ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަޖެޓަށްދޭ ފައިސާގެ ގޮތުގައި ދޭން ބަޖެޓުކުރި އަދަދަށްވުރެ އިތުރަށް 1.15 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ކުންފުނިތަކަށް މި އަހަރުގެ ބަޖެޓުން ދޭން ކަނޑައަޅާފައިވަނީ 378 މިލިއަން ރުފިޔާއެވެ.
އެކަމަކު، މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ކުންފުނިތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، ބަޖެޓު ކުރި އަދަދުގެ އިތުރަށް 1.15 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާ އަޅައިބަލާއިރު ވެސް 169 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުންފުނިތަކަށް ބަޖެޓުން ކުރާ ހޭދަ ބޮޑުވިއިރު އެ ކުންފުނިތަކުން ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފައެވެ.
އެގޮތުން، ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި މިހާތަނަށް ލިބުނީ 649 މިލިއަން ރުފިޔާއެވެ. އެއީ، 78 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެހެންވެ، ކުންފުނިތަކުން ލިބުނު އާމްދަނީ ވެސް ދަށްވެ، ކުރަންޖެހޭ ހޭދަ ވެސް ވަނީ ބޮޑުވެފައެވެ.
ސަރުކާރުން ވަނީ ފައިދާނުވާ ބައެއް ކުންފުނިތައް އުވާލައި، ގެއްލުމުގައި ހިންގާ ބައެއް ކުންފުނިތައް އެހެން ބޮޑެތި ކުންފުނިތަކާ އެއްކޮށްލަން ނިންމާފައެވެ. އެގޮތުން ގެންނަން އިއުލާނުކުރި ބައެއް ބަދަލުތައް:
- އެއާޕޯޓު ހިންގާ އެމްއޭސީއެލާއި ރީޖަނަލް އެއާޕޯޓްސް ކުންފުނި އެއްކޮށްލަން، އެ މަސައްކަތް އެބަ ހިނގާ
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އެއްކޮށްލުން، އެ މަސައްކަތް ނުހިނގާއިރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)ން ވަނީ އެ ކަމުން ގެއްލުންވާނެ ކަމަށް ބުނެފައި
- ދަރަނި ބޮޑުވެފައި އޮތް ފެނަކައާއި އެސްޓީއޯ އެއްކޮށްލަން ނިންމި، އެކަމަކު ފަހުން ނުކުރަން ނިންމި
- މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން ވަޒީރުންގެ މަޖިލީހުން ނިންމި، އެކަމަކު އަދިވެސް އުވައެއްނުލާ
- އެގްރޯނެޓް ކޯޕަރޭޝަން އުވާލަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމި، އެކަމަކު އުވައެއްނުލާ
ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި ހިންގާތާ އެތައް ޒަމާނެއްވިއިރު އޭގެ ތެރެއިން 22 ކުންފުންޏަކީ ސީދާ 100 އިންސައްތަ ސަރުކާރުން ހިއްސާވާ ކުންފުންޏެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ހުރީ 125 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރޭގައި ސޮވެރިން ގެރެންޓީގެ ދަށުން ނެގި 12.67 ބިލިއަން ރުފިޔާ ވެސް ހިމެނެއެވެ. އަދި، އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޗްޑީސީއާއި އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ ވެސް ދަރަންޏާއި ހަރުމުދަލުގެ ރޭޝިއޯ ހުރީ 50 އިންސައްތައަށްވުރެ މަތީގައެވެ.
އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކުން މީހުންނަށް 'ވަޒީފާ ބަހާކަމުގެ' ތުހުމަތުވާއިރު މިހާރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 34،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.
 
											
										 
					 
                