އދ.އަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ހައްލުކުރުމަށް ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ: އާންމު މަޖިލީހުގެ ރައީސުން

އދ.ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭސާއިއެކު އަބްދުﷲ ޝާހިދު: އދ.އަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ހައްލުކުރުމަށް ގާނޫނީ ޒިންމާތައް އަދާކުރަން ޖެހޭ ކަމަށް އާންމު މަޖިލީހުގެ ރައީސުން ވަނީ ބުނެފައި ---

އދ.އާއި ޚާއްސަ އެޖެންސީތަކުގެ މުސްތަގުބަލަށް ނުރައްކާވާ މިންވަރަށް މާލީ ދަތިތައް ކުރިމަތިވެފައިވާތީ އެކަން ހައްލުކުރުމަށް ގާނޫނީ ޒިންމާތައް އަދާކުރުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސުންގެ ކައުންސިލުން މިއަދު ގޮވާލައިފިއެވެ.

އދ. ގެ 80 ވަނަ އަހަރީ ދުވަހާ ގުޅިގެން އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސުންގެ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވަނީ، މި ތާރީޚީ މުނާސަބަތުގައި، އދ. އިން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އދ. ގެ ޗާޓަރަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބައިނަލްއަޤްވާމީ ނިޒާމުގެ ބިންގަލަށްވެ، މަލްޓިލެޓްރަލިޒަމް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ އޮނިގަނޑަކަށް ވެފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

އެގޮތުން އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސުންގެ ކައުންސިލުން ބުނީ، ސުލްޙައާއި ސަލާމަތީ، ތަރައްޤީއާއި އިންސާނީ ޙައްޤުތަކަކީ އދ. ގެ ނިޒާމުގެ ތަނބުތައް ދެކޭ ކަމަށެވެ.

އެ ތަނބުތަކަކީ އަމާންކަމާއި ދުޅަހެޔޮކަމުގެ އަސާސްތައް ކަމަށާއި އިންސާނީ ޙައްޤުތަކެއް ނެތި ސުލްޙައެއް ތަރައްޤީއެއް ނޯންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އދގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ޝާހިދު ބަލަހައްޓަވަނީ --- ފޮޓޯ/ އދ

އެކާވީސް ވަނަ ޤަރުނުގައި އދ.ގެ ދައުރު ފުރިހަމައަށް އަދާކުރުމަށްޓަކައި، ފުޅާ އިޞްލާޙީ މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށް އެ ކައުންސިލުން ގަބޫލުކުރެއެވެ.

ސެކިއުރިޓީ ކައުންސިލް ވާގިނެތިފައިވުމަކީ، އދ. ގެ އެންމެ މުހިންމު ޒިންމާކަމަށްވާ ބައިނަލްއަޤްވާމީ ސުލްޙައާއި ސަލާމަތީ ކަންކަން ހިފެހެއްޓުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ބަޔާނުގައިވެއެވެ.

އެކަމަށްޓަކައި ޔޫއެންސީޕީޖީއޭއިން ވަނީ، ސުލްޙަ އަދި ސަލާމަތީ ދާއިރާގައި އދ. ގެ ދައުރު އިޞްލާޙުކުރުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ގޮވާލާފައެވެ.

އެ ޖަލްސާއަށްފަހު، އދ. ގެ ޗާޓަރުގެ މާއްދާ 109 ގެ ދަށުން ޗާޓަރު މުރާޖަޢާކުރުމަށް އާންމު ކޮންފަރެންސެއް މެދުވެރިކޮށް ޖަމްޢިއްޔާގެ ފުޅާ އިޞްލާޙަށް މަގުފަހިވާނެ ކަމަށް ރައީސުންގެ ކައުންސިލުން ވަނީ ބުނެފައެވެ.

ޖަލްސާގައި ބައިނަލްއަޤްވާމީ ސުލްޙަ އާއި ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް އެޑުރެސްކުރަން އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އެގޮތުން،

  • މަލްޓިލެޓްރަލިޒަމުގެ އެއްބައިވަންތަކަމަށް އޮތް ގޮންޖެހުން
  • ބައިނަލްއަޤްވާމީ ޤާނޫނަށް އޮތް ގޮންޖެހުންތައް
  • ބޮޑެތި ބާރުތަކުގެ ކުރިމަތިލުމާއި ނިއުކްލިއާ ހަނގުރާމައިގެ ނުރައްކާ
  • އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސްގެ ނުރައްކާ

ބަޔާނުގައި އިތުރަށް ވަނީ، ޖެހިގެން އަންނަ ސެކްރެޓަރީ-ޖެނެރަލްގެ އިންތިޚާބަކީ އދ. ގެ ލީޑަޝިޕް ހަރުދަނާކުރުމަށް މުހިންމު ފުރުޞަތެއް ކަމަށެވެ. އެހެންވެ، ޔޫއެންސީޕީޖީއޭ އިންވަނީ، އދ. ގެ 193 މެމްބަރު ޤައުމުތައް ހިމެނޭގޮތަށް ހާމަކަން ބޮޑު، ހުރިހާ ފަރާތްތައް ޝާމިލްވާ އިންތިޚާބީ ޕްރޮސެސްއެއް ގެންގުޅުމަށް ގޮވާލާފައެވެ.

އެގޮތުން، ޖެނެރަލް އެސެމްބްލީގެ ރައީސްގެ ގޮވާލުމަށް އެއްބާރުލުންދީ، ކަމަށް ޤާބިލް އަންހެން ބޭފުޅަކު ޖެހިގެން އަންނަ ސެކްރެޓަރީ-ޖެނެރަލްގެ ގޮތުގައި ހޮވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް އާންމު މަޖިލީހުގެ ރައީސުން ވަނީ ބުނެފައެވެ.

ހަމައެހެންމެ، އދ.އާއި އޭގެ ޚާއްޞަ އެޖެންސީތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ މެދު ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖަމްޢިއްޔާގެ މުސްތަޤްބަލަށް ނުރައްކާވާ މިންވަރަށް މި މައްސަލަ ބޮޑުވެފައިވާތީ، އދ. ގެ މެމްބަރު ޤައުމުތަކުންނާއި މައި ކޮންޓްރިބިއުޓަރުން އދ. ގެ ޗާޓަރުގެ ދަށުން ޤާނޫނީ ޒިންމާތައް އަދާކުރުމަށް އާންމު މަޖިލީހުގެ ރައީސުން ގޮވާލައިފައިވެއެވެ.

އދ. އިޞްލާޙު ކުރުމަކީ މިއަދުގެ ޒުވާނުންގެ އުއްމީދުތައް ހާސިލުކުރުމަށާއި 1945ގައި އދ. ގެ ޗާޓަރު އުފެދުނު އަސްލު މަޤްޞަދު ޙާޞިލުކުރުމަށް ވަރަށް މުހިންމު ކަމެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް