެނުނު ޚަބަރުންނެވެ. އެއީ، 60 އަހަރުގެ އިބްރާހީމް އަބްދުﷲ އާއި 52 ފަރަހަނާޒް ރަޝީދެވެ.
އެ މަރުގައި ތުހުމަތުކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެއެވެ. އެކަމަކު، ދެމަފިރިން އެއްކޮށް މަރުވެފައި އޮއްވާ ފެނުމަކީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަކަށްވިއެވެ.
އޭގެ ތެރެއިން، އިބްރާހީމް އަބްދުﷲއަކީ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ ބޮޑުބޭބެއެވެ. މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން އަދަދު ނޫހުގައި ލީވާން މިއަދު ލިޔުނު ލިޔުމެއްގައި އެ ހާދިސާއާ ގުޅޭ ގިނަ ތަފުސީލުތަކެއް ވަނީ ހިއްސާކޮށްފައެވެ.
ރަށަށް ބަދަލުވީ ގެ ހަދަން!
އެ ކައިވެންޏަށް ދަރިއަކު ލިބިފައި ނެތަސް، ފަރުހަނާޒްގެ އަންހެން ދަރިއަކު ހުރެއެވެ. އޭނާ މަސައްކަތް ކުރަނީ ރިސޯޓެއްގައެވެ. މިދިޔަ ދުވަސްތަކުގައި އިބްރާހީމް އުޅުނީ ބޯޓު ދަތުރުކުރާށެވެ. އެކަމުގައި އުޅެމުން ބައެއް ވިޔަފާރިތައް ވެސް އޭނާ ކުރިއެވެ. އެގޮތުން، ރާއްޖޭން ބޭރުގެ ގައުމުތަކުން ބެޑުޝީޓާއި ފޮތި ގެނެސްގެން ވިއްކިއެވެ.

އައްޑޫ ސިޓީ ހިތަދޫ މަތިން: އިބްރާހީމްގެ ދެމަފިރިން އައީ ވިޔަފާރި ކުރަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ވިޔަފާރި ފުޅާކުރަމުން އައި، ގޯތި ތެރޭގައި މީގެ އަހަރުތަކެއް ކުރިން ފިހާރައެއް ހުޅުވިއެވެ. އިބްރާހީމް ރަށުގައި ނުހުންނަ ދުވަސްތަކުގައި ފިހާރައިގެ މަސައްކަތްކޮށްދެނީ އޭނާގެ އަންހެނުންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބޯޓު ދަތުރުކުރުމަށް ފަހު، އިބްރާހީމް ނިންމީ ރަށަށް ބަދަލުވާށެވެ. އުފަން ރަށް ހިތަދުއަށް ބަދަލުވީ، މީގެ ހަތަރު ވަރަކަށް މަސް ކުރިން ކަމަށް ލީވާން ލިޔެފައިވެއެވެ. އެއީ، ހިތަދޫ ޓޫރިޒަމް ޒޯނުން އޭނާއަށް ލިބުނު ގެ ހަދައި ނިންމާށެވެ.
އެ ގެ ފަރުމާކުރީ އިހުޒަމާނުގެ ގޮތަކަށެވެ. ދެ ކޮޓަރި ހުންނަ ގޮތަށް އެ ގެ ހެދީ ސެކިއުރިޓީ ވަރުގަދަކޮށް ކަމަށް ލީވާން ބުންޏެވެ. އެއީ، އައްޑޫގައި ހިނގާ ވައްކަމުގެ މައްސަލަތައް އިތުރުވުމުންނެވެ.
އެ ގެއަށް ވަދެވޭނީ ހަމައެކަނި މައި ދޮރުންނެވެ.

ފުލުހުންތަކެއް: ފުލުހުން ބުނީ މި މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ގެއަށް ބަދަލުވީ އަމިއްލަ ޖެނެރޭޓަރަކުން ކަރަންޓު ގުޅައިގެން
ގޭގެ މަސައްކަތް ބަދަލުވެވޭ ވަރަށް ނިމުމާ އެކު، އިބްރާހީމް ބޭނުންވީ އަވަހަށް ގެއަށް ބަދަލުވާށެވެ. އެހެންވެ، ގެއަށް ކަރަންޓުލާން އެދި ފެނަކައަށް ފޯމު ހުށަހެޅިއެވެ. އެ ގެ ހުންނަ ސަރަހައްދަކީ މީހުން އުޅޭ ހިސާބަކަށް ނުވާތީ، ފެނަކައިން ކަރަންޓު ލައިދޭކަށް އަދި ނުފަށަފައެވެ.
އެހެންވެ، އިބްރާހީމް ވިސްނީ އަމިއްލަ ޖަނަރޭޓަރަކުން ގެއަށް ކަރަންޓު ދޭށެވެ.
ލީވާން ލިޔެފައިވާ ގޮތުގައި އެ ގެއަށް ދެމަފިރިން ބަދަލުވީ ތިން ކިލޯގެ ޖަނަރޭޓަރެއް މާލެއިން ގެނެސްގެންނެވެ. އެ ޖަނަރޭޓަރު ބަހައްޓާފައި ހުރީ ގޭގެ އަނެއް ކޮޓަރީގައި ކަމަށްވެއެވެ. އޭނާ ބުނި ގޮތުގައި ބޮޑުބޭބެގެ ޚަބަރެއް ނުވީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.
ތަކުރާރުކޮށް އާއިލާއިން ގުޅައިގެން ވެސް ހިލަމެއް ނުވިއެވެ.
ފަރުހަނާޒްގެ ބައްޕަގެ ކެތްތެރިކަން ކޮޅުންލީ އިއްޔެ ހެނދުނުވިއިރު ވެސް އެ ދެމަފިރިންގެ ޚަބަރެއް ނުވުމުންނެވެ. މަރަދޫގައި ހުރި ފަރުހަނާޒްގެ ބައްޕައާއި އާއިލާގެ މީހުން ހިތަދުއަށް ދިޔައީ އެހެންވެއެވެ. ގޮސް އެ ދެމަފިރިން ދިރިއުޅޭ ގޭގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އެގޮތަށް ވެސް ހިލަމެއް ނުވުމުން ކުޑަދޮރު ހުޅުވައިގެން ބެލިއެވެ.
ނަމަވެސް، ދެމަފިރިން ފެންނާކަށް ނެތެވެ. އެ ހިސާބުން އެ ގެއަށް ވަންނާނެ އިތުރު ގޮތެއް ނެތެވެ.

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް: އެ ދެމީހުންގެ ހަށިގަނޑު މި ހޮސްޕިޓަލަށް ގެންދިޔަ --- ފޮޓޯ/ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް
އެހެންވެ، އެ އާއިލާއިން ނިންމީ ގޭގެ ފުރާޅުން ޓިނު ނަގައިގެން ވަންނާށެވެ. ފުލުހުންނާ އެކު، ވަދެ ބެލިއިރު، އެ ދެމަފިރިން ތިބީ މަރުވެފައެވެ. ހަވީރުގެ އެ ވަގުތު އެ މީހުންނަށް ވަދެވުނުއިރު ގެއަކު ކަރަންޓެއް ނެތެވެ.
ކޮންމެ ވެސް ވަރަކަށް ދުމުގެ އަސަރު ހުރި ކަމަށް ލީވާން ބުނެފައިވެއެވެ. ދެމަފިރިންގެ އެންމެ ފުރަތަމަ ފެނުނު މީހުންނާ ހަވާލާދީ ލީވާން ލިޔެފައިވާ ގޮތުގައި، ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ޖެނެރޭޓަރުން ކުރި ދުމުގެ އަސަރުންނެވެ.
އެކި ވަރުގެ ޒަޚަމުތައް ދެ މީހުންގެ ހަށިގަނޑުން ފެނުނު ކަމަށް އޭނާ ބުނެފައިވެއެވެ. އެ ދެމަފިރިންގެ ހަށިގަނޑުގެ ތަހުލީލުތަކެއް ހެދުމަށް ފަހު މިހާރު އޮތީ ހިތަދޫ މޯޗަރީގައެވެ. ދެމަފިރިންގެ އާއިލާގެ އެދުމަކީ ވީ އެންމެ އަވަހަކަށް ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމެވެ. އެ މީހުން ބޭނުންވަނީ ވީ އެންމެ އަވަހަށް އެ ދެމަފިރިންގެ ކަށުކަމާކެމީގެ ކަންކަން ބާއްވައި، ވަޅުލާށެވެ. އެކަމަކު، ޕޯސްޓްމޯޓެމް ހެދުމާ މެދު ގޮތެއް ނުނިންމާތީ އަދި އެ ކަމެއް ނުވެއެވެ.