ވަލިއްޔުންގެ ދަރަޖައަށް ނަބިއްޔުން ވެސް ދަހިވެތިވެވަޑައިގަންނަވާ: ޚުތުބާ

ބަޔަކު ނަމާދުކުރަނީ: ޚުތުބާގައި ބުނީ ވަލިއްޔުންގެ ދަރަޖައަށް ނަބިއްޔުން ވެސް ދަހިވެތިވާ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިޔާމަތް ދުވަހުން މާތް ﷲގެ ހަޒުރަތުގައި ވަލިއްޔުންގެ ދަރަޖަ ފެނިވަޑައިގަތުމުން ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ކިޔާފައިވަނީ މާތްﷲ ގެ ވަލިއްޔުންނާ ބެހޭ ގޮތުންނެވެ.

ޚުތުބާގައި ބުނީ، އިންސާނުންނަށް ވަލިއްޔުންގެ ދަރަޖައަށް ވާސިލުވެވޭނީ އިމާންވެ، ތަގުވާވެރިވެގެން ކަމަށެވެ. މާތް ﷲގެ ވަލިއްޔުންގެ ފުރިހަމަވާންޖެހޭ މައިގަނޑު ދެ ޝަރުތެއް ވެއެވެ. އެއީ، މާތްﷲއަށް ފުރިހަމައަށް އިމާންވުމާ އެކު އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އަދި، ދެވަނަ ޝަރުތަކީ، އެކަލާނގެއަށް ތަގުވާވެރިވުމެވެ.

އެއީ، މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން ކަމަށް ޚުތުބާގައި ބުންޏެވެ.

"މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެކެވެ. އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ،" ޚުތުބާގައި ބުންޏެވެ.

މާތްﷲގެ ވަލިއްޔުންނާ ބެހޭ ގޮތުން މާތް ރަސޫލާ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެސް ވަނީ އެފަދައިންނެވެ. ގިޔާމަތް ދުވަހު، މާތް اللهގެ ހަޒުރަތުގައި ވަލިއްޔުންގެ ދަރަޖަ ނަބީބޭކަލުންނާއި ޝަހީދުންނަށް ފެނިވަޑައިގަތުމުން، އެ ބޭކަލުން ވެސް އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާ ކަމަށް އެ ހަދީޘްގައިވެއެވެ.

ޚުތުބާގައި ބުނީ، ވަލިއްޔުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް އެއްވެސް ބިރުވެރިކަމެއް ނުވާ ކަމަށެވެ. އަދި، އެ ބޭކަލުންނަށް މާތްﷲ ހިމާޔަތާއި ރައްކާތެރިކަން ދެއްވާނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން ވެސް ޚުތުބާގައި ވަނީ މާތްﷲ ހަރާމްކުރައްވާފައިވާ އެންމެހާ ކަންތައްތަކުން ދުރުހެލިވެ، ދީނުގައި އަންގަވާފައިވާ މަގުން ކުރިއަށްދާން ނަސޭހަތްތެރިވެފައެވެ. އަދި، ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދަން މަސައްކަތްކުރަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް