މައިކްރޮސޮފްޓް އިން އެ ކުންފުނީގެ ޑިޖިޓަލް އެސިސްޓެންޓް ކޯޕައިލެޓަށް އަލަށް ފީޗާރސްތަކެއް ތަޢާރަފްކޮށްފިއެވެ.
މި ފީޗާސްތަކުގެ ތެރޭގައި އެއްބާރުލުމުގެ ޤާބިލްކަމާއި، އައުޓްލުކް އަދި ގޫގުލް ފަދަ އެޕްލިކޭޝަންތަކާއެކު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ހިމެނެއެވެ.
މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދުނިޔޭގައި އޮތް ވާދަވެރިކަމުގެ ތެރޭގައި އެ ކުންފުނީގެ އޭއައި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރި މަސައްކަތެކެވެ.
އޭއައި ގެ ބާޒާރުގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، އެންތްރޮޕިކް އާއި އޯޕަންއޭއައި ފަދަ ކުންފުނިތަކުން ދަނީ އެމީހުންގެ މޮޑެލްތައް އަޕްގްރޭޑްކޮށް، ބާޒާރުގެ ބޮޑު ބައެއް ހޯދުމަށް އަމާޒުކޮށްގެން އައު ޕްރޮޑަކްޓްތައް ތަޢާރަފްކުރަމުންނެވެ.
އަލަށް ތަޢާރަފްކުރި ފީޗާސްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކޯޕައިލެޓްގެ "ގްރޫޕްސް" ފީޗާއެވެ. މީގެ ސަބަބުން ކޯޕައިލެޓް 32 މީހުންނާ ހަމައަށް އެއްކޮށް މަސައްކަތްކުރެވޭ ޝެއާޑް ސްޕޭސްއަކަށް ބަދަލުކޮށްލައެވެ. މިކަމުގެ ސަބަބުން ލިޔުންތެރިކަމުގެ މަސައްކަތްތަކާއި އެހެނިހެން ޕްރޮޖެކްޓްތަކުގައި އެއްބާރުލުން ދިނުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، ކޯޕައިލެޓަށް "ލޯންގް-ޓާމް މެމޮރީ" ގެ ޤާބިލްކަން ލިބިގެންދެއެވެ. މީގެ ސަބަބުން ބޭނުންކުރާ ފަރާތުގެ މުހިންމު މައުލޫމާތުތައް ދިގު މުއްދަތަށް ހަނދާންކޮށް، ކުރިއަށް އޮތް ވާހަކަތަކުގައި އެ މައުލޫމާތުތައް ބޭނުންކުރުމުގެ ޤާބިލްކަން ލިބެއެވެ.
މައިކްރޮސޮފްޓްގެ އޭއައި ޕްރޮޑަކްޓް މެނޭޖަރު އެލާ ސްޓެކްލާ ވިދާޅުވެފައިވާ ގޮތުގައި، ޗެޓްބޮޓްތަކަށް ހަނދާން ހުރުމުގެ ފީޗާ އިތުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެޖް ބްރައުޒާ އިންޓެގްރޭޝަންގެ ސަބަބުން، ބޭނުންކުރާ ފަރާތުގެ ހުއްދަ ލިބިއްޖެނަމަ، މައިކްރޮސޮފްޓް އެޖް ބްރައުޒަރުގެ ޓެބްތަކުގައި ހުރި މައުލޫމާތުތައް ކޯޕައިލެޓަށް ބަލައި، އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޚުލާސާކުރުމާއި، އަޅާކިޔުމާއި، އަދި ހޮޓާ ބުކްކުރުން ފަދަ ކަންކަން ކުރުމުގެ ޤާބިލްކަން ލިބެއެވެ. އަދި ކުރިން ހޯދާފައިވާ ހޯދުންތައް "ސްޓޯރީލައިންސް" އަށް ބަދަލުކޮށްލެވޭނެއެވެ. މީގެ ސަބަބުން ކުރީގެ ޚިޔާލުތައް އަލުން ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
މައިކްރޮސޮފްޓްގެ މި އަޕްގްރޭޑްތަކަކީ އެހެން އޭޖެންޓިކް ބްރައުޒާތައް ކަމަށްވާ ޕާޕްލެކްސިޓީގެ ކޮމެޓް، އަލްފަބެޓްގެ ގޫގުލް ކްރޯމް އަދި އޯޕަންއޭއައިގެ އެޓްލަސް ފަދަ ބްރައުޒާތަކާ ވާދަކޮށް، އެ ކުންފުނީގެ ބްރައުޒަރަށް ޔޫޒަރުންގެ ލޯބި ޖެއްސުމަށް ކުރާ މަސައްކަތެކެވެ.
މީގެ އިތުރުން، ވާހަކަ ދައްކާއިރު އިތުރަށް ގުދުރަތީ ކަމެއް ގެނައުމަށްޓަކައި "މީކޯ" ނަމަކަށް ކިޔާ އެވޭޓާއެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ. މި އެވޭޓާއަށް އިޙްސާސްތައް ދައްކައި، ކުލަ ބަދަލުކުރުމުގެ ޤާބިލްކަން ލިބިފައިވެއެވެ.
އޭއައި އިން އުފައްދާ މައުލޫމާތުތަކުގެ ސައްޙަކަމާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާތީ، ކޯޕައިލެޓްގެ ސިއްޙަތާ ގުޅުންހުރި ސުވާލުތަކަށް ޖަވާބުދިނުމުގައި، އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ނަގައިގެން ޖަވާބު ދިނުމުގެ ޤާބިލްކަން ވެސް މައިކްރޮސޮފްޓުން ވަނީ ރަނގަޅުކޮށްފައެވެ.
މި ހުރިހާ އަޕްޑޭޓްތަކެއް މިހާރު އެމެރިކާގައި ވަނީ ޢާންމުކުރެވިފައެވެ. އަދި ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި އިނގިރޭސިވިލާތާއި، ކެނެޑާ އަދި އެނޫން ޤައުމުތަކުގައި ވެސް މި ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް މައިކްރޮސޮފްޓުން ބުނެއެވެ.
 
											
										 
					 
                 
                                                            